މުޅި މާރުކޭޓުގައި ފުވައްމުލަކު އަނބު

ލޯކަލް މާރުކޭޓްގައި ވިއްކަން ހުރި އަނބު -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

ރަމަޟާންމަހާއި ދިމާކޮށް މާރުކޭޓްގައި މޭވާގެ ބާވަތްތަކަށް ބޮޑު ޑިމާންޑެއް އޮންނައިރު ކޮންމެ މީހަކުވެސް ބޭނުންވާނީ ރޯދަ ވީއްލާ ވަގުތުގައި ތާޒާ މޭވާއިން ގިރާފައިވާ ފަނި ތައްޓެކެވެ.

ހާއްސަކޮށް ރާއްޖޭގައި އުފައްދާ ދިވެހި އުފެއްދުންތަކަށް ބޮޑު ޑިމާންޑެއް މާރުކޭޓްގައި އޮވެއެވެ. އޭގެތެރެއިން ފާހަގަ ކޮށްލެވޭ އެކައްޗަކީ އަނބެވެ.

ލޯކަލް މާރުކޭޓްގައި ވިއްކަން ހުރި އަނބު -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

މިއަދު މާލޭގެ ލޯކަލް މާރުކޭޓަށް ނަޒަރު ހިންގާލާ އިރު، ދިވެހި އަނބު ލިބެން ހުރި ގޮޅިތައް ވަރަށް މަދެވެ. ހުރީ ހުސް ބޭރު އަނބެވެ.

އެހެން ނަމަވެސް ފާހަގަކުރެވެނީ މުޅި ބާޒާރުގައި ވެސް ދިވެހި އަނބަކަށް ލިބެން ހުރީ ފުވައްމުލަކުގެ ޚާއްސަ އަނބު ކަމެވެ. ކޮންމެ ގޮޅިއެއްގައި ވެސް އަހާލުމުން ލިބޭ ޖަވާބަކީ ފުވައްމުލަކު އަނބު ކަމެވެ.

ފުވައްމުލަކު އަނބަކީ ރާއްޖެއަށް ޚާއްސަ އަނބުގެ ބާވަތެކެވެ. އަނބުގެ އެ ސްޕީޝީސްއަކީ ދުނިޔޭގެ އެހެން ހިސާބެއްގައި ހެދޭ ސްޕީޝީސްއެއް ނޫނެވެ.

https://sun.mv/60385

މާރުކޭޓުގައި އަނބުގެ އަގުތަކަށް ބަލާލާއިރުގައި ހަ އަނބާއި ހަތް އަނބުގެ ބައެއް ވިއްކަން ހުރީ 100 ރުފިޔާއަށެވެ. ފާވެފައި ހުރި އަނބާ ހުތް އަނބުވެސް ލިބެންހުރީ ހަމަ ގާތްގަނޑަކަށް އެއް އަގެއްގައެވެ.

"މީހަމަ ވަރަށް ތާޒާ އަނބު، ސީދާ ފުވައްމުލަކުން ގެނެސްފައި ހުރި އަނބު މީ،" މާރުކޭޓް ގޮޅިއެއްގައި އަނބު ވިއްކަންއިން މީހަކު ބުންޏެވެ.

މާރުކޭޓްގައި ވިއްކަން ހުރި ކަރާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަނބަކީ ފަނި ގިރުމުގެ އިތުރުން އަދި މިލްކްޝޭކާއި ލައްސީ ފަދަ ބުއިންތަކާއި، ހުހާ ކެއުމަށްވެސް ކަމުދާ، މަގުބޫލު މޭވާއެކެވެ. އަނބުގެ އިތުރުން މާރުކޭޓުގައި ހުރި، ރާއްޖޭގެ ރަމަޟާން މަހުގެ "ނިޝާން"ކަމުގައިވާ ކަރާގެ އަގު އުޅެނީ ކިލޯއެއް 20 ރުފިޔާގެ މަގުންނެވެ.

އަދި ފޭރު ކިލޯއެއް އުޅެނީ 60 ރުފިޔާއަށެވެ. ކުރުނބައެއް އުޅެނީ 40 ރުފިޔާއަށެވެ. އަލަނާސީގެ އަގު ވެސް އުޅެނީ 40 ރުފިޔާއާ 60 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.

ލޯކަލް މާރުކޭޓުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާރުކޭޓްގައި އެންމެ އަގުބޮޑު މޭވާއަކަށް ފާހަގަކޮށްލެވެނީ އެވަކާޑޯ އަދި އަންނާރެވެ. އެގޮތުން އަންނާރު ކިލޯއެއް މާރުކޭޓްގައި ހުރީ 80 ރުފިޔާއަށް ކިލޯއެއްގެ މަގުންނެވެ. އެވަކާޑޯ ކިލޯއެއް އުޅެނީ 70 ރުފިޔާއަށެވެ.

comment ކޮމެންޓް