ނައިޖީރިއާގެ ވޯލްޑް ކަޕް ޖާޒީއަށް ރެކޯޑު އަދަދަކަށް ޕްރި އޯޑަރު!

ނައިޖީރިއާގެ ވޯލްޑް ކަޕް ޖާޒީގައި ޓީމުގެ ތަރި އެލެކްސް އިވޯބީ --- ފޮޓޯ/ ނައިކީ

ވޯލްޑް ކަޕް ފެށުމަށް ކުޑަތަން ވަނީއެވެ. ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕަކީ ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތެވެ. ވޯލްޑް ކަޕްގައި 32 ގައުމުން ވާދަކުރި ނަމަވެސް މުޅި ދުނިޔެ އެ މުބާރާތަކަށް އިންތިޒާރު ކުރެއެވެ. ވޯލްޑް ކަޕެއްގެ ކުރިންވެސް އެކަމަށް އެތައް ތައްޔާރީތަކެއް ވެއެވެ.

ސްކޮޑު އިއުލާން ކުރުމުގެ ހަބަރުތައް "ޓްރެންޑް"ވަމުންދާ އިރު، ވޯލްޑް ކަޕަށް ޓީމުތަކުން ބޭނުން ކުރާނެ ޖާޒީ ދައްކާލުމަކީވެސް ފޯރިގަދަ ކަމެކެވެ. ހާއްސަކޮށް އެންމެ ރީތި ޖާޒީ ގަތުމަށް ލޯ އަޅާނެ އެތައް ބައެއް ދުނިޔޭގައި ތިބޭނެއެވެ. ރާއްޖޭގެ ގިނަ ބަޔަކަށްވެސް ވޯލްޑް ކަޕްގެ ފޯރިއާއެކު ޖާޒީއަށް ޕްރި އޯޑަރުކުރުމާ ސަޕޯޓުކުރާ ޓީމުގެ ޖާޒީއެއް ހޯދުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ.

ނައިޖީރިއާގެ ޖާޒީ ސެޓުގައި ހިމެނޭ ޓްރެވެލިން ކިޓެއް --- ފޮޓޯ/ ނައިކީ

އާއްމުކޮށް ނައިޖީރިއާއަށް ސަޕޯޓަރުކުރާނެ ދިވެއްސަކު މަދުވެދާނެއެވެ. އެކަމަކު މިފަހަރު ނައިޖީރިއާއިން ވޯލްޑް ކަޕަށް ތައްޔާރުކުރި ނައިކީ ޖާޒީގެ 'ފޭނުން' ވަރަށް ގިނަވާނެކަން ޔަގީނެވެ. ރާއްޖޭގައި އެކަންޏެއް ނޫނެވެ. މުޅި ދުނިޔޭގެ ލޯތައްވެސް ނައިޖީރިއާގެ ވޯލްޑް ކަޕް ޖާޒީއަށް އަމާޒުވެއްޖެއެވެ.

ރަސްމީކޮށް ނައިކީގެ ފިހާރަތަކަށް ޖާޒީ ނެރުމަށް އޮތީ މިމަހުގެ 29 ވަނަ ދުވަހަށް ނަމަވެސް، ނަިއޖީރިއާގެ ޖާޒީ ގަތުމަށް ނައިކީ ކުންފުންޏަށް މިހާރުވެސް ރެކޯޑު އަދަދަކަށް ޕްރި އޯޑަރު ކޮށްފިއެވެ. ކުންފުނިން ބުނެފައިވަނީ ގާތް ގަނޑަކަށް ތިން މިލިއަނަށްވުރެ ގިނަ ޕްރި އޯޑަރު ނައިޖީރިއާގެ ޖާޒީއަށް މިދިޔަ ހަފްތާގައި ލިބިފައިވާ ކަމަށެވެ.

ނައިޖީރިއާގެ ތަފާތު ޖާޒީއާ ގުޅިގެން އެގައުމުގެ ފުޓުބޯޅަ ފެޑަރޭޝަންގެ ނައިބު ރައީސް ޝެހޫ ޑިކޯ ވިދާޅުވީ އެ ގައުމުގެ ޖާޒީ އެންމެ ބޮޑަށް ވިކެން ފެށި ސަބަބަކީ "އާއްމުކޮށް ނުފެންނަ، ޔުނީކް ގޮތްތަކެއް ހުރުމުން" ކަމަށެވެ. އަދި ނައިކީ ކުންފުންޏާ ހަވާލާދީ ޑިކޯ ވިދާޅުވެފައި ވަނީ ނައިޖީރިއާގެ ވޯލްޑް ކަޕް ޖާޒީއަށް ލިބުނު ޕްރި އޯޑަރުގެ އަދަދަކީ ރެކޯޑެއް ކަމަށާއި މިހާރު އޯޑަރު ކޮށްފައިވާ އަދަދަށް ބަލައި، ބައެއް އޯޑަރުތަކަށް ޖާޒީ ފޯރުކޮށްދެވޭނެ ކަމަށް ބެލެވެނީ ވޯލްޑް ކަޕްގެ މާ ފަހުން ކަމަށެވެ.

ނައިޖީރިއާގެ ޖާޒީ ސެޓުގައި ހިމެނޭ ޓްރެވެލިން ކިޓް --- ފޮޓޯ/ ނައިކީ

އެހެން ނަމަވެސް ނައިކީ ކުންފުންޏާ ނައިޖީރިއާގެ ފެޑަރޭޝަނުން މަޝްވަރާ ކުރަމުންދާ ކަމަށާއި، ވީހާވެސް އަވަހަށް ޖާޒީ ފޯރުކޮށްދޭން މަސައްކަތް ކުރާ ކަމަށްވެސް ޑިކޯ ވިދާޅުވެފައިވެއެވެ. ނައިޖީރިއާގެ އޮރިޖިނަލް ޖާޒީއެއްގެ އަގު 85 ޑޮލަރުގައި ހުރި އިރު، މިހާރުވެސް އެ ގައުމުގައި ވަނީ ޑުޕްލިކޭޓް ޖާޒީތައް ވިއްކަން ފަށައިފައެވެ. ގާތް ގަނޑަކަށް ނައިޖީރިއާ ފައިސާގެ 1000 ނައިރާސްއަށް ޖާޒީތައް ވިކެން ފަށައިފައިވާ އިރު، އެއީ ޖާޒީއެއްގެ އަގު 23 ޔޫރޯއެވެ.

ގިނަ ގައުމުތަކަކުން ސްކޮޑު އިއުލާންކޮށް ވޯލްޑް ކަޕްގެ ފަރިތަކުރުންތައް ފަށައިފައިވާ އިރު، ނައިޖީރިއާގެ އާ ޖާޒީގައި އެންމެ ފުރަތަމަ ފެނިގެންދާނީ އަންނަ މަހު ދެވަނަ ދުވަހު އިނގެރޭސިވިލާތާ ދެކޮޅަށް އެގައުމުގައި ކުޅޭ އެކުވެރިކަމުގެ މެޗުގައެވެ.

comment ކޮމެންޓް