ދެ ކިލޯއަށް ވުރެ ގިނަ ހެރޮއިންއާއެކު ލަންކާ އެއާޕޯޓުން ދިވެއްސަކު ހައްޔަރުކޮށްފި

ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓު ---

ދެ ކިލޯއަށް ވުރެ ގިނަ ހެރޮއިންއާއެކު ސްރީލަންކާގެ އެއާޕޯޓުން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ލަންކާގެ "ކޮލަމްބޯޕޭޖް" އިން ބުނީ އެގައުމުގެ ޕޮލިސް ނާކޮޓިކްސް ބިއުރޯއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، 2.3 ކިލޯގެ ހެރޮއިންއާއެކު ދިވެހި މީހާ ހައްޔަރުކުރީ ބަންޑާރަނައިކް އިންޓަނޭޝަނަލް އެއާޕޯޓުގެ ފުރާ ސަރަހައްދުން ކަމަށެވެ.

ހައްޔަރުކުރި މީހާގެ ޖިންސެއް ހާމަކޮށްފައެއް ނުވެއެވެ. އޭނާގެ އަތުން އަތުލައިގަތް ހެރޮއިންގެ އަގު 24.4 މިލިއަން ރުޕީސް (ތިން ލައްކަ ޑޮލަރު) އަށް އަރާނެ ކަމަށްވެސް ލަންކާގެ ނޫހުން ބުންޏެވެ.

މަސްތުވާތަކެތި ފެނުނު މީހާ ފާއިތުވި ދެ އަހަރު ތެރޭ އެކިފަހަރުމަތިން 15 ފަހަރު އެ ގައުމަށް ދަތުރުކޮށްފައިވާ ކަމަށްވެސް ލަންކާގެ ނޫހުން ބުންޏެވެެ. ހައްޔަރުކުރި މީހާގެ ބަންދަށް ލަންކާގެ މިނިވަންގޯޑާ މެޖިސްޓްރޭޓް ކޯޓުން ހަތް ދުވަހުގެ ބަންދުގެ މުއްދަތު ޖަހައިދީފައިވާ ކަމަށާއި އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ލަންކާގެ ނޫހުން ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހުވެސް ސްރީލަންކާގެ ޕޮލިސް ސްޕެޝަލް ޓާސްކް ފޯސް އިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ދިހަ މިލިއަނަށްވުރެން ގިނަ ރުޕީސްގެ މަސްތުވާތަކެއްޗާއެކު އެ ގައުމުން ދެ ދިވެހިން ވަނީ ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް