ގްރޫޕްގެ އެއްވަނަ ވެލެންސިއާއަށް، ދެވަނަ ޓީމުގެ ގޮތުގައި މާޒިޔާ ވެސް ދެވަނަ ބުރަށް

ވެލެންސިއާ އާއި މާޒިޔާ އިއްޔެ ކުޅުނު މެޗުގެ ތެރެއިން ---

ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ވެޓެރަންސް ކަޕްގެ ގްރޫޕް އޭގައި އިއްޔެ ކުޅުނު މެޗުގައި ކްލަބު ވެލެންސިއާއިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންސްް ކްލަބު ކުޅުނު މެޗު ވެލެންސިއާއިން ކާމިޔާބުކޮށްފި އެވެ.

އެފްއޭއެމް ޓާފް އެއް ނަމްބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗު ވެލެންސިއާއިން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.

މެޗުގައި ވެލެންސިއާގެ ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި މުހުތާރު ނަސީރު (ޓޫކިލޯ) އެވެ.

އިއްޔެގެ މެޗުގައި 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވެލެންސިއާގެ އަބްދުލް ރައްޒާގެވެ.

މިހާތަނަށް ގްރޫޕް ސްޓޭޖުގައި ވެލެންސިއާ އިން ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް، އެޓީމުން ގްރޫޕް ސްޓޭޖު ނިންމާލީ ނުވަ ޕޮއިންޓާއެކުގަ އެވެ. ތިން މެޗުން މާޒިޔާއަށް ހަ ޕޮއިންޓް ލިބޭ އިރު، ގްރޫޕް ސްޓޭޖުގައި ބާކީ އޮތީ ކްލަބު އީގަލްސްއާއި ޕޮލިސް ކްލަބު ވާދަކުރާ މެޗެވެ. އެ މެޗު މިއަދު އޮންނަ އިރު، ގްރޫޕް އޭ އިން ޕްލޭ އޯފްއަށް ދާ ޓީމު އެނގޭނީ އެ މެޗަށްފަހުގަ އެވެ.

އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) އިން ކުރިއަށްގެންދާ ވެޓެރަންސް ކަޕުން ރާއްޖޭގެ ކުރީގެ ގިނަ ތަރިންތަކެއް ފެނިގެންދާ އިރު، މިއަހަރުގެ މުބާރާތުގައި ހަތް ޓީމަކުން ވާދަކުރެ އެވެ.

އެ މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ދެވަނަ ބުރަށް ދާނީ ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ ޓީމާއި ދެވަނަ ޓީމު އަދި ދެ ގްރޫޕްގެ ތިން ވަނަ ޓީމުގެ މެދުގައި ކުޅޭ ޕްލޭއޯފް މެޗު ކާމިޔާބުކުރާ ޓީމެވެ.

ގްރޫޕް އޭގައި ހިމެނޭ ޓީމުތައް:

ކްލަބު ވެލެންސިއާ

ކްލަބު އީގަލްސް

ޕޮލިސް ކްލަބު

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު

ގްރޫޕް ބީގައި ހިމެނޭ ޓީމުތައް:

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު

ދިވެހި ސިފައިންގެ ކްލަބު

ވިކްޓަރީ ސްޕޯޓްސް ކްލަބު

ދެވަނަ ބުރުގައި ވާދަކުރާ ފަސް ޓީމުގެ މެޗުތައް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. ދެވަނަ ބުރުގެ ކުޅުން ނިމޭއިރު އެއްވަނާގައި އޮންނަ ޓީމު އޮޓޮމެޓިކުން ފައިނަލަށް ދަތުރުކުރާ އިރު، ދެން ފައިނަލަށް ދާނީ ދެވަނަ ބުރުގެ ދެވަނައާއި ތިންވަނަ ޓީމު ކުޅޭ ޕްލޭއޯފް މެޗު ކާމިޔާބުކުރާ ޓީމެވެ.

ވެޓެރަންސް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިއަދު އީގަލްސްއާއި ޕޮލިސް ކްލަބު ވާދަކުރާ މެޗު ވެސް ފަށާނީ ހަވީރު 4:30ގަ އެވެ.

comment ކޮމެންޓް