ލިވަޕޫލްގެ ގޯލްކީޕަރަށް މަރުގެ އިންޒާރުތަކެއް!

މެޗަށްފަހު އެންމެ މާޔޫސްވެފައި ހުރި ކުޅުންތެރިއަކަށްވީ ކެރިއަސް --- ފޮޓޯ/ އޭޕީ

ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރެއާލް މެޑްރިޑާއި ވާދަކުރި މެޗުން ލިވަޕޫލް ބަލިވީ 3-1ގެ ނަތީޖާއަކުންނެވެ.

މެޗުގައި ރެއާލްއިން ޖެހި ތިން ގޯލްގެ ތެރެއިން ދެ ގޯލަކީވެސް ލިވަޕޫލްގެ ޒުވާން ކީޕަރު، ލޮރިސް ކެރިއަސް އަތުން ހެދުނު ގޯސްތަކަކުން ރެއާލްއިން ކާމިޔާބުކުރި ދެ ގޯލެވެ.

ކެރިއަސް އަތުން ހެދުނު ގޯސްތަކަށް މެޗަށްފަހު އޭނާ މާފަށް އެދުނު ނަމަވެސް ގިނަ އަދަދެއްގެ ސަޕޯޓަރުންދަނީ އޭނާއާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އެގޮތުން ލިވަޕޫލްގެ މާސީ ސައިޑްގެ ފުލުސް ޑިޕާޓުމަންޓުން ބުނެފައިވަނީ ކެރިއަސްއާއި އޭނާގެ އާއިލާއަށް ސަޕޯޓަރުންގެ ފަރާތުން މަރުގެ އިންޒާރު ލިބިފައިވާ ކަމަށެވެ.

މީސް މީޑިއާ މެދުވެރިކޮށް ދިން މަރުގެ އިންޒާރުތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ފުލުހުން ބަލަމުންދާ އިރު، ފުލުހުން އިތުރަށް ބުނެފައިވަނީ މައްސަލަތައް ތަހުގީގު ކުރެވޭނެ ކަމަށެވެ. އަދި މީސް މީޑިއާ ބޭނުން ކުރާ ފަރާތްތަކުން ކެރިއަސްއަށް އަމާޒުކޮށް ކުރަމުންދާ ޕޯސްޓްތަކުގެ އިތުރުން އޭނާއަށް ޑައިރެކްޓް ކުރާ މެސެޖުތަކަށް ސަމާލުވުމަށާއި، އެފަދަ ކޮންމެ ޕޯސްޓެއް އަދި މެސެޖެއްވެސް ތަހުގީގުކުރާނެ ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.

ލިވަޕޫލާއި ރެއާލް މެޑްރިޑް ކުޅުނު މެޗުގައި ރެއާލްއިން ފުރަތަމަ ލީޑު ނެގީ ކަރިމް ބެންޒެމާގެ ގޯލުންނެވެ. ލިވަޕޫލްގެ ކީޕަރު ކެރިއަސް، އެޓީމުގެ ޑިފެންޑަރަށް އެއްލަން މަސައްކަތް ކުރި ބޯޅައިގައި ފައި ޖައްސާ ބެންޒެމާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ މަޑުމަޑުން ގޮހެވެ. ބެންޒެމާގެ ގޯލަށް ފަހު ސަޑިއޯ މަނޭގެ ގޯލާއެކު ލިވަޕޫލް ނަތީޖާ ހަމަހަމަ ކުރިއެވެ.

އެހެން ނަމަވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބޭލްގެ ރީތި އޯވާހެޑް ގޯލާއެކު ރެއާލްއިން ދެވަނަ ފަހަރަށް ލީޑު ނެގި އެވެ. އަދި މެޗު ނިމެން ދަނިކޮށް ބޭލްގެ ފަރާތުން އިތުރު ގޯލެއް ފެނިގެންދިޔައެވެ. ލިވަޕޫލްގެ އޭރިއާ ބޭރުން އަރިމަތިން ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ ލިވަޕޫލް ކީޕަރު ކެރިއަސް އަތުގައި ޖެހި، އަތު ތެރެއިން ކައްސާލައިގެން ގޮހެވެ.

comment ކޮމެންޓް