ޔޫވީ ބަލިކޮށް، މާޒިޔާއިން ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުކޮށްފި

މާލޭ ލީގުގެ ދެވަނަ ބުރުގައި މާޒިޔާއާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވީ 2-0ގެ ނަތީޖާއަކުން --- ފޮޓޯ/ އެފްއޭއެމް

އެސްޓީއޯ މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ހޯދި މޮޅާއެކު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ދިވެހި ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މާލޭ ލީގު ދެވަނަ ބުރުގެ މެޗުގައި ޔޫވީ އަތުން މާޒިޔާ މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ.

މާލޭ ލީގުގެ ގަދަ ހައެއް ކަށަވަރުކުރާ ޓީމުތަކަށް މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުން ޖާގައެއް ލިބޭ އިރު، މާޒިޔާއާއެކު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބު އަދި ކްލަބު އީގަލްސްއަށް ވެސް ވަނީ ގަދަ ހައެއް ކަށަވަރުވެފައެވެ. މާޒިޔާ ވަނީ 11 މެޗުން ހޯދި 20 ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ.

މާލޭ ލީގުގެ ދެވަނަ ބުރުގައި މާޒިޔާއާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވީ 2-0ގެ ނަތީޖާއަކުން --- ފޮޓޯ/ އެފްއޭއެމް

މާލޭ ލީގުގައި ކުޅުނު ދިހަ މެޗުން ލިބުނު ދިހަ ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައި ކްލަބު ގްރީން ސްޓްރީޓްސް އޮތް އިރު، ހަތް ވަނައިގައި އޮތް ޔޫވީއަށް 11 މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ގަދަ ހައެއްގެ ފަހު ޖާގަ ހޯދުމުގެ ފުރުސަތު އޮތީ ގްރީނާއި ޔޫވީ އަދި ކްލަބު ވެލެންސިއާއަށެވެ. އޭގެ ތެރެއިން ވެލެންސިއާއަށް ގަދަ ހައެއް ކަށަވަރުކުރުމަށް އޮތީ ވަރަށް ހަނި ފުރުސަތެކެވެ. ތާވަލުގެ ފުލުގައި އޮތް ވެލެންސިއާއަށް 11 މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެވެ.

މިރޭ ކުޅުނު މެޗުގައި މާޒިޔާއިން ލީޑު ހޯދުމާ ހަމައަށް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ހަމަލާ ފެނިގެންދިޔައީ ޔޫވީގެ ފަރާތުންނެވެ. މެޗުގެ ކުރީކޮޅު އަހުސަން ނައީމް ދިން ބޯޅައަކުން ސެމިއެލް ކޯޑެލް ފޮނުވާލި ހަމަލާ، މާޒިޔާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 31 ވަނަ މިނެޓުގައި މާޒިޔާގެ ނާއިޒް ހަސަން (ދާދު)އަށް ލަނޑުޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ދާދު ފޮނުވާލި ފުރަތަމަ ހަމަލާ ޔޫވީގެ ކީޕަރު ތޮލާލް ހަސަން ދިފާއުކުރި އިރު، އޭނާގެ ދެވަނަ ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މާޒިޔާއިން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ދާދު ޖެހި ލަނޑުންނެވެ. އިސްމާއިލް އީސާ (މެސީ) ދިން ބޯޅައެއް ޕެނަލްޓީ އޭރިއާ ތެރެއިން ވަރަށް ރީތިކޮށް ކޮންޓްރޯލް ކޮށްލުމަށްފަހު، ދާދު ވަނީ ޔޫވީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.

މާލޭ ލީގުގެ ދެވަނަ ބުރުގައި މާޒިޔާއާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވީ 2-0ގެ ނަތީޖާއަކުން --- ފޮޓޯ/ އެފްއޭއެމް

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި މާޒިޔާއަށް ލަނޑުޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ކޯނެލިއަސް ސްޓެވާޓް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާ ޔޫވީގެ ގޯލާ އަމާޒުވެފައިނުވާ އިރު، ޕެނަލްޓީ އޭރިއާ ތެރެއިން މެސީ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޔޫވީގެ ކީޕަރު ތޮލާލެވެ.

މެޗުގެ 57 ވަނަ މިނެޓުގައި ޔޫވީއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އަލީ ހައިސަމް ދިން ބޯޅައަކުން ޔޫވީގެ ބިދޭސީ ފޯވަޑް ސެމިއުލް ފޮނުވާލި ހަމަލާ އަމާޒުވީ މާޒިޔާގެ ގޯލް ބަލަހައްޓަމުންދިޔަ ޒުވާން ކީޕަރު ހުސައިން ޝަރީފްގެ އަތަށެވެ. މިރޭގެ މެޗުގައި މާޒިޔާގެ ގޯލް އޭނާ ބެލެހެއްޓީ އެޓީމުން އިޓަލީ ކީޕަރު މައުރޯ ބޮއޭޗިއޯ ފޮނުވާލުމުންނެވެ.

މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، މާޒިޔާއަށް ލީޑު ފުޅާކޮށްދިނީ ގިނަ ދުވަސްތަކަކަށްފަހު އެޓީމުގެ ފުރަތަމަ 11 އިން ފެނިގެންދިޔަ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ)އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ދާދު ނަގައިދިން ކޯނަރެއް ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އެ ލަނޑު ޖެހުމުގެ މިނެޓެއް ކުރިން އަސައްކޮގެ ފަރާތުން ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔަ އިރު، އޭނާ ދުރުން ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ޔޫވީގެ ކީޕަރު ތޮލާލެވެ.

މާދަމާ ވެސް މާލޭ ލީގުގެ ދެވަނަ ބުރުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މާދަމާ ރޭ 10:00ގައި ކުޅޭ ލީގު މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސްއެވެ.

comment ކޮމެންޓް