ދިއްދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި

ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް

ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ހައްޔަރުކޮށްފިއެވެ.

ހއ. އަތޮޅު ކައުންސިލް މެމްބަރު އަބްދުﷲ ސިރާޖު ވަނީ "ސަން" އަށް އެކަން ކަށަވަރުކޮށްދެއްވާފައެވެ.

ސިރާޖު ވިދާޅުވިގޮތުގައި ކޯޓު އަމުރެއްގެ ދަށުން އަލީ ހާޝިމް ހައްޔަރުކޮށްފައި ވަނީ ރޭ މެންދަމު 3:00 އެހައިކަންހާއިރުއެވެ.

"ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި ކަމަށް ތުހުމަތުކޮށް ހައްޔަކުރީ،" ސިރާޖު ވިދާޅުވިއެވެ.

އަލީ ހާޝިމް ހައްޔަރުކުރުމަށްފަހު ފުލުހުން ވަނީ އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައެވެ.

އޭނާ ހައްޔަރުކުރަން ނެރެފައިވާ ކޯޓު އަމުރުގައިވާގޮތުން މިދިޔަ މާޗް މަހުގެ އެއް ވަނަ ދުވަހު ދިއްދޫ ކައުންސިލް އިދާރާއިން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވި ލިޔެކިޔުންތަކުގެ ތެރޭގައި ސައްހަނޫން ލިޔެކިޔުންތަކެއް ހުރިކަމަށް ތުހުމަތުކުރެވެއެވެ.

ސައްހަ ނޫން ލިޔުންތައް އުފެއްދުމުގައި އަލީ ހާޝިމްގެ ބައިވެރިވުމެއް ވާކަމަށް ތުހުމަތުކުރެވޭ ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.

ކޯޓު އަމުރުގައި ވަނީ އަލީ ހާޝިމް އެ މައްސަލައިގައި ހެކިބަސް ދޭން ތިބި ބަޔަކަށް ނުފޫޒު ފޯރުވައި، ހެކި ނައްތާލަފާނެކަމަށް ބެލެވޭ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވައި، އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސް އަޅަމުންދާކަމަށް ތުހުމަތުކުރެވޭ ކަމަށް ވެސް އެ ކޯޓު އަމުރުގައިވެއެވެ.

އެ ތުހުމަތުތައް އެ މައްސަލާގައި ކުރެވޭތީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަލީ ހާޝިމް ހައްޔަރުކުރަން ވަނީ އަމުރުކޮށްފައެވެ.

comment ކޮމެންޓް