ވިކްޓަރީއާއި ގްރީންއަށްވެސް ޕޮއިންޓެއް

ވިކްޓަރީއާއި ގްރީން ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެން --- ފޮޓޯ/ އެފްއޭއެމް

އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސް ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. ގްރީންއާއި ވިކްޓަރީ ފުރަތަމަ ބުރުގައި ކުޅުނު މެޗު ވިކްޓަރީން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގެ ދެވަނަ މިނެޓުގައި ވިކްޓަރީން ވަނީ ލީޑު ނަގައިފައެވެ. ގްރީންގެ އޭރިއާ ވާތް ފަޅިން އެންހާލް ކަރެސްކޯ މުނޯޒަށް ލިބުނު ބޯޅަ އޭނާ ދުރުން ފޮނުވާލީ ސީދާ ގޯލްގެ ކަނަށެވެ.

މެޗުގެ ކުރީ ކޮޅުގައި ވިކްޓަރީން ލީޑު ނެގިނަމަވެސް، ފުރަތަމަ ހާފްގެ ބާކީ ބައިގައި ގްރީނުން ވަނީ ގޯލް ޖަހާނެ ހަމަލާތައް އުފައްދައި ނަތީޖާ ހަމަހަމަވެސް ކޮށްފައެވެ. ގްރީންގެ ފަރާތުން މެޗުގައި އުފެއްދި ފުރަތަމަ ހަމަލާ ފެނިގެންދިޔައީ މެޗުގެ 10 ވަނަ މިނެޓުގައެވެ.

އެގޮތުން ވިކްޓަރީގެ އޭރިއާގެ ކަނާތް ފަޅީ އަރިމަތިން ލިބުނު ހިލޭ ޖެހުން އަހުމަދު ރިލުވާން (ރިލޭ) ވަރަށް ރީތިކޮށް އޭރިއާ ތެރެއަށް ހުރަސްކޮށްދިން އިރު، އޭރިއާ ތެރޭގައި ހުރި ގްރީންގެ ކުޅުންތެރިއެއް ގައިގައި ޖެހި ބޯޅަ ދިޔައީ ގޯލާ ދިމާއަށެވެ. އެ ބޯޅަ ވިކްޓަރީގެ ގޯލް ކީޕަރު މުހައްމަދު އިމްރާން ހިފިއިރު ބޯޅަ އޮތީ ގޯލް ތެރޭގައި ކަމަށް ބުނެ ގްރީންގެ ކުޅުންތެރިން ޝަކުވާ ކުރިތަންވެސް ފެނިގެން ދިޔައެވެ.

ވިކްޓަރީއާއި ގްރީން ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެން --- ފޮޓޯ/ އެފްއޭއެމް

އޭގެ ފަހުންވެސް ގްރީންގެ ރިލޭއަށް ގޯލް ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައިވާ އިރު، އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ. ގްރީނުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 23 ވަނަ މިނެޓުގައެވެ. އެގޮތުން ރިލޭގެ ހުރަސް ކޮންޓްރޯލްކޮށް، އޭރިއާ ތެރޭގައި ހުރެ ފަސޭހަ ކަމާއެކު ގޯލަށް ފޮނުވާލީ އަލީ ނަސޫހު ރަޝީދެވެ.

މީގެ އިތުރުންވެސް ފުރަތަމަ ހާފްގައި ދެޓީމަށްވެސް ގޯލް ޖަހާނެ ފުރުސަތުތައް ލިބިފައިވެއެވެ. އެގޮތުން ވިކްޓަރީގެ މުނޯޒަށް ލިބުނު ހަމަލާ ގްރީންގެ ގޯލްކީޕަރު ސާގީ ސުމޮރޮޑިން ދިފާއުކުރި އިރު، ގްރީންގެ ރިލޭއާއި ރޮލާންޑް ރަސެލްގެ ހަމަލާވެސް ދިފާއުކުރީ ވިކްޓަރީގެ ގޯލް ކީޕަރު އިމްރާނެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން، 40 ވަނަ މިނެޓުގައި ވިކްޓަރީން ވަނީ އަނެއްކާވެސް ލީޑު ނަގައިފައެވެ. ވިކްޓަރީއަށް ދެވަނަ ފަހަރަށްވެސް ލީޑު ނަގައިދިނީވެސް މުނޯޒެވެ. މުނޯޒް އެ ގޯލް ކާމިޔާބުކޮށްދިނީ ގްރީންގެ ޑިފެންޑަރު އަލީ ސަމްދޫހު، ވިކްޓަރީގެ ފޯވަޑް އިބްރާހީމް ހަމްދާން (މެސީ)އަށް އޭރިއާ ތެރެއިން ފައުލް ކުރުމުން ލިބުނު ޕެނެލްޓީ ކާމިޔާބުކޮށްދީގެންނެވެ.

ވިކްޓަރީއާއި ގްރީން ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެން --- ފޮޓޯ/ އެފްއޭއެމް

ދެވަނަ ހާފްގެ ކުރީކޮޅުގައި ވިކްޓަރީގެ ދެ ހަމަލާއެއް ފެނިގެންދިޔައެވެ. އެގޮތުން އަހުމަދު ނާޝިދު (ނާއްޓޭ)އާއި މުނޯޒް ފޮނުވާލި ހަމަލާވެސް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. މެޗުގެ 51 ވަނަ މިނެޓުގައި ދެވަނަ ފަހަރަށް ގްރީނުން ނަތީޖާ ހަމަހަމަ ކުރިއެވެ. ވިކްޓަރީގެ އޭރިއާ ތެރެއިން ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) އަތުގައި ބޯޅަ ޖެހުމުން ގްރީންއަށް ލިބުނު ޕެނެލްޓީ ކާމިޔާބުކޮށްދިނީ ރޮލެންޑް ރަސެލްއެވެ.

މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަ ކުރުމަށްފަހު ގްރީންގެ ފަރާތުން ވަނީ ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައެވެ. އެގޮތުން ރިލޭއާއި ރޮލެންޑް ރަސެލްގެ އިތުރުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިބްރާހީމް ރިޒުހާން (ރިޒުކޮ)ގެ ހަމަލާ ފާހަގަކޮށްލެވުނެވެ. ރިލޭގެ ހަމަލާ ޝާފީ ގައިގައި ޖެހި ބްލޮކް ވި އިރު، ރޮލެންޑް ރަސެލްއާއި ރިޒުކޮގެ ހަމަލާގެވެސް ހުރަހަކަށްވީ ވިކްޓަރީގެ ކީޕަރު އިމްރާނެވެ.

ވިކްޓަރީއާއި ގްރީން ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެން --- ފޮޓޯ/ އެފްއޭއެމް

މެޗު އެއްވަރުވެ ގްރީންއަށް 10 މެޗުން ލިބެނީ 10 ޕޮއިންޓެވެ. އެޓީމު އޮތީ ތާވަލުގެ ހަ ވަނައިގައެވެ. 10 މެޗުން 16 ޕޮއިންޓާއެކު ވިކްޓަރީ އޮތީ ތާވަލުގެ ފަސް ވަނައިގައެވެ. ހަތަރު ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ޕޮއިންޓެއް ކައިރީގައެވެ.

އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގެ މެޗެއް މާދަމާ ރޭވެސް އޮންނާނެއެވެ. މާދަމާ ރޭ 10:00ގައި އޮންނަ މެޗުގައި ވާދަކުރާނީ ތާވަލުގެ އެއްވަނައިގައި އޮތް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އެވެ.

comment ކޮމެންޓް