ފުވައްމުލަކު އަނބު – ތަފާތުގޮތެއް ހުރޭ!

ފުވައްމުލަކު ދޮން އަނބެއް: ރަހައާއި، އުފެދުމުގައި ވެސް ތަފާތުތަކެއް ހުންނަ ކަމަށް ގިނަބަޔަކު ބުނޭ -- ސަން ފޮޓޯ: މަލާހާ އަލީ

ފުވައްމުލަކު ދޮން އަނބެއްގެ ރަހަ ބަލައިފިނަމަ، ދެވަނަ ފަހަރަށް އޭގެ ރަހަބަލަން ބޭނުންވާނެޔޭ ބުނާ ވާހަކައަކީ ހަގީގަތުގައިވެސް ތެދެއް ހެއްޔެވެ؟ އަނބަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ހެދޭ މޭވާއަކަށް ވީ ނަމަވެސް ފުވައްމުލަކު އަނބަށް ޚާއްސަ މަޝްހޫރު ކަމެއް ލިބިފައި އޮންނީ ކީއްވެހެއްޔެވެ. ފުވައްމުލަކު އަނބުގެ ސިފަތައް ކިޔައިދޭއިރުވެސް ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ އަނބާ ތަފާތުކޮށްލާ ތަފާތުކޮށްލުމަކީ އޭގެ ހަގީގަތް ކޮންމެވެސް ވަރަކަށް ބަލަން ޖެހޭ ކަމެއް ނޫންހެއްޔެވެ. ހަމަ ގައިމުވެސް ހަގީގަތެއް ނެތް ކަމެއްގައި ގިނަބަޔަކު އިއްތިފާގެއް ނުވާނެއެވެ.

މިބާވަތުގެ އަނބު ދުނިޔޭގެ އެހެން ހިސާބަކުން ނުފެނޭ!

ދުނިޔޭގެ ދިރުންތަކާބެހޭ ގޮތުން މައުލޫމާތުތައް ގެނެސްދޭ އޮންލައިން ޓޫލް "ޕްރޮޖެކްޓް ނޫހް"ގައި ވާގޮތުން އައްޑޫ ސިޓީގެ ހުޅުދޫންނާއި ފުވައްމުލަކުން ވަރަށް ޒަމާންވީ ގިނަ އަނބުގަސްތަކެއް ފެނިފައި ވެއެވެ. އެހެންކަމުން ރާއްޖޭގައި ހެދޭ އަނބަކީ ކުރީއްސުރެވެސް ރާއްޖެއަށް ހާއްސަ ވައްތަރުތަކެއް ކަމަށް ބެލެވެއެވެ.

ފުވައްމުލަކު ގެއެއްގެ ގޯތިތެރޭގައި ހައްދާފައި ހުރި އަނބުގަހެއް -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ރާއްޖޭގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތުދިން ގޮތުގައި، ރާއްޖޭގައި މި ހެދޭ އަނބުގެ 'ސްޕީސީސް' އަކީ ދުނިޔޭގެ އެހެން އެއްވެސް ހިސާބެއްގައި ހެދޭ ބާވަތެއް ނޫނެވެ. އެގޮތުން މީގެ ފަސް ވަރަކަށް އަހަރު ކުރިން އަނބާ ބެހޭގޮތުން ދިރާސާއެއް ކުރުމަށް ރާއްޖެއަށް ޒިޔާރާތްކުރި އޮމާން ސަރުކާރުގެ ވަފުދަކުން ވަނީ އެކަން ކަށަވަރުވެސް ކޮށްދީފައެވެ.

"ދުނިޔޭގެ އެކި ހިސާބުތަކުގައި ހެދޭ އަނބުގެ ޑީއެންއޭއާއި ރާއްޖޭގައި ހެދޭ އަނބުގެ ޑީއެންއޭގެ ސާމްޕަލް ބޭނުންކޮށްގެން ހެދި ދިރާސާއަކަށްފަހު އެމީހުން އަޅުގަނޑުމެންނަށް ދީފައިވާ މައުލޫމާތަކީ، ރާއްޖޭގައި މި ހެދޭ އަނބެއް ނެތޭ ދުނިޔޭގެ އެއްވެސް ހިސާބެއްގައެއް،" ފިޝަރީޒް މިނިސްޓްރީގެ ސީނިއާ އެގްރިކަލްޗަރު އޮފިސަރު މުޙައްމަދު އަފީފު ވިދާޅުވިއެވެ.

ފުވައްމުލަކުން އަނބު މޫސުމުގައި މާލެ ގެންނަން ބިނދެފައި ހުރި އަނބުތަކެއް -- ސަން ފޮޓޯ: މަލާހާ އަލީ

އެހެންކަމުން ފުވައްމުލަކު އަނބުގައި އެހުންނަ ޖާދުވީ އަސަރު ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ނުހުރުމަކީ އެކަށީގެން ނުވާކަމެއް ނޫންތާއެވެ. ފުވައްމުލަކުގައި ފުޅާދާއިރާއެއްގައި އަނބުގެ ވިޔަފާރިކުރާ މީހަކު ކިޔައިދިން ގޮތުގައި، އެރަށު އަނބަށް ގިނަބަޔަކު ޝައުގުވެރިވަނީ ސަބަބުތަކެއް ހުރީމައެވެ.

"މިރަށު އަނބު ރާއްޖޭގެ އެހެން ހިސާބުތަކުގެ އަނބަށްވުރެ މީރު. އެއީ ހަމަ ހަގީގަތެއް. ފުވައްމުލަކު އަނބުގައި އެ ހުންނަ މީރު ފޮނި ރަހައާއި ފުށްކަން އަދި އެހުންނަ މީރުވަސް އެހެން އަނބުތަކާ ތަފާތު. އެހެން ހިސާބުތަކުގެ އަނބަށް ވުރެ ފުވައްމުލަކު އަނބުގެ ސައިޒުވެސް ބޮޑުވާނެ،" އަނބުގެ ވިޔަފާރިކޮށްގެން ރަނގަޅު އާމްދަނީއެއް ލިބޭކަން ފާހަގަކުރަމުން ފުވައްމުލަކުގައި އެ ވިޔަފާރިކުރާ މީހަކު ކިޔައިދިނެވެ.

ފުވައްމުލަކު ގެއެއްގެ ގަހުން ބިނދެފައި، ދޮންވާން ކައިރިވެފައި ހުރި އަނބުތަކެއް -- ފޮޓޯ: ސިނާން އަލީ

އެއީ ހަމަ ތެދެކެވެ. ފުވައްމުލަކު އަނބުގެ ތޮށިގަނޑު ތުނިވެފައި އެހުންނަ މީރުވަސް، އަދި ނަރު މަދުވެފައި ފުށްކަން އިތުރުވުމުން އަނބު ކާލަން ފަސޭހަ ވާހަކައަކީ ހަމައެކަނި އެރަށު މީހުން ދައްކާ ވާހަކައެއް ނޫނެވެ. އެރަށު އަނބެއްގެ ރަހަ ބެލި ހަމަ ކޮންމެ މީހަކުވެސް އޭގެ މީރުކަމުގެ ވާހަކަ ދައްކައެވެ. އަދި އެއަށް ތައުރީފުކޮށް އޭގައި ހާއްސަކަމެއް ހުންނަކަމަށް ބުނެއެވެ.

"ފުވައްމުލަކު އަނބު އަޅުގަނޑުވެސް ކެއިން. އެ އަނބު ދޮންވީމަ ތޮށި ތުނިވެފައި، ނަރު މަދުވެފައި އެތެރޭގައި ފުށްކަން ގަދަވާނެ. ފުށްކަން ގަދަވުމުގެ ސަބަބުން އަވަހަށް ފީވުން ކުޑަވާނެ. އަނބުގެ ތަޖުރިބާކާރުން ވިދާޅުވާގޮތުން ރާއްޖޭގެ އެހެނިހެން ހިސާބުގެ އަނބުތަކުގެ ތޮށިގަނޑު ބޯވެފައި އެތެރޭގެ ފުށްކަމުގެ ބަދަލުގައި ހުތްކަން ގަދަވުމުން އަނބު ފީވާލެއް އަވަސްވާނެ،" ފުވައްމުލަކަށް ގޮސް އެރަށުގެ ދޮންއަނބުގެ ރަހަބަލައި އެއާބެހޭގޮތުން ބައެއް ދިރާސާތައްވެސް ކޮށްފައިވާ އިޔާޒު ކިޔައިދިނެވެ.

ފުވައްމުލަކުގައި އެހާ ފަސޭހައިން އަނބު ހެދެނީ ކީއްވެ؟

ފުވައްމުލަކުގެ އާބާދީ އޮތް ސަރަހައްދުތަކަށް ބަލާ އިރު އެއްވެސް މަގެއް ނުވަތަ ގޯޅިއެއްގެ މަތީގައި ހުއްޓި ހުންނަ އިރު އެއް އަނބު ގަހަށް ވުރެ ގިނަ ގަސް ނުފެންނަ ހަމަ އެއްވެސް ހިސާބެއް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.

އަނބަކީ ހޫނު ހިސާބު ތަކުގައި ހެދޭ މޭވާ އެކެވެ. އަނބަކީ ރާއްޖެ ނިސްބަތްވާ އޭޝީއާ ސަރަހައްދަށް ހާއްސަ މޭވާއެކެވެ. އަނބު އާންމު ގޮތެއްގައި ހެދޭކަމަށް ފާހަގަކުރެވިފައި ވަނީ އިރުމަތީ އޭޝިޔާ އާއި، ދެކުނު އޭޝިޔާގެ ގައުމުތަކުގައެވެ. ހާއްސަކޮށް އިންޑިއާ، ބަންގްލަދޭޝް، ސްރީލަންކާ، ޕާކިސްތާން ފަދަ ގައުމު ތަކުގައި އަނބު ހެދޭ މިންވަރު އިތުރުކަން ދަނޑުވެރިކަމާ ބެހޭ ހޯދުންތަކުން ހާމަވެއެވެ.

ފުވައްމުލަކު ގެއެއްގެ ގޯތިތެރޭގައި ހައްދާފައި ހުރި އަނބުގަސްތަކެއް -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ރާއްޖޭގެ އެހެން ރަށްތަކާ އަޅައިބަލާއިރު ފުވައްމުލަކުގައި އަނބު ހެދޭލެއް ފަސޭހަވެފައި ގިނައެވެ. މީގެ ސަބަބުތަކެއް ކަމަށް ދަނޑުވެރިކަމާ ބެހޭ ތަޖުރިބާކާރުން ވިދާޅުވަނީ، އެއީ މިރަށުގެ ފެން ތިލަވުމާއި، ބިންގަނޑުވެސް މުއްސަނދިވީމަ ކަމަށެވެ. އަދި ރަނގަޅަށް އަނބު ހެދޭ ތަންތަނުގެ ފަސްގަނޑު ފަދައިން ފުވައްމުލަކުގެ "ޓޮޕްސޮއިލް ލޭޔަރު" ނުވަތަ ކަޅުފަހުގެ ފަށަލަ ގުދުރަތީ ކާނާއިން މުއްސަނދިވުމަކީވެސް އެރަށުގައި އަނބު ތިޔާގިވުމުގެ ސިއްރެކެވެ.

"ފުވައްމުލަކަކީ ރާއްޖޭގެ ޒަމާންވީ ރަށެއް. ބިންގަޑު ވެސް ރަނގަޅު ރަށެއް. ދެން އެގޮތުން އެރަށުގައި ހެދޭ އަނބުގައި ކުޑަކުޑަ ތަފާތުތަކެއް ހުންނާނެ،" ފިޝަރީޒް މިނިސްޓްރީގެ ސީނިއާ އެގްރިކަލްޗަރު އޮފިސަރު މުޙައްމަދު އަފީފު ވިދާޅުވިއެވެ.

އަފީފު ވިދާޅުވީ،" ޒަމާނުއްސުރެންވެސް ރާއްޖޭގެ ހަމަ ހުރިހައި ރަށެއްގައި ވެސް ހައްދައި އުޅެނީ އެއްވައްތަރެއްގެ އަނބުތަކެއް،" ކަމަށެވެ.

ފުވައްމުލަކު ގެއެއްގެ ގޯތިތެރޭގައި ހައްދާފައި ހުރި އަނބުގަހެއް -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ދުނިޔޭގެ މެދުގައި ދަމާލެވިފައިވާ އީކުއޭޓަރާ ދިމާލުގައި ފުވައްމުލައް އޮތުމާއި، އެރަށް އުފެދިފައިވާގޮތުން ފެނުގެ ފަށަލަ ތިލަވެފައި ގަސްތަކަށް ރަނގަޅަށް ފެންލިބި، ޒަމާންވީ ރަށަކަށް ވެފައި ގުދުރަތީ ކާނާގެ ގޮތުން ބިންގަނޑު މުއްސަނދިވުމަކީ ފުވައްމުލަކުގައި އަނބު އެހާފަސޭހައިން ހެދެން މެދުވެރިވާ ސަބަބުތަކެވެ.

ފުވައްމުލަކަށް އަނބު މޫސުމް

އަނބު ގަހަކީ ހިޔާދޭ، ބޮޑުކޮށް ހެދޭ ގަހެކެވެ. އާއްމު ގޮތެއްގައި 40-35 މީޓަރުގެ އުސްމިނަށް އަނބުގަސް ހެދެއެވެ. އަދި 10 މީޓަރުގެ ފުޅާ މިނަށް އަނބުގަސް ފެތުރޭ ކަމަށް ވެއެވެ. އެފަދަ ބޮޑު ހިޔާދޭ ގަހެއް ފުރެންދެން އަނބުއަޅާފައި އޮންނާނެ ގޮތް ސިފަކޮށްލަބަލާށެވެ. ފުވައްމުލަކުގައި އަނބު މޫސުން އަންނައިރު ރަށުގެ ހުރިހާ ހިސާބެއްގައި ވެސް ގަސްތައް ފެންނަނީ ރަން ރީނދޫކުލައިން ޖަރީވެފައިވާ މަންޒަރެވެ.

"ގަސްތައް ހުންނާނީ ފުރިބާރުވެފައި. އަނބުމޫސުމެއްގައި އެއް އަވަށުން އަނެއް އަވަށަށް މިހެން ހިނގާލާފައި ދާއިރުވެސް އުނދަގުލަކާ ނުލައި 100 ވަރަކަށް ތާޒާ ދޮންއަނބު މަގުމަތިން ހޮވައިލެވޭނެ،" ފުވައްމުލަކުގައި ގިނަ އަދަދަކަށް އަނބުގަސްތައް ހައްދާފައި ހުރި ގެއަކަށް ނިސްބަތްވާ ހަސީނާ ކިޔައިދިނެވެ.

ފުވައްމުލަކު ގެއެއްގެ ގޯތިތެރޭގައި ހައްދާފައި ހުރި އަނބުގަހެއްގައި އަނބުއަޅާފައި -- ސަން ފޮޓޯ: ސިނާން އަލީ

އަނބު މޫސުމުގައި ގިނަ ގޭގޭގެ އަނބު ގަސްތައް ހުންނަނީ ގަސް އެއްކޮށް ވިއްކާލާފައެވެ. އަނބު ގަސްތަކުގައި މާ އެޅުމަށްފަހު އަނބަށް ބަދަލުވެ، ހަރުވާން ތިން މަހާއި ފަސް މަހުގެ މުއްދަތެއް ނަގައެވެ. އަނބުއަޅާ، ހަރުވެ އަދި ދޮންވުމުން އަނބުތައް ބިނދެ ވިޔަފާރި ކުރުމުގައި އުޅޭކަމަށް ވަނީ އަނބުގަސް ގަނެގެން އުޅޭ މީހާއެވެ.

އަނބުގެ ވިޔަފާރި

ފުވައްމުލަކު މީހުން ބުނާ ގޮތުން އަނބުގަސް ހައްދަން އެމީހުން ކުރާ ވަކި ހާއްސަކަމެއް ނޯވެއެވެ. މާބޮޑު މަސައްކަތެއް ނުކުރި ކަމުގައިވިޔަސް އަނބުގަސްތައް ހެދެއެވެ. ނަމަވެސް ބޮޑުވަމުން އަންނަ ވަރަކަށް ގޯތިތެރެއަށް އެޅޭ ކުނި ގިނައެވެ. އަނބު އެޅުމަށްފަހު ލިބޭ ފައިދާއަށް ބަލާއިރު ގޯތިތެރެ ސާފުކުރަކީ ބުރަކަމެއް ކަމުގައި އެމީހުން ނުދެކެއެވެ.

އަނބު މޫސުމުގައި ގިނަގޭގޭގެ އަނބު ގަސްތައް ހުންނަނީ ގަހުގައި އަޅާ ހުރިހާ އަނބެއް އެއްކޮށް ވިއްކާލައިފައެވެ.

ފުވައްމުލަކު ގެއެއްގެ ގޯތިތެރޭގައި ހައްދާފައި ހުރި އަނބުގަސްތަކެއް -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

"ގަސްތަކުގައި މާއެޅުމުން އަނބު ވިޔަފާރިކުރާމީހުން އެގަހުގައި ހުރި އަނބުތައް ރިޒާވްކުރާނެ. ދެން އޭގެފަހުން އަނބުގަސްތައް އެމީހުން ބަލަހައްޓާނެ. އަނބުތައް ދޮންވުމުން އެ ބިނދެ ވިޔަފާރި ކުރުމުގައި އުޅޭނީ އެމީހުން،" އަނބުގަސްތައް ގިނަ ގެއަކަށް ނިސްބަތްވާ އަހްމަދު އަފްރާހު ބުންޏެވެ. "ދެން އެ އަނބު ވިއްކުމަށްފަހު އެމީހުން އެއަށް ކީ އަގު ދޭނެ. އިހުޒަމާނުގައި އަދި މިހާރުވެރެ ބައެއް މީހުން، އަނބު ވިއްކާފައި ގެނެސްދޭނީ ލާރިއެއް ނޫން. އެކަމަކު އެއަށް ވާވަރަށް ކުކިން އޮއިލް، ނުވަތަ ކެއްކުމަށް ބޭނުންކުރާ އެފަދަ ބައެއް ސާމާނު ގަނެގެން ގެނެސްދޭނެ."

ފުވައްމުލަކު އަނބަށް މާކެޓް ހޯދުން

އަނބަކީ ވިޓަމިން ސީ އަދި ވިޓަމިން އޭ އިން މުއްސަނދިވެފައިވާ މޭވާ އެކެވެ. އަދި ހަމަ މިހެން ބީޓާ ކެރޮޓީން އަދި ފައިބަރު ވެސް ގިނަ މޭވާއެކެވެ. މައިދާ އަށް ކުރިމަތިވާ މައްސަލަތައް ރަނގަޅު ކުރުމުގައި އަނބަކީ ބޭނުންތެރި މޭވާއެކެވެ. އަނބަކީ ހިތުގެ ބަލިތަކާއި ކެންސަރު ފަދަ ބަލިތަކުން ހިމާޔަތް ކޮށްދިނުމުގައި އެހީތެރިވެދޭ ފީނޮލިކް ކަމްޕައުންޑްތައް އެކުލެވޭ ކާނާގެ ބާވަތެކެވެ.

ފުވައްމުލަކު ގެއެއްގެ ގަހުން ބިނދެފައި، ދޮންވާން ކައިރިވެފައި ހުރި އަނބުތަކެއް -- ފޮޓޯ: ސިނާން އަލީ

މިފަދަ މައުލޫމާތުތަކުން އާންމުން ހޭލުތެރިކުރެވިއްޖެ ނަމަ، ރާއްޖޭގައި އުފައްދާ އަނބުގެ ތިންބައިކުޅަ ދެބައި އަނބު ހައްދާ ފުވައްމުލަކާއި އަދި އެނޫންވެސް ރަށްރަށަށް އަނބުން ތަފާތު ބާވަތްތައް އުފައްދައިގެން ރަނގަޅު އާމްދަނީއެއް ހޯދުމަކީ އުނދަގޫކަމަކަށް ނުވާނެއެވެ. ޑްރައިމެޝިން ބޭނުންކޮށްގެން ޕެކެޓްގައި އަނބު ބަންދުކުރުމާއި، މިފްކޯއިން އަހިވައް ޖޫހާއި ކުރުބާފެން ރައްކާކުރާގޮތަށް އަނބުޖޫހާއި އެނޫންވެސް އަނބުގެ އުފެއްދުންތައް މާކެޓަށް ނެރެދިނުމަށް ސަރުކާރުންވެސް އޮތީ ތައްޔާރަށްކަން އެބޭފުޅުންގެ ބަހުން އެނގެއެވެ.

"އަނބުވެސް ބައެއްފަހަރު ނުވިކި ފީވެ ހަލާކުވެގެން އެބަދޭ ދެއްތޯ. އެހެންވީމަ އެގޮތަށް ހަލާކުވިޔަ ނުދީ އެތަކެތި އެބެޖެހޭ ވެލިއުއެޑެޑް ޕްރޮޑަކްޓްގެ ގޮތުގައި މާކެޓަށް ނެރެން. އަޅުގަނޑުމެން މި ބަލަނީ ރަށްރަށުގައި ރަނގަޅަށް ހިނގާ ކޯޕަރޭޓިވްސްތަކަށް އެފަދަ ފުރުސަތުތައް ދީގެން، އެބޭފުޅުންނަށް ބޭރުގެ އެހީތެރިކަންވެސް ހޯދައިދީގެން މިކަހަލަ ކަންކަން ކުރިއަށް ގެންދަން،" މިހާރުވެސް ފުވައްމުލަކު ކޯޕަރޭޓިވްސް އިން ފިޝަރީޒް މިނިސްޓްރީގެ އެހީތެރިކަމާއެކެ އަލަޗިޕްސް ކާމިޔާބުކަމާއެކު އުފައްދާކަން ފާހަގަކުރައްވައްވަމުން އަފީފު ވިދާޅުވިއެވެ.

ފުވައްމުލަކު ގެއެއްގެ ގޯތިތެރޭގައި ހައްދާފައި ހުރި އަނބުގަހެއްގައި އަނބުއަޅާފައި -- ސަން ފޮޓޯ: ސިނާން އަލީ

ފުވައްމުލަކުގައި އަނބު މޫސުން ނޫން ދުވަސްވަރު އަނބު ނުލިބޭތީ މިދިޔަ އަހަރު ވަނީ އާ ތަޖުރިބާއެއްކޮށް އެކަން ކާމިޔާބުވެސް ކޮށްފައެވެ.

"މިދިޔަ އަނބުމޫސުމުގައި މިރަށު ވަރަށް ގިނަ ގޭގޭގައި އަނބު ކޮށާފައި، ރަނގަޅަށް ވައި ނުވަންނަގޮތަށް ޕެކް ކުރުމަށްފަހު ފްރިޖަށްލައި އެއްކޮށް ގަނޑުކޮށްފައި ބެހެއްޓި. އަދި އަނބު މޫސުން ދިޔައިމަ އޭގެ ބައެއް މާލެ ގެންގޮސްގެންވެސް ވިއްކި. އަދި ރަށުގައި މިހާރުވެސް އެގޮތަށް ފްރިޖްގައި ގަނޑުކޮށްފައި ހުރި އަނބު އެބަ ބޭނުންކުރޭ،" ފުވައްމުލަކު އާންމުން، އަނބުން ލިބޭ އާމްދަނީ އިތުރުކުރުމަށް އަނބު އަސާރައާއި އަނބު ޖޭމު ވެސް ބައެއްގޭގައި މިހާރުވެސް ތައްޔާކުރާކަން ފާހަގަކޮށް އަފްރާ ބުންޏެވެ.

ފުވައްމުލަކަށް "ސަން ރަށަށް' ޕްރޮގްރާމްގެ ދަށުން ސަން ޓީމުން މި ކުރި ދަތުރުގައި ވެސް ވަނީ މި ގޮތަށް ޕެކް ކޮށްފައި ހުރި އަނބު ފަނި ލިބިފަ އެވެ. އެ އަނބެކޭ މިއަދު ބިން ތާޒާ އަނބެކޭ ތަފާތެއް ފާހަގައެއް ނުކުރެވެ އެވެ. އެއީ މިދިޔަ އަނބު މޫސުމުގައި ބިނދެ، ކޮށައި ގަނޑުކޮށްފައި ހުރި އަނބެވެ.

ކަރާގެ ސަބަބުން ތޮއްޑުއަށް ލިބިފައިވާ ފަދަ މަޝްހޫރުކަމެއް މީރު ދޮން އަނބުގެ ސަބަބުން ފުވައްމުލަކަށްވެސް ވަނީ ލިބިފައެވެ. ފަހުން އެހެން ރަށްރަށުގައި ކަރާ ނުވަތަ އަނބު ހެއްދިޔަސް މި ދެރަށަށް އެ ގޮތުން އޮން މަޝްހޫރު ކަން ހަމަ އެގޮތުގައި އެބަ އޮތެވެ. އެ މަޝްހޫރުކަމާއި އަނބުގެ ތިޔާގިކަން ދެމެހެއްޓުމަށް ފުވައްމުލަކު ރައްޔިތުންވެސް މިހާރަށްވުރެ ބޮޑަށް މަސައްކަތްކުރާން ޖެހެއެވެ. ރަނގަޅަށް ގަސްތަކަށް ކާނާދީ، މަރުވާކުރިތައް ކޮށައި ގަސްތައް ރަނގަޅަށް ބަލަހައްޓާނަމަ ފުވައްމުލަކުގައި މިހާރު ހެދޭ ހިތްގައިމު އަނބުގެ މިންވަރު އެތައް ގުނައެއް އިތުރުކުރެވޭނޭ ކަމަށް އެކަމުގެ ތަޖުރިބާކާރުން ދެކެއެވެ.

comment ކޮމެންޓް