ސިފައިން ދެވަނަ ބުރަށް، ވިކްޓަރީ ޕްލޭ އޯފްއަށް

ވިކްޓަރީއައި ސިފައިން އިއްޔެ ކުޅުނު މެޗުގެ ފެށުމުގެ ކުރިން --- ފޮޓޯ/ މޯލްޑިވްސް ސޮކާ މޭޓްސް

ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ވެޓެރަންސް ކަޕްގެ ގްރޫޕް ބީގައި އިއްޔެ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބު ވާދަކުރި މެޗު އެއްވަރު ވެއްޖެއެވެ.

އެފްއޭއެމް ޓާފް އެއް ނަމްބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗު ނިމުނީ 0-0ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ދިވެހި ސިފައިންގެ ކްލަބުގެ އިބްރާހީމް މުހައްމަދު ހޮވުނު އިރު، 45 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިކްޓަރީގެ އަހުމަދި ޒިޔާމެވެ.

އިއްޔެގެ މެޗާއެކު ގްރޫޕް ބީގެ މެޗުތައް ވަނީ ނިމިފައެވެ. މިހާތަނަށް ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓާއެކު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް އެ ގްރޫޕްގެ އެއްވަނަ ލިބުނު އިރު، ދެ މެޗުން އެއްވަރުވެ ސިފައިންނަށް ވަނީ ދެ ޕޮއިންޓް ލިބިފައެވެ. ދެ ޕޮއިންޓާއެކު ސިފައިން ދެވަނަ ބުރު ޔަގީން ކުރި އިރު، އެއް ޕޮއިންޓާއެކު ވިކްޓަރީއަށް ލިބެނީ ދެވަނަ ބުރުގެ ޕްލޭ އޯފް ޖާގައެކެވެ. ވިކްޓަރީން ޕްލޭ އޯފްގައި ނުކުންނަން ޖެހޭނީ ގްރޫޕް އޭގެ ތިންވަނަ ޓީމާ ދެކޮޅަށެވެ.

އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) އިން ކުރިއަށްގެންދާ ވެޓެރަންސް ކަޕުން ރާއްޖޭގެ ކުރީގެ ގިނަ ތަރިންތަކެއް ފެނިގެންދާ އިރު، މިއަހަރުގެ މުބާރާތުގައި ހަތް ޓީމަކުން ވާދަކުރެއެވެ.

އެ މުބާރާތުގެ ފުރަތަމަ ބުރު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ދެވަނަ ބުރަށް ދާނީ ކޮންމެ ގްރޫޕަކުންވެސް އެއްވަނަ ޓީމާއި ދެވަނަ ޓީމު އަދި ދެ ގްރޫޕްގެ ތިންވަނަ ޓީމުގެ މެދުގައި ކުޅޭ ޕްލޭއޯފް މެޗު ކާމިޔާބުކުރާ ޓީމެވެ.

ގްރޫޕް އޭގައި ހިމެނޭ ޓީމުތައް:

ކްލަބު ވެލެންސިއާ

ކްލަބު އީގަލްސް

ޕޮލިސް ކްލަބު

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު

ގްރޫޕް ބީގައި ހިމެނޭ ޓީމުތައް:

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު

ދިވެހި ސިފައިންގެ ކްލަބު

ވިކްޓަރީ ސްޕޯޓްސް ކްލަބު

ދެވަނަ ބުރުގައި ވާދަކުރާ ފަސް ޓީމުގެ މެޗުތައް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. ދެވަނަ ބުރުގެ ކުޅުން ނިމޭއިރު އެއްވަނައިގައި އޮންނަ ޓީމު އޮޓޮމެޓިކުން ފައިނަލަށް ދަތުރުކުރާ އިރު، ދެން ފައިނަލަށް ދާނީ ދެވަނަ ބުރުގެ ދެވަނައާއި ތިންވަނަ ޓީމު ކުޅޭ ޕްލޭއޯފް މެޗު ކާމިޔާބުކުރާ ޓީމެވެ.

މުބާރާތުގައި މިއަދުވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިއަދު އޮންނަ ގްރޫޕް އޭގެ މެޗުގައި ވާދަކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބު ވެލެންސިއާއެވެ.

comment ކޮމެންޓް