ކަރާ އަގުބޮޑުވަނީ ސަޕްލައި ދަށްވެގެންނެއް ނޫން: ތޮއްޑޫ

މާރުކޭޓްގައި ވިއްކަން ހުރި ކަރާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޯދަ މަހު އެންމެ ޑިމާންޑު ބޮޑު ކަރާގެ އަގު ބާޒާރުގައި އުފުލިފައި ވަނީ ތޮއްޑޫ އިން ކަރާ ގެންނަ މިންވަރު މަދުވެގެން ނޫން ކަމަށް ތޮއްޑޫ ކައުންސިލުން ބުނެ އެވެ.

ތޮއްޑޫ ކައުންސިލުގެ ނައިބު ރައީސް ހަސަން އަބްދުﷲ ސަން އަށް ވިދާޅުވީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ރަމަޟާން މަހަށް ކަރާ ހެއްދުމަށް އެ ކައުންސިލުން ރައްޔިތުންނަށް ބިން ދޫކޮށްފައިވާ ކަމަށެވެ. ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ބައެއް ދަނޑުތަކުގައި ފެންބޮޑުވި ކަމަށާއި ފަނި އަޅައިގެން ވެސް ބައެއް ދަނޑުތަކަށް ގެއްލުންވިކަންް އޭނާ ފާހަގަ ކުރެއްވި އެވެ. އޭގެ ސަބަބުން ކަރާ ސަޕްލައި އަށް ބަދަލު ނާންނާނެ ކަމަށާއި މިދިޔަ އަހަރަށް ވުރެ ސަޕްލައި ރަނގަޅުވާނެ ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ރަށުން މާލެ އަންނަ ކޮންމެ ސަޕްލައި ދޯންޏަކުން 25 ޓަނުގެ ކަރާ މާލެ ގެންނަ ކަމަށެވެ. ކަރާ ކަނޑާނީ ދޯނި ފުރާ ދުވަހާ ދިމާކޮށް ދޯންޏަށް އެރުވޭ މިންވަރަކުން ކަމަށް ވެސް ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ތޮއްޑޫ ކަރާ މާލޭގައި ވިއްކާނެ އިތުރު ޖާގައެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުގައި އެދުނު ކަމަށާއި މާރުކޭޓުގައި އަނބު ވިއްކަން ތިބޭ ސަރަހައްދުން ބައެއް އެކަމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އެދުމަކީ ތޮއްޑޫ ދަނޑުވެރިން ހައްދާ ކަރާ ވިއްކަން މާލެ ގެނެސް ފަސޭހަކަމާ އެކު އެތަކެތި ވިއްކޭނެ އިންތިޒާމު ހަމަޖެހުން،" ހަސަން ވިދާޅުވި އެވެ.

ކުރިއަށް އޮތްތަނުގައި ކަރާގެ އަގަށް އަންނާނެ ބަދަލު ދަންނަވަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރޯދަމަސް ފެށުނު އިރު 15 ރުފިޔާ، 20 ރުފިޔާ އަށް ހުރި ކަރާގެ އަގު 30 ރުފިޔާ އިންފެށިގެން 45 ރުފިޔާ އަށް ވެސް ބޮޑުވި އެވެ. ކަރާގެ އަގު މިހާރު ދަށްވާން ފަށާފައިވާ އިރު 25 ރުފިޔާ އަށް ވެސް މިހާރު ކަރާ ލިބެން އެބަހުއްޓެވެ.

comment ކޮމެންޓް