އަޅުގަނޑުމެން ރައްޔިތުންގެ ލޯބި ހޯދީ މުލައްދަނޑީގެ ބާރަކުންނެއް ނޫން: ރައީސް ޔާމީން

ޕީޕީއެމް އިން ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ--

ރައްޔިތުންގެ ލޯބި ހޯދާފައިވާނީ މުލައްދަޑީގެ ބާރު ބޭނުންކޮށްގެން ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއަށް މެންބަރުންތަކެއް ސޮއިކުރުމަށް އެ ޕާޓީގެ އޮފީހުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ގަދަބާރުން ކަންކަން ކުރުމަކީ ޑިމޮކްރަސީގެ ރީތި އުސޫލެއް ނޫންކަމަށާއި ޕީޕީއެމް އިން ރައްޔިތުންގެ ލޯބި ހޯދާފައި ވަނީ ގަދަ ބާރުން ނޫންކަމަށެވެ.

"ގަދަބާރުން ކަންކަން ކުރުމަކީ ޑިމޮކްރަސީގެ ރީތި އުސޫލެއްނޫން. ޑިމޮކްރަސީގެ ރީތި އުސޫލަކީ އެބަޔަކު ވިއްކަން ބޭނުންވާ ފިކުރެއް އެހެންމީހުންނަށް ވިސްނައިދީގެން އެޔަށް ވުރެ މޮޅު ހިޔާލެއް އިދިކޮޅުން ދެއްކިފައި ނެތްކަން ވިސްނައިދިނުން،" ރައީސް ޔާމީންް ވިދާޅުވިއެވެ.

ކޮންމެ ފިކުރެއްގެ ބޭފުޅަކަސް، ކޮންމެ ޕާޓީއެއްގެ ބޭފުޅަކަސް، އަމާން ކަމާއެކީ ދިރި އުޅުމުގެ ފުރުސަތު ލިބެންޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި މީގެ ކުރިން އަމާންކަން ނެތްވަރަށް ހުރިހާ ކަންކޮޅެއްގައިވެސް އަމާންކަން އެބަ އޮތްކަމަށާއި ރައްޔިތުންގެ ފަސޭހައަށް މީގެ ކުރިން ޚިޔާލަށްވެސް ނުގެނެވޭ ވަރުގެ ބޮޑެތި މަސްރޫއުތަކެއް ކުރިއްޔަށް ގެންދަމުން ދާކަމަށެވެ.

"ހުވަފެނުން ވެސް ދުވަހަކު ދެކިފައިނުވާ ވަރުގެ ބޮޑެތި މަޝްރޫއުތައް ހިންގެމުން މިދަނީ. މި މަޝްރޫއުތައް ހިންގަމުން ދަނީ ރައްޔިތުންގެ ފަސޭހައަށްޓަކައި،" ރައީސް ޔާމީން ވިިދާޅުވިއެެވެ.

ތަރައްގީއަކީ ހުރިހާ އެންމެންނަށް ހަމަޖެހިގެން ދިރި އުޅެވޭނެ ގޮތްވުމާއި، ބޯހިޔާވަހިކަން ހަމަޖެހިގެން ދިޔުމާއި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށް ދިނުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

comment ކޮމެންޓް