ރައީސް މައުމޫންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައި ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ބޮޑެތި ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.

މައުމޫނުގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރެއިން މާދަމާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅިކަމުގެ ޝަރީއަތުގެ އަޑުއެހުމެކެވެ. މައުމޫނުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވެސް ދައުލަތުން އެ ދައުވާ ކުރެއެވެ.

ނަމަވެސް މާދަމާ ކުރިއަށް ގެންދަނީ މައުމޫނުގެ ޝަރީއަތް އެކަންޏެވެ. އެއީ ދެ ފަނޑިޔާރުންގެ އަޑުއެހުމުގެ އިބްތިދާއީ ބައި މިހާރު ނިމިފައި ވާތީއެވެ. މައުމޫންގެ ޝަރީއަތް ކުރިއަށް ނުގެންދެވިފައި ވަނީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ދެރަވުމުގެ ސަބަބުން ކޯޓަށް ހާޒިރު ނުކުރެވިގެންނެވެ.

އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅިކަމުގެ ދައުވާގެ އިތުރުން ރައީސް މައުމޫންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނުކަމުގެ ދައުވާ ވެސް އުފުލައި، އެ ޝަރީއަތް ފަށާފައެވެ. ރައީސް މައުމޫނުގެ ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން އެންމެ ފަހުން ބާއްވަން ތާވަލުކުރި ތިން އަޑުއެހުން ވެސް ވަނީ ކެންސަލްކޮށްފައެވެ.

ރައީސް މައުމޫނުގެ ސިއްހީ ހާލަތާއި ގުޅޭ ގޮތުން މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި އެމަނިކުފާނު ވިދާޅުވީ އުމުރުން ދުވަސްވުމުގެ ސަބަބުން އެކަނި ތަނެއްގައި އޮތުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށާއި ކޮންމެ ވަގުތެއްގައިވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

comment ކޮމެންޓް