ސެންޓްރަލް އެފްރިކަން ރިޕަބްލިކްއާއެކު ރާއްޖެއިން ޚާރިޖީ ގުޅުން ޤާއިމްކޮށްފި

ސެންޓްރަލް އެފްރިކަން ރިޕަބްލިކް އާއެކު ރާއްޖެއިން ޚާރިޖީ ގުޅުން ޤާއިމްކޮށްފިއެވެ.

ނިއު ޔޯކުގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި ދެ ޤައުމުގެ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، ޑރ. އަލީ ނަސީރު މުހައްމަދެވެ. ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ސަރުކާރުން އދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، އަމްބްރޮއިސިން ކަޕޮންގޯއެވެ.

މިއާއެކު ރާއްޖެއިން ޚާރިޖީ ގުޅުން ޤާއިމް ކޮށްފައިވާ ޤައުމުތަކުގެ އަދަދު ވަނީ 169 އަށް އަރައިފައެވެ.

ސެންޓްރަލް އެފްރިކަން ރިޕަބްލިކްއަކީ މެދުތެރޭ އެފްރިކާގެ އެންމެ ބޮޑު އެއް ގައުމެވެ. ލޭންޑް ކޮލްޑް ނުވަތަ ވަށައިގެން ބިން އެކަނި އޮންނަ މި ގައުމުގެ އާބާދީއަކީ ގާތްގަނޑަކަށް 4.6 މިލިއަނެވެ.

ސެންޓްރަލް އެފްރިކަން ރިޕަބްލިކްއަކީ ރަނާއި ރިހި އަދި ޖަވާހިރު ފަދަ މައުދަން ތަކުން މުއްސަނދި ގައުމެއް ނަމަވެސް އެންމެ ފަގީރު ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ގައުމެކެވެ.

ޚާރިޖީ ގުޅުން ޤާއިމް ކުރުމުގެ ކުރިންވެސް ރާއްޖެއިން ވަނީ ސެންޓަރަލް އެފްރިކަން ރިޕަބްލިކް އާއެކު އަދ. ގައި މަސައްކަތް ކޮށްފައެވެ.

comment ކޮމެންޓް