ޑރ. މަޖީދުގެ ކަށުނަމާދު ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރަން ނިންމައިފި

ޑރ. މަޖީދު

ދީނީ އިލްމްވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު އަލްމަރްހޫމް ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ މައްޗަށް ކުރާ ކަށުނަމާދު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ހުކުރު މިސްކިތްތަކުގައި ކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ހުކުރު ނަމާދުކުރާ މިސްކިތްތަތުގައި ޑރ. މަޖީދުގެ މައްޗަށް ކުރާ ކަށު ނަމާދު ކުރުން މިރޭ އިޝާ ނަމާދަށް ފަހު އޮންނާނެ ކަމަށާއި އެހެން ކަމުން ހުރިހާ ހުކުރު މިސްކިތްތަކެއްގައި އެ އިންތިޒާމް ހަމަޖައްސައިދެއްވުން އެދޭ ކަމަށެވެ.

https://sun.mv/105896

ސްޓްރޯކެއް ޖެހުމުގެ ސަބަބުން ކޮޅުބުގެ ލަންކާ ހޮސްޕިޓަލުގައި މިދިޔަ ހުކުރު ދުވަހު އެޑްމިޓް ކުރި ޑރ. މަޖީދު އަވަހާރަވީ އިއްޔެ މެންދުރުއެވެ.

ޑރ. މަޖީދުގެ މައްޗަށް މިއަދު މެންދުރު ނަމާދަށް ފަހު ކަށު ނަމާދުކޮށް ކޮލޮމްބޯގެ ޖާވައްތަ ގަބުރުސްތާނުގައި ވަނީ ފަސްދާނު ލާފައެވެ. އެ ޖަނާޒާގައި ޑރ. މަޖީދުގެ އާއިލާގެ އިތުރުން ލަންކާގައި ދިރިއުޅެމުންދާ ގިނަ އަދަދެއްގެ ދިވެހިން ބައިވެރިވިއެވެ.

ޑރ. މަޖީދުގެ މައްޗަށް ޣައިބަށް ކުރާ ކަށު ނަމާދު ދެ ހަރަމްފުޅުގެ އިތުރުން އިނގިރޭސިވިލާތުގެ ކެންޓަބަރީ މިސްކިތުގައި ވެސް މިރޭ ކުރާނެ ކަމަށް އާއިލާއިން ބުނެއެވެ.

comment ކޮމެންޓް