ހއ. ހޯރަފުށި ކައިރީގައި އޮންނަ މާފިނޮޅުގައި އަޅާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
މިއަދު ޓޫރިޒަމް މިނިސްޓްރީގައި ކުރިއަށްދިޔަ ކުޑަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތެވެ.
މާފިނޮޅުގައި ސަރުކާރުން ތަރައްގީ ކުރަނީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް އާންމުގޮތެއްގައި ތަރައްގީ ކުރަމުންދާ އެއާޕޯޓްތަކުގައި ވެސް ތަރައްގީ ކުރާ ސައިޒުގެ ރަންވޭއެކެވެ. އެއީ އެތެރޭގެ އުދުހުންތަކުގައި މޯލްޑިވިއަން އިން ބޭނުންކުރާ މަތިންދާބޯޓް ޖެއްސޭ ސައިޒުގެ ރަންވޭއެކެވެ. އެހެން އެއާޕޯޓްތަކެކޭ އެއްގޮތަށް މާފިނޮޅުގައި އަޅާ އެއާޕޯޓުގެ ރަންވޭގެ ދިގުމިނަކީ 1.2 ކިލޯމީޓަރެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގެ އެންމެ އުތުރު އަދި އެންމެ ދެކުނުގެ ރަށްރަށަކީ ދަތުރުފަތުރު ކުރުމުގެ ކަންކަން ވަރަށް ދަތިކޮށް އޮތް ސަރަހައްދުތައް ކަމަށާއި އެހެން ކަމުން މި ސަރުކާރުގެ އެންމެ މުހިންމު އަމާޒުތަކުގެ ތެރެއިން އެ ސަރަހައްދުތަކުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ކަންކަން ފަސޭހަކަމާ އެކު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދިޔުން ކަމަށެވެ. އަދި ވިދާޅުވީ ހޯރަފުށި ކައިރީގައި ހަދާ އެއާޕޯޓަކީ ވެސް އެ މަސައްކަތުގެ ތެެރެއިން ސަރުކާރުން ކުރިއަށް ގެންދާ މަޝްރުއުއެއް ކަމަށެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ ހއ. އަތޮޅުގައި ތަރައްގީ ކުރާ އައިހެވަން މަޝްރޫއުގެ ތެރެއިން އެ ސަރަހައްދުގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައިވީ ނަމަވެސް މިކަމަކީ މިހާރުން މިހާރަށް ވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށް ސަރުކާރަށް ގަބޫލު ކުރެވޭތީ އެ މަސައްކަތް ކުރިއާލާ ފެށީ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ވެސް އެމްޓީސީސީގެ ޓީމްތައް އެ ސަރަހައްދުގައި އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް ހަދަމުންދާ ކަމަށެވެ.
"މިހާރު ކުރިއަށް އެބަދޭ އީއައިއޭ ހެދުމުގެ މަސައްކަތް. އެމްޓީސީސީގެ ޑްރެޖަރު މިވަގުތު އޮތީ ތިލަފުށީގެ މަސައްކަތެއް ކުރުމަށް މާލޭ ސަރަހައްދުގައި. އެ މަސައްކަތް ނިމުނުހާ އަވަހަކަށް އެ ސަރަހަދަށް ދާނެ." މިނިސްޓަރު ވިދާޅުވި އެވެ.
އެމްޓީސީސީގެ ސީއީއޯ ޒިޔަތު ވިދާޅުވީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ ޖީއެސްޓީ ނުހިމެނޭ ގޮތަށް 64 މިލިއަން ރުފިޔާއަށް ކަމަށާއި މަސައްކަތް ނިންމަން 203 ދުވަސް ހޭދަވާނެ ކަމަށެވެ. އަދި އެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ނިންމޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
މާފިނޮޅުގައި އަޅާ އެއާޕޯޓް އެޅުމަށް ހިއްކަނީ 16 ހެކްޓަރުގެ ސަރަހައްދެކެވެ. އަދި އެ ސަރަހައްދު ހިއްކުމުގެ މަސައްކަތަށް މަހާޖައްރާފް ދިޔުމުގެ ކުރިން ބައުންޑަރީ އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.
އެ ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ މިއީ ހޯރަފުށި އަދި އެހިސާބުގަނޑުގެ ހުރިހާ ރައްޔިތުން ވެސް އުންމީދުކޮށްގެން ތިބި ކަމެއް ކަމަށާއި ޒަމާނުންސުރެ ދިމާވެފައިވާ ދަތުރުފަތުރުގެ މައްސަލައަށް މިކަމުގެ ސަބަބުން ހައްލެއް އަންނާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
މާފިނޮޅު އެއާޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރި އިރު މިހާރު ވެސް އެ ކުންފުނިން އަންނަނީ ތިން އެއާޕޯޓެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ހދ. ކުޅުދުއްފުށީ އެއާޕޯޓް، ށ. ފުނަދޫ އެއާޕޯޓް އަދި ގއ. މާވަރުލު އެއާޕޯޓްގެ މަސައްކަތެވެ.