ފާރިސްގެ އިރުޝާދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފޯރުކޮށްދިނީ ރިޔާޒު: ދައުލަތް

އަބްދުﷲ ރިޔާޒު(ކ) އަދި ފާރިސް: ފުލުހުންގެ ހައްޔަރުގައި ހުރި ފާރިސް މައުމޫންގެ އިރުޝާދުތަކެއް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަބްދުﷲ ރިޔާޒު ފޯރުކޮށްދިން ކަމަށް ދައުލަތުން ވަނީ ތުހުމަތުކޮށްފައި -- ސަން ފައިލް ފޮޓޯ، ފަޔާޒު މޫސާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހައްޔަރުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ދެއްވި އިރުޝާދުތައް އެ ފަނޑިޔާރުންނާ ހަމައަށް ފޯރުކޮށްދިނީ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ކަމަށް ދައުލަތުން ބުނެފިއެވެ.

އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނުކަމުގެ ތުހުމަތުގައި މިއަދު އޮތް އިބްތިދާއީ އަޑުއެހުމުގައި ދައުވާ އިއްވަމުން ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލު ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން ރިޔާޒު ދިޔައީ ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތްކުރަމުން ކަމަށާއި އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދީގެން މަޖިލީހުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތްކުރި ކަމަށް ތަހްގީގަށް އެނގިފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރުގައި ރިޔާޒުގެ ބައިވެރިވުން އޮތް މިންވަރު ހާމަކުރައްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ރިޔާޒު މެދުވެރިކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ފާރިސް މައުމޫންގެ އިރުޝާދުތަކެއް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ ފާރިސްގެ އަތު ލިއުމުން ލިޔެފައިވާ ނޯޓްތަކެއްގެ ޒަރިއްޔާއިން ކަމަށްވެސް ދައުލަތުގެ ވަކީލުން ވަނީ ފާހަގަކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ މެސެޖުތަކުގެ އިތުރުން ސިޔާސީ ގޮތުން ކަންކަން ކުރަންވީ ގޮތުގެ އިރުޝާދު ވެސް ފާރިސް ދެއްވާފައިވާ ކަމަށް ދައުލަތުން ވަނީ ރިޔާޒުގެ މައްޗަށް ތުހުމަތުކޮށްފައެވެ.

ދައުވާއަށާއި ރިޔާޒުގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވައި މިއަދުގެ އަޑުއެހުމުގައި ރިޔާޒު ވިދާޅުވީ އޭނާއަކީ ވަކި މީހެއްގެ އިރުޝާދަށް އަމަލުކުރާ މީހެއް ނޫން ކަމަށާއި ފާރިސް މައުމޫން އޭނާއަށް ކަންކަން ކުރަންވާ ގޮތުގެ އިރުޝާދު އެއްވެސް އިރެއްގައި ދެއްވާފައި ނުވާ ކަމަށެވެ. އަދި ފާރިސް މައުމޫން އޭނާއަށް އިރުޝާދު ދޭން ޖެހޭ އެއްވެސް ހައިސިއްޔަތެއް ނޯންނާނެ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ އަމުރު ނެރުނު ރޭ އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަރީފް މެދުވެރިކޮށް ފުލުހުންގެ މެދުގައި ހަމަނުޖެހުން އުފެދޭ ގޮތަށް ކަންތައްތަކެއް ކުރުމަށް ރިޔާޒު އިރުޝާދު ދެއްވާފައިވާކަމަށް ވެސް ދައުލަތުން ވަނީ ބުނެފައެވެ. އެގޮތުން އެރޭ ޑިއުޓީގައި އުޅުނު ފުލުހުންނާއި، އިތުރު ފުލުހުންތަކެއް މެދުވެރިކޮށް ކުރިމަތިލުމަށް އިރުޝާދު ދެއްވި މީހުންގެ ތެރޭގައި އަބްދުﷲ ރިޔާޒު ހިމެނިވަޑައިގަންނަވާ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

އެ ތުހުމަތުތަކަށް ވެސް ރިޔާޒު މިއަދު ވަނީ ރައްދު ދެއްވާފައެވެ. ރިޔާޒު ވިދާޅުވީ އޭނާއަކީ ފުލުހުން މުއައްސަސާގައި ހަޔާތުގެ ބޮޑު ބައެއް ހިދުމަތްކޮށް ކޮމިޝާނާ އޮފް ޕޮލިސްގެ މަގާމް އަދާކޮށް ޝަރުފްވެރިކަމާއެކު ރިޓަޔާކޮށްފައިވާ މީހެއް ކަމަށެވެ. އަދި އޭނާ އެއްވެސް ފުލުހަކަށް ކުރިމަތިލުމަށް ހިތްވަރު ލިބޭފަދަ ގޮތަކަށް ވާހަކަ ދައްކާފައި ނުވާނެ ކަމަށް ވިދާޅުވިއެވެ.

ރިޔާޒުގެ މައްޗަށް ކުރާ ޓެރެރިޒަމްގެ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ވަނީ 34 ހެއްކެއް ހުށަހަޅާފައެވެ. އަދި ދިފާއުގައި ރިޔާޒުގެ ފަރާތުން ހެކި ހުށެހެޅުމަށް ވަނީ އިތުރު ފުރުސަތެއް ދެއްވުމަށް އެދިވަޑައިގަނެފައެވެ.

comment ކޮމެންޓް