މިއަދުވެސް މޫސުން ގޯސް، ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ!

ނޮވެމްބަރ 30، 2017: މާލެއަށް މޫސުން ގޯސްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް ބެލެވޭތީ އެންމެހާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން އިލްތިމާސްކޮށްފިއެވެ.

މެޓް ސަރވިސް އިން ބުނީ، މިއަދު ހެދުނު 9:30 އިން ފެށިގެން މެންދުރު ފަހު 15:30އާ ހަމައަށް، ހއ. އިން ފެށިގެން ލ. އަތޮޅާ ހަމައަށް ކަނޑުތައް ގަދަވެ ވިއްސާރަކުރާނޭ ކަމަށް ބެލެވޭތީ އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ. އެލާޓް ނެރެފައިވާ ސަރަހައްދަށް އާންމު ގޮތެއްގައި ގަޑިއަކު 23 މޭލާއި 29 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނޭ ކަމަށާއި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނޭ ކަމަށްވެސް މެޓުން ލަފާކުރެއެވެ.

އަދި މީގެ އިތުރުން މިއަދު ހެނދުނު 10:00 އިން މާދަމާ ހެދުނު 10:00އާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނޭ ކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.

އެގޮތުން ރާއްޖޭގެ މެދުތެރެއާއި އުތުރުގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނޭ ކަމަށާއި ދެކުނުގެ ރަށްތަކަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނޭ ކަމަށެވެ.

ހުޅަނގާއި ހުޅަނގު އުތުރުން، އަދި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާ 27 މޭލާދެމެދުގެ ބާރުމިނުގައި ވައިޖެހޭނޭ ކަމަށާއި އަދި އެހެން ހިސާބުތަކުގައި ގަޑިއަކު 15 މޭލާ 20 މޭލާދެމެދުގެ ބާރުމިނުގައި ވައިޖެހޭނޭ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ލަފާކުރެއެވެ.

ދިޔަވަރު އެންމެ ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާކަމެއް ކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.

ރާއްޖޭގެ އުތުރާއި މެދުތެރޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށްވެސް މޫސުން ލަފާކުރެއެވެ.

މެޓުން ބުނީ، ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ، އާއްމުކޮށް ހުރިހާ ފަރާތްތަކުން، ވަކިން ޚާއްސަކޮށް ކަނޑު ދަތުރުފަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.

28 މެއި 2018ގައި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ދިޔަވަރު އެންމެ ބޮޑުވާނެ ގަޑިތައް.

  • އުތުރުގެ ސަރަހައްދުތަކަށް މިއަދު 1157 އަދި މިރޭ 2256ގައި
  • މެދުތެރޭގެ ސަރަހައްދުތަކަށް މިއަދު 1241 އަދި މާދަމާ 0027ގައި
  • ދެކުނުގެ ސަރަހައްދުތަކަށް މިއަދު 1318 އަދި މާދަމާ 0112ގައި
comment ކޮމެންޓް