ނަޖީބާ ގުޅުން ހުރި އެޕާޓްމެންޓުތަކުން ހޯދި ފައިސާގެ އަދަދު 27.6 މިލިއަން ޑޮލަރަށް އަރާ

ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާ ގުޅުން ހުރި އެޕާޓްމެންޓުތަކުން ވަނީ ފައިސާ އާއި ގަހަނާ އަޅާފައިވާ އެތައް ސަތޭކަ ފޮށި ހޯދާފައި -- ފޮޓޯ: އޭއޭޕީ

ކުއަލަލަމްޕޫރު (މޭ 24): މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާ ގުޅުން ހުރި އެޕާޓްމެންޓުތަކުން، އެގައުމުގެ ފުލުހުން ހޯދި ފައިސާގެ އަދަދު 27.6 މިލިއަން ޑޮލަރަށް އަރާ ކަމަށް މެލޭޝިއާގެ މީޑިއާއަކުން ބުނެފިއެވެ.

މެލޭ މެއިލް އޮންލައިންގައިވާ ގޮތުން އެތައް ސަތޭކަ ފޮށްޓަށާއި ދަބަސްތަކަށް އަޅާފައިވާ އެފައިސާ ފުލުހުން ގުނަން ފެށީ ހޯމަ ދުވަހެވެ. ނަމަވެސް އެފައިސާ ގުނާ ނިމުނީ އިއްޔެއެވެ. އަދި ފުލުހުން މިހާރު ދަނީ އެ އެޕާޓްމެންޓުތަކުން ހޯދި ގަހަނާ އާއި ގަނޑު ރަނާއި ގަޑިތަކުގެ އަގު ބަލަމުން ކަމަށް އެނޫހުގައިވެ އެވެ.

ކުއަލަލަމްޕޫރުގެ ކްރައިމް އިންވެސްޓިގޭޝަން ޔުނިޓުގެ ވެރިޔާ އަމަރު ސިންހު ވިދާޅުވި ގޮތުގައި އެފައިސާ ބަހައްޓާނީ މެލޭޝިއާގެ މަރުކަޒީ ބޭންކުގައެވެ.

މެލޭޝިއާގެ ފުލުހުން ނަޖީބާ ގުޅުން ހުރި ގެތައް ފާސް ކުރީ އެގައުމުގެ އިންވެސްޓްމެންޓު ފަންޑު ވަންއެމްޑީބީގެ ހިޔާނާތާ ގުޅުން ހުރި ތަހުގީގަކާ ގުޅިގެންނެވެ.

އެމައްސަލައާ ގުޅިގެން ނަޖީބު ވަނީ އަންގާރަ ދުވަހާއި މިއަދު މެލޭޝިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ)އަށް ހާޒިރުކޮށްފައެވެ.

އެމްއޭސީސީގައި އިސްކޮށް ހުންނަވާ މުހައްމަދު ޝުކުރީ އަބްދުﷲ ވިދާޅުވި ގޮތުގައި ނަޖީބު އެކޮމިޝަނަށް ހާޒިރު ކުރީ ވަންއެމްޑީބީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެސްއާރުސީ އިންޓަނޭޝަނަލްއާ ބެހޭ ގޮތުން ސުވާލު ކުރުމަށްޓަކައެވެ.

ރޮއިޓާސްގައިވާ ގޮތުން އެމްއޭސީސީއިން ތަހުގީގު ކުރަމުންދަނީ އެސްއާރުސީން ނަޖީބުގެ އެކައުންޓަށް 10.6 މިލިއަން ޑޮލަރު ޖަމާކުރި މައްސަލައެކެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ތުހުމަތުކުރާ ގޮތުގައި 1އެމްޑީބީ ފަންޑުން ވަނީ 4.5 ބިލިއަން ޑޮލަރު ޑައިވާޓުކޮށް، ލޯންޑާކޮށްފައެވެ. އަދި އެފަންޑުން ވަނީ 700 މިލިއަން ޑޮލަރާ ގާތް ކުރާ ވަރަށް ފައިސާ ނަޖީބުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައި ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން 2015 ވަނަ އަހަރު ތުހުމަތުކުރިއެވެ.

އެމައްސަލައިގައި ނަޖީބުގެ ކުށެއް ނެތް ކަމަށް މެލޭޝިއާގެ ކޯޓަކުން ނިންމި ނަމަވެސް މިމަހު ވެރިކަމަށް ވަޑައިގެންނެވި މަހާތީރު މުހައްމަދު ވަނީ ވަންއެމްޑީބީ މައްސަލަ އަނެއްކާ ވެސް ތަހުގީގު ކުރަން ނިންމަވައިފައެވެ. (ޗެނަލްނިއުސްއޭޝިއާ)

ގުޅޭ ޓެގު
comment ކޮމެންޓް