ސްޕެއިންގެ ވޯލްޑް ކަޕް ސްކޮޑުގައި މޮރާޓާއާއި ފެބްރިގާސްއަށްވެސް ޖާގައެއް ނެތް!

ފްރާންސާއި ސްޕޭން ބައްދަލުކުރި އެކުވެރިކަމުގެ މެޗެއްގެ ތެރެއިން -- ފޮޓޯ/ އޭޕީ

އަންނަ ޖޫން މަހު ރަޝިޔާގައި އޮންނަ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމަށް ސްޕެއިންގެ 23 ކުޅުންތެރިންގެ ސްކޮޑު އިއުލާންކޮށްފިއެވެ.

މިއަހަރުގެ މުބާރާތަށް ދާ ގައުމުތަކުގެ ތެރެއިން ފެވަރިޓުންގެ ގޮތުގައި ހިމެނޭ ސްޕެއިންގެ ސްކޮޑަށް ގިނަ ބަޔަކު އިންތިޒާރު ކޮށްފައިވާ އިރު، ޓީމަކީ އަބަދުވެސް ތަރިންގެ ޓީމެކެވެ. އެއް ފެންވަރެއްގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ސްޕެއިންއަށް ނިސްބަތްވާ އިރު، މިފަހަރުގެ ސްކޮޑުންވެސް ބައެއް ބޮޑެތި ނަންތައް އުނިވެފައިވެއެވެ.

އޭގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ނަންތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ ޗެލްސީއަށް ކުޅެމުން އަންނަ އަލްވާރޯ މޮރާޓާގެ އިތުރުން އެޓީމުގެ މެދުތެރެއިން އެންމެ މުހިއްމު ކުޅުމެއް ދައްކަމުން އަންނަ ސެސްކް ފެބްރިގާސްގެ ނަން ހިމެނެއެވެ. އެ ދެ ކުޅުންތެރިންނަކީވެސް 2010 ވަނަ އަހަރު ސްޕެއިންއިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދި އިރު، ގައުމީ ޓީމުގައި ހިމެނޭ ދެ ކުޅުންތެރިންނެވެ.

މި ސީޒަންގައި ޗެލްސީއާ ގުޅުނު މޮރާޓާ އެންމެފަހުން ގައުމީ ޓީމަށް މެޗެއް ކުޅެފައި ވަނީ މިދިޔަ އަހަރު ނޮވެންބަރު މަހުގައެވެ. ޗެލްސީގައި ހޭދަކުރި ފުރަތަމަ ދުވަސްކޮޅު ރަނގަޅު ފޯމެއްގައި މޮރާޓާ ހުރި ނަމަވެސް ފަހުން އޭނާގެ ކުޅުން ވަރަށް ބޮޑަށް ދަށްވެގެން ދިޔަކަން ފާހަގަކޮށްލެވުނެވެ.

ސްޕެއިންގެ ކޯޗު ހޫލެން ލޮޕެޓިގޫ އިއުލާން ކުރި ސްކޮޑުގައި ޗެލްސީއަށް ކުޅެމުން އަންނަ މާކަސް އެލޯންސޯއާއި އާސެނަލްގެ ހެކްޓާ ބެލަރިންވެސް ހިމެނިފައެއް ނުވެއެވެ. ބާސެލޯނާއާއި ރެއާލް މެޑްރިޑަށް ނިސްބަތްވާ 10 ކުޅުންތެރިއަކު ސްޕެއިންގެ ސްކޮޑުގައި ހިމެނިފައިވާ އިރު، ބާސާގެ ޒުވާން ޑިފެންޑަރު ސާޖިއޯ ރޮބާޓޯއަށްވެސް ސްޕެއިންގެ ސްކޮޑުން ޖާގަ ލިބިފައެއް ނުވެއެވެ.

ސްޕެއިންގެ ވޯލްޑް ކަޕް ސްކޮޑު:

ގޯލްކީޕަރުން - ޑޭވިޑް ޑެހެއާ (މެންޗެސްޓާ ޔުނައިޓެޑް)، ޕެޕޭ ރޭނާ (ނަޕޯލީ)، ކެޕާ އަރިޒަބަލާގާ (އެތުލެޓިކް ބިލްބާއޯ)

ޑިފެންޑަރުން- ޖޯޑީ އަލްބާ (ބާސެލޯނާ)، ސާޖިއޯ ރާމޯސް (ރެއާލް މެޑްރިޑް)، ޖެރާޑް ޕީކޭ (ބާސެލޯނާ)، ޑެނީ ކަވަހާލް (ރެއާލް މެޑްރިޑް)، ސީޒާ އަޒްޕިލިކުއެޓާ (ޗެލްސީ)، ނަޗޯ މޮންރެއާލް (އާސެނަލް)، ނަޗޯ ފެނާންޑޭޒް (ރެއާލް މެޑްރިޑް)، އަލްވާރޯ އޮޑްޑިއަޒޯލާ (ރެއާލް ސޮސިއެޑާޑް)

މިޑްފީލްޑަރުން - ތިއޭގޯ އަލްކަންޓްރާ (ބަޔާން މިއުނިކް)، ކޮކޭ (އެތުލެޓިކޯ މެޑްރިޑް)، ސައުލް ނިގުއޭޒް (އެތުލެޓިކޯ މެޑްރިޑް)، ޑޭވިޑް ސިލްވާ (މެންޗެސްޓާ ސިޓީ)، އަންދްރޭސް އިނިއެސްޓާ (ބާސެލޯނާ)، އިސްކޯ (ރެއާލް މެޑްރިޑް)

ފޯވަޑުން - ޑިއޭގޯ ކޮސްޓާ (އެތުލެޓިކޯ މެޑްރިޑް)، މާކޯ އެސެންސިއޯ (ރެއާލް މެޑްރިޑް)، އިއޭގޯ އަސްޕާސް (ސެލްޓާވީގޯ)، ރޮޑްރީގޯ މޮރޭނޯ (ވެލެންސިއާ)، ލޫކަސް ވަޒްކުއޭޒް (ރެއާލް މެޑްރިޑް)

comment ކޮމެންޓް