ފަލަސްތީނުގެ ދަރިކޮޅަށް ނިސްބަތްވާ އިސްރާއީލުގެ ވްލޮގަރު ނާސް ނުވަތަ އާސްލު ނަމުން ނަމަ ނުސައިރު ޔާސީން ރާއްޖެއަށް ޒިޔާރަތް ކުރާނެކަން އިއުލާންކުރުމާ އެކު، އޭނާ ހަމަ ލޮލުން ދެކެލުމަށް ކެތްމަދުވެފައި ތިބި ނާސްގެ ރާއްޖޭގެ ފޭނުންނަށް އައީ އީދެކެވެ. ނާސް ރާއްޖެ އައަމުން ގިނަ އަދަދެއްގެ ބަޔަކު އޭނާއާ އެކު ސެލްފީ ނަގަން ޖަމާވިއެވެ. އަނެއް ބަޔަކު އޭނާ ސިފަކުރީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް އެޅުނު އާ ބޮޅެއްގެ ގޮތުގައެވެ.
މި ވީހާ ތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މަޝްހޫރު އެތަކެއް ފަންނާނުންތަކެއް މި ފަސްގަނޑަށް އައިސްފައިވާ އިރު މުޅިންހެން ވެސް އިވިފައި ވަނީ ދިވެހިން އެންމެ އަޑުއަހަން ބޭނުންވި ބަސްތަކެެވެ. "ދުނިޔެމަތީގެ ސުވަރުގެއިން ފެށިގެން އަގުބޮޑު މުތްތަކެއްގެ ގޮތުގައި ރާއްޖެ އެތައް ބަޔަކު ވަނީ ސިފަކޮށްފަ އެވެ. ނަމަވެސް ނާސް މުޅިން ތަފާތެވެ. ނާސްގެ ދަތުރާ އެކު ރާއްޖޭގައި މިވަނީ މުޅިން އާ ބަހުސެއް ފެށިފަ އެވެ.
ނާސްގެ ވީޑިއޯ: ކިހިނެއް ހިނގައިދިޔަކަމެއް؟
ރާއްޖެ ފަދަ "މިނިވަން" ގައުމެއްގައި "އެކްސް" ކިޔާ އަންހެންކުއްޖާ ބުރުގާ ނަގައި އިސްތަށިގަނޑު ހާމައަށް ނިއުޅުވާލާ ވީޑިއޯއަކާ އެކު، އެކަން ގަބޫލުކުރަން ގިނަބަޔަކަށް ދަތިވިއެވެ. ރާއްޖޭގައި ބުރުގާ އެޅުމަކީ އެއްވެސް އިރެއްގައި މަޖުބޫރުކަމެއް ނޫނެވެ. ހުދު "އެކްސް" އަމިއްލަ އަނގައިގެން ވެސް ވީޑިއޯގައި އެކަމަށް ވަނީ އިއުތިރާފްވެފަ އެވެ.
ނާސްގެ ވީޑިއޯއާ އެކު ސިކުނޑިއަށް ވެރިވަނީ ސުވާލު ފުނިވަރެކެވެ. ނާސް ދުނިޔޭގެ މަޝްހޫރު ނޫސްވެރިންނާއި އެނޫން މީހުންގެ ސަމާލުކަން ހޯދުމަށް ގެންގުޅޭ އުކުޅެއްގެ ގޮތުގައި "އެކްސް" ބޭނުންކުރީ ބާވައެވެ؟
ނޫސްވެރިއެއް ނޫން ނަމަވެސް ނާސްއަކީ ބްލޮގަރެކެވެ. ނޫސްވެރިންނެކޭ އެއް ފަދައިން ނާސްގެ ވެސް އެންމެ ބޮޑު އަމާޒަކަށް ވާނީ "ޔުނީކް" ނުވަތަ ތަފާތު ވާހަކައެއް ރާއްޖެއިން ހޯދުމެވެ. ނާސްގެ އެހެން ވީޑިއޯތަކުން ވެސް އޭނާ ދައްކުވައިދޭން ބޭނުން ވަނީ އެހެން މީހުންނަށް ނޭނގޭ އަދި ސަމާލުކަން ދަމައިގަނެވޭނެ ވާހަކަކަން އެނގެ އެވެ.
ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެކަން އެެންމެންނަށް ވެސް އެނގެ އެވެ. އެއީ އާ ވާހަކައެއް ނޫނެވެ. އަތް ފުނާ އަޅައިގެން ވެސް ނާސް އެވަނީ އޭނާ ބޭނުންވާ ކަހަލަ ވާހަކައެއް ހޯދައިފައެވެ. "އެކްސް" އަށް ފަހަރެއްގައި އެކަން ނޭނގުނީ ކަމަށް ވެދާނެއެވެ.
ނާސްގެ ވީޑިއޯއިން އެނގިގެންދިޔައީ އިޖުތިމާއީ ކޮންކަމެއް؟
ބުރުގާ އެޅި ޒުވާން އަންހެން ކުއްޖަކު ބުރުގާ ނަގައި އިސްތަށިގަނޑު ހާމައަށް ނަގައި ނިއުޅުވާލުމުން ގިނަ ދިވެހިންނަށް ވަރަށް ބޮޑު ޝޮކެއް ލިބުނެވެ. އެއް ބަޔަކު އެކަން ސިފަކުރީ ދީނަށް ފުރައްސާރަކުރުން ކަމުގައެވެ. ގިނަ ބައެއްގެ ފާޑުކިޔުން ނާސް އަށާއި "އެކްސް" އަށް ވެސް އަމާޒުވިއެވެ. އަނެއް ބަޔަކަށް ގޯސްވީ އަންހެން ކުއްޖާ އެކަންޏެވެ.
ނާސްގެ ލެންސްގެ "ކަޅި" ދިއްކުރީ އޭނާއަށް ގަބޫލުކުރެވޭ މުހިންމު ކަމެއްގެ މައްޗަށެވެ. ނާސް މަސައްކަތްކުރީ ނާސްގެ ލެންސަށް އަމާޒުވި "އިޖުތިމާއީ" ބޮޑު މައްސަލައަށް ދުނިޔޭގެ ކަޅިން ޖާގައެއް ހޯދައިދިނުމަށެވެ. ނަމަވެސް މި ދިވެހި މުޖްތަމަށް އެކަން ބަލައިގަނެވުނީ މުޅިން އެހެން ބީދައަކުންނެވެ. ވީ ކީއް ކަމާމެދު ވިސްނައި ފިކުރު ކުރުމުގެ ވިސްނުން އެއްފަރާތްކޮށް، އަހަރެމެންނަށް ކުރެވުނު ކަމަކީ އަލިފާންގަނޑު އިތުރަށް ރޯކުރުމެވެ!
ބުރުގާ! ހަމައެކަނި ބޮލުގައި އޮޅާލާ ފޮތިކޮޅެއްތަ؟
ބުރުގާއަކީ އަބަދު ވެސް އެކަމާ މެދު ވަރަށް ބޮޑަށް ބަހުސުކުރެވެމުންދާ މައުލޫއެކެވެ. މުސްލިމް އަންހެނުން ބުރުގާ އަޅާތީ އެކަމާ ރެޔާ ދުވާލު ކަންބޮޑުވާ ބަޔަކު ވެސް އުޅެއެވެ. އެފަދަ މީހުންނަށް ގިނަ މުސްލިމު އަންހެނުން އަބަދު ވެސް ދޭ ޖަވާބަކީ މިއީއެވެ. "ބުރުގާ އެޅިއަސް އަހަރެން މިހިރީ "ބާރުވެރި" ވެގެން"ނެވެ. "އަހަރެން ބުރުގާ އަޅަނީ އަމިއްލަ އިހުތިޔާރުގަ"އެވެ.
ނަމަވެސް ބައެއް ގައުމުތަކުގައި ބުރުގާއަކީ އަދި އެހެން މައުލޫއެކެވެ. އީރާނުގައި ބުރުގާއެޅުމަކީ މަޖުބޫރުކަމެކެވެެ. ބުރުގާ ނާޅައިފިނަމަ އަދަބު ލިބެއެވެ. އީރާނުގެ ވެރިރަށް ތެހެރާންގެ މަގުތަކުގައި ދެތިން ފިޔަވަޅު އަޅާލާއިރަށް މިބުނަން އުޅެނީ ކީކޭކަން އެނގޭނެއެވެ. ކުޑަކުޑަ ޝޯލަކުން ނަމަކަށް ބުރުގާ އަޅައިގެން އުޅޭ ކުދިންގެ އިސްތަށިގަނޑު އޮންނާނީ ހާމައަށް ފެންނާށެވެ.
ރާއްޖޭގައި އަންހެނުން ބުރުގާ އެޅުމަކަށް އެއްވެސް މަޖުބޫރުކަމެއް ނެތެވެެ. ދިވެހި އަންހެނުންނަށް ބުރުގާ އެޅުމާއި ނޭޅުމުގެ އިހުތިޔާރު އޮންނަނީ އަމިއްލަ އިހުތިޔާރަށް ދޫކޮށްލައިފައެވެ.
މިއީ ބުރުގާ އަޅާ އަންހެނުންގެ ވާހަކައެވެ. ބުރުގާ އަޅައިގެން ތިބޭ އަންހެނުންނާ ބުރުގާ ނާޅާ ތިބޭ އަންހެނުންނާ އޮތީ ވަކި ކޮންތަފާތެއް ތޯ، ގިނަ ބައެއްގެ ހިތަށް އަރާފާނެއެވެ. ބޮލުގައި ހަމައެކަނި ނަމަކަށް ފޮރިކޮޅެއް އަޅާލުމުން ހަމަ ނިމުނީ ބާވައެވެ؟ ހަށިގަނޑުގެ ފުރިހަމަ ވަނާތައް ހާމައަށް "ދަޅަ" އަޅަމުން ދިޔަނަމެވެސް ހެވެވެ. މިހިރީ ބުރުގާ އަޅައިގެންތާ އެވެ!
ބައެއް ދިވެހި އަންހެނުން ބުރުގާ އަޅަނީ ފެޝަނަކަށޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ބުރުގާ އެޅިނަމަވެސް ޒަމާނީ ފެޝަނަށް އަލްވަދާއު ކިއުމެއް ނެތެވެ. ބުރުގާއަކީ ކިހާ މާތް މަގުސަދެއްގައި ކުރާ ކަމެއް ކަމަށް ސިކުނޑިއަކަށް ހަމައެއްގޮތަކަށް ވެސް ވިސްނިފައެއް ނެތެވެ. އެކަން އެންމެ ރަނގަޅަށް އެނގެނީ އަދަބު އަހުލާގުންނެވެ.
"އެކްސް" އަަކީ އާ "ވާހަކައެއް" ނޫން!
އެކްސްގެ ވާހަކަ އާ ވާހަކައަކަށް ވިޔަސް ބުރުގާ އަޅާ މީހުންގެ މިފަދަ ވާހަކަތަކަކީ އާ ވާހަކަތަކެއް ނޫނެވެ. މިއީ ބާ ވާހަކައެކެވެ. އެކްސްގެ ވާހަކަ އެއްފަރާތް ކުރުމަށް ފަހު، ދައްކާނެ އެހެން ކިތަންމެ "އެކްސް" އެއް ރާއްޖޭގައި އެބަ ތިއްބެވެ. މީސް މީޑިއާގައި ކާކުކަން އެނގޭގޮތަށް ފާޅުގައި ހަމަ އެކްސް ބުނި ގޮތަށް އަކުރުން އަކުރަށް ކިޔައިދިން ބައެއް މީހުން ވެސް ވަނީ ފެނިފަ އެވެ.
"އަހަރެން ބުރުގާ އެޅީ އެހެން މީހުން އަޅަން ފެށީމާ. ދެން އަހަރެން ދުވަސްކޮޅަކުން އަޅާހިތް ނުވެގެން ބުރުގާ ނެގީ. ދެން އަނެއްކާ ވެސް އަޅައިގެން މިއުޅެނީ. އަދި ވެސް އަޅާހިތް ނުވެއްޖިއްޔާ ބުރުގާ ނަގާ ބާލާނަން." މީސް މީޑިއާގައި ނަދީމާ (އަސްލުނަމެއް ނޫން) އޭނާގެ ޝުއޫރުތައް ކިޔައިދިނެވެ.
ތަފާތު މިސާލުތަކެއް ހުރި ނަމަވެސް ވާހަކައަކީ އެކައްޗެކެވެ. ބޭރުފުށުން ދަމާލާ "ފަރުދާ" އިސާހިތަކު ނިއުޅާލާ އިރު ހަމަ ހިތަށް އެއްވެސް އެއްޗެއް ނާރަނީ ބާވައެވެެ!
ޝައިހް މުހައްމަދު އަނީލް "ސަން" އަށް ވިދާޅުވީ ކީރިތި ޤުރުއާނުން ވަރަށް ސަރީހަކޮށް ބުރުގާއެޅުން ވާޖިބުކަން އެނގެން އެބައޮތް ކަމަށެވެ. ރާއްޖޭގައި ބުރުގާއާ މެދު ހޭލުންތެރިކަން އޮންނަން ޖެހޭ ގޮތަށް ނެތް ކަމަށް ހުދު އަނީލް ވެސް އެއްބަސްވެލައްވަ އެވެ.
"އަސްލު ދިވެހިންނަށް އިސްލާމްދީނާ ބެހޭ ގޮތުން އެނގެނީ ދީނީ ތަރުބިއްޔަތު މާއްދާއިން ދަސްވި އެއްޗަކުން. ދެން އެސްއެސްއީ ނުވަތަ އެޗްއެސްއީ އިމްތިހާނު ނިމުމުން އެކަން އެ ނިމުނީ. ބުރުގާ އެޅުމާ ބެހޭ ގޮތުން، އޭގެ ހަގީގަތާމެދު، ހިތުތެރޭގައި އަގީދާ އެބަ ހަރުދަނާވާން ޖެހޭ. ހިތުގައި އިސްލާމީ އަގީދާ ރަނގަޅަށް ބިންވަޅުނެގިގެން ނޫނީ އެކަން ރަނގަޅަކަށް ނުކުރެވޭނެ." އަނީލް ވިދާޅުވިއެވެ.
އަމިއްލަ އިހުތިޔާރުގައި ބުރުގާ އަޅާއިރު އެކަމާމެދު ދެވަނަ "ވިސްނުމަކަށް" ދާން ނުޖެހޭ ވަރަށް ރޫހާނީ ގޮތުން ތަޞައްރަފު ފުދެން މިހާރު ވެސް މާ ލަސްވެއްޖެއެވެ. ނަމަވެސް އަދިވެސް ވަގުތު އެބައޮތެވެ. ތިމާ ބުރުގާ އެޅުމުގެ ކުރިން ބުރުގާ މި އަޅަނީ ކީއްކުރަން، ކޮން މަގުސަދެއްގައިތޯ ލޯގަނޑު ކުރިމައްޗަށް ހުއްޓި ވިސްނާލާށެވެ.!
މަގުމަތީގައާއި އާންމު ތަންތަނުގައި ބުރުގާ އަޅައިގެން އުޅޭ އިރު އަދަބު އަހުލާގުގެ މަތިން ހަނދާންކޮށްލަން ކުޑަ ވަގުތުކޮޅެއް ނަމަވެސް ދޭށެވެ! އިސާހިތަކު ތިމާއަށް އެއްޗެއް ހިތަށް ވިސްނިދާނެއެވެ! ކުޅޭ ކުޅޭ ކުޅިވަރަކަށް ބުރުގާ އެޅުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.