ތަފާތު ލޯތްބެއް -06

ޔަގީނުންވެސް ނާޔަލް އޭނަގެ ޝަޚުސިއްޔަތާއި މަގާމު ހިފަހައްޓާ މީހުންގެ ލީޑަރަކަށްގެން އުޅެން ބޭނުންވެއެވެ.ނާޔަލް ފޯނުކުރީ ކެފޭއަށެވެ. ގެނެސްދޭންވީ އެއްޗެއްސަށް އޯޑަރުދީފައި ނާޔަލް ޖައްސައިލީ މޭޒުމަތީގައެވެ. އެއްފައި ބިންމަތީގައި ވިއްދާލައިގެން އޭނަ އިންއިރު މޮޑެލްއަކާ ތަފާތެއް ނެތެވެ. ރަސްމީގޮތްގަނޑު މުޅިން ބަދަލުވިއެވެ. އަންހެންކުދިންނަށް ހިތްކިޔާ ނާޔަލް ވުޖޫދަށް އައިފަދައެވެ. ކެމީލާއިނީ ހަދާނެގޮތް ހުސްވެފައެވެ. ނާޔަލްއާއި ޖޯންއާއި ދެމީހުން ހަމަ އެއްކަހަލަ ދެމީހުންނޭ ހިތަށްއެރިއެވެ. ނާޔަލްގެ މިޒާޖު ހުންނަގޮތުން "ބޭޑްބޯއި" އަކަށްވުރެ " އަލްފާ މޭލް" އެއްފަދައެވެ.

"ކެޓް ކޯސް ބޭނުންވަނީ ކޮންތާކުން. ދުނިޔޭގެ ކޮންމެ ޔުނިވާސިޓީއަކުންވެސް ޖާގަ ހޯދަދީފާނަން. ހަމަ ބުނަންވީ. އެކަމަކު ހަދަންޖެހޭނީ މެޑިސިން..." ނާޔަލް ބަލާވަރުން ކެމީލާއަށް އުދަގޫވަމުން ދިޔައެވެ.

"އެހެން ގައުމަކަށް ދާހިތެއްނެތް. މިހާރުވެސް ޖާނަލިޒަމް ހަދަނީ. އެންޑް ނޫހަކުން ވަޒީފާ ލިބިއްޖެ. މިތަނުން ކެނޑެން މިއުޅެނީ......" ނާޔަލްގެ އުދަގުލާއިހެދިވެސް މިތާގައި ހުރެވޭވަރެއް ނުވެއޭ ބުނަން ބޭނުންވިޔަސް އެފަދަ ގޮތަކަށް ނާޔަލްގެ ގަދަރުވައްޓާލާކަށް ނުކެރޭނެއެވެ. އިހުތިރާމާއިއެކު ވާހަކަދައްކަން އޭނައަށްވަނީ ދަސްވެފައެވެ.

"ނޯ........" ނާޔަލްގެ ހިތުގައި ބާރު އެތިފަހަރެއް ޖެހުމެކޭ އެއްގޮތްވިއެވެ.

"އޯލްރެޑީ މެއިލްކޮށްފިން. ހޮސްޕިޓަލުގައި ވޯކްކުރާހިތެއް ނުވޭ. މެޑިސިން ހަދާނެ ހިތްވަރެއްނެތް. އެއީ އެހާ ފަސޭހަކަމެއް ނޫން. ޕްލީޒް ޓްރައި ޓު އަންޑަސްޓޭންޑް. ވަރަށް ބޮޑަށް ޝުކުރުވެރިވަން ތިފަދަ ފުރުސަތެއް ހޯދަދިނީތީ. އައިމް ސޮރީ ޑޮކްޓަރ ނާޔަލް. މެޑިސިން ހަދަން ބޭނުންވެ ޗާންސް ނުލިބިފައި އެތައް ކުދިންނެއް އެބަތިބި. އެއިން ކުއްޖަކަށް ތި ސްކޯލާޝިޕް ދީފިއްޔާ ރަގަޅުވާނެ............."

"ހެހެ......" ނާޔަލް އިނީ ހަމަޖެހިލައިގެންނެވެ.

"އޯކޭ ސޯ ކޮން ނޫހަކަށް ދާން ތިއުޅެނީ. ވަރަށް މިސްވާނެ އިނގޭ. އަހަރެންގެ އެސިސްޓެންޓަކަށް ތިނޫން އަންހެންކުއްޖެއް ބޭނުމެއްވެސް ނޫން. ކެޓް ކިހިނެއް ތިހެދީ.............." ނާޔަލް ތެދުވެފަ ހަށަން ބަދެލިއެވެ. ކެމީލާ ލަދުން މަރުވާވަރުވިއެވެ. ނާޔަލް ވާހަކަދައްކަނީ ކޮންފާޑަކަށްހެއްޔެވެ. އެހާ ދިމާކުރާކަށް ނުވެސް ވާނެއެވެ. އޭނަފަދަ އާދައިގެ އަންހެންކުއްޖަކާއި ނާޔަލް ސަމާސާކޮށްގެން ނުވާނެއެވެ. ސީރިޔަސްކޮށް ނާޔަލް މިކަހަލަ ވާހަކައެއް ނުދައްކާނެ ނޫންހެއްޔެވެ. މިއީ ނާޔަލް މަޖާކޮށްލަނީއެވެ. އެކީގައި ސައިބޯން ޖެހުމުން ކެމީލާއަށް އުދަގޫވިއެވެ. ރަގަޅަށް ކާކަށްވެސް ނުކެރުނެވެ. އެކަމާވެސް ނާޔަލް ދިމާކުރިއެވެ. އެގޮތަށް ނުކައި ހުންނާތީ ހިކިކަމުން ވައިކޮޅެއް ޖެހިލާއިރަށް އުދުހިގެން އެހެން ޕްލެނެޓެކަށް ގޮސްދާނެ ނޫންހެއްޔޭ ބުނެލިއެވެ. އޭނަ އަދި ކެމީލާއަށް ކާންދީ ފަލަކުރާނެކަމަށް ބުނެލީ ހީލާފައެވެ.

ނާޔަލް ކުރީގައި ހުރެގެން ނުކުތްތަނާ ކެމީލާއަށް ބަލައިލެވުނީ މޭޒުމަތީގައި ހުރި ބާގާއަށެވެ. އޭނަ ކެއީ ކުޑަ އެތިކޮޅެކެވެ. މާމަ މިކަހަލަ އެއްޗެހި ކާހިތްވާވަރު އޭނަ ދަނެއެވެ. އަވަހަށް ޓިޝޫއަކަށް ލީވަގުތު ނާޔަލް ހުރީ ފަހަތުގައި ޖައްސާފައެވެ. ނުލަފާ ހިންޏެއް އައިސްފައެވެ. ކެމީލާ ގަތްލަދެއްގެ ބޮޑުކަމުން ވަގުތުން ބާގާ އަތުން ދޫވިގޮތަށް ތަޅުންމައްޗަށް ވެއްޓި އެތިކޮޅުތައް އެކި ދިމާލަށް ވިހުރުވިގެން ހިގައްޖެއެވެ. މޫނަށް ހުރިހާ ލޭތައް ޖަމާވެ ލަދުވެތިކަމުގެ ސާލު އޭނަގެ ގައިގާ އޮޅާ ބާރުކޮށްފައިވާފަދައެވެ. ކެމީލާގެ މޫނަށް ވެރިވި ކުލަތައް ދެކެފައި ނާޔަލް ސާފުކުރާ މީހަކަށް ތަޅުންމަތި ސާފުކުރަން އެންގިއެވެ. އަދި އަވަހަށް އެތަނުން ނުކުތެވެ. ސާފުކުރާ މީހާ ކެމީލާ ބުދެއްހެން ހުއްޓުން އަރާފައި ވިހުރުވިފައިވާ އެތިކޮޅުތަކަށް ބަލަން ހުރެފައި ހިންދިރުވައިލިއެވެ. އެހާވަރުން މާމައަށް ދޭން އުޅުނު ހަދިޔާ ނާޔަލް އާއިހެދި ދެވޭގޮތެއް ނުވިއެވެ. އޭނަގެ ނިކަމެތިކަން ނާޔަލް ކުރިމަތީގައި ހާމަވުމާއި ލަދުގަތުން ނޫންކަމެއް ނުވިއެވެ.

ކެމީލާ ގެއަށް ދާން ނުކުތްތަނާ ހިމަފޮދު ވާރޭ ވެހެންފެށުމުން އަނބުރާލަން ހިތަށް އެރިއެވެ. ކާރެއް އަރާ ހަމަކުރުމުން ތެޅިތެޅިވާ ހިތަކާއިއެކު ބަލައިލެވުނެވެ.

"ގެޓް އިން......." ނާޔަލް ނުކުމެ ދޮރު ހުޅުވާލަދިނެވެ.

"ގެ ވަރަށް ކައިރި....."

"އަހަރެން ނާހަމެއްނު ގެ ހުރީ ކޮންތާކުހޭ. އުރާލާފައި އަރުވަންވީ؟ " ނާޔަލް އެހެން ބުނާއިރަށް ކެމީލާ ކާރުތެރެއަށް ދެމިގަތުމުން ނާޔަލް ހިނިގަނޑެއް ޖަހައިލިއެވެ. ކާރުތެރޭގައި ހިފާފައިވަނީ ނާޔަލް ގެ ފިރިހެން ސެންޓްގެ ހިތްގައިމުވަހެވެ. ކަންބޮޑުވެގެންގޮސް ނޭވާލާން ނުކެރިފައި އިންދާ ނާޔަލް ލަވަސީޑީއެއް ލެއްވިއެވެ.

ގެއާއިހަމަޔަށް ދެވުމުން ކެމީލާ ކާރުން ފޭބިއެވެ. ނާޔަލް ގޮވާފައި ދިނީ ކޮތަޅަކާއި ސިޓީއުރައެކެވެ. ނާޔަލް އިހުގެ ލޯބިވެރިން ހަދާހެން ސިޓީއެއް ފޮނުވީބާވައޭ ހިތަށް އަރާފައި ކަންބޮޑުވެގެންގޮސް މޫނުގެ ކުލަ ބަދަލުވެއްޖެއެވެ. ނާޔަލް މިގޮތަށް އަޅައިގަނެގެން އުޅުމުން އޭނަ ބިރުގަނެ ފޫހިވާގޮތްވިއެވެ. މާދަމާ ޑިއުޓީއަށް ނުގޮސް ސަލާމް ފޮނުވާނީއެވެ. ހިލޭ ފިރިހެނަކު ލައްވާ ސަމާސާކުރުވާ އޭނަގެ ކުރިމަތީގައި އިނުމުން ކިތަންމެ ރަގަޅު އަންހެންކުއްޖެއްގެ ވެސް މަގު އޮޅިދާނެ ނޫންހެއްޔެވެ. އޭނަ ވިސްނީ ދީނީ ރޮގުންނެވެ. ހެއްދެވި ފަރާތުގެ ރުއްސެވުމަށްވުރެ މުހިއްމު އެއްވެސް ކަމެއް އެވަގުތަކު ކެމީލާއަށް ނެތެވެ. ސާފު ހިތުގެ މައްޗަށް ޝައިތާނާ ގަދަވިޔަނުދީ އޭނަ ރަގަޅުމަގު ޚިޔާރުކުރަން ނިންމިއެވެ.

ކޮޓަރިއަށް ވަންގޮތަށް ކެމީލާ ފާޚާނާއަށްވަދެ ފެންވަރާ ތާޒާވެލިއެވެ. ގޭގައި ލާކަހަލަ ކުރުތާއަކާއި ކޮޓްން ހަރުވާޅެއްލައިގެން ގޮސް މާމަގެ އެނދުގެ މަގަތުގައި އިށީނެވެ. ކުޑަކޮށް ވާހަކަ ދައްކާލަން އިނދެފައި ނާޔަލް ދިން ކޮތަޅުމަތިން ހަދާންވިއެވެ. އެކޮތަޅު ހުޅުވާލުމާއިއެކު ފެނުނީ ބާގާތަކެވެ. ތާޒާ ބާގާތައް ފެނުމުން ކެމީލާ އިނީ ބުނާނެ އެއްޗެއް ނޭގިފައެވެ.

"ނާޔަލް ކޮންކަމެއް ބޭނުމީ. ބާގާ މިހާ އަގުބޮޑުއިރު މިހާ ގިނައިން ފޮނުވީ ކީއްކުރަން. ނާޔަލް މޮޔަވީތަ..........އެކަމަކު ސައިކޭޓްރިސްޓެކޯ. އެކަމަކު މާމަ ހާދަ އުފާވާނެއޭ...." ކެމީލާ އަވަސްވެގަތީ މާމާއަށް ބާގާ ކާންދޭށެވެ. ދެން އޭނަ ހުޅުވައިލީ ސިޓީއުރައެވެ. އެއާއިއެކު ހައިރާންވިވަރުން މިފެންނަނީ ހުވަފެނެއްބާވައޭ ހިތަށް އެރިއެވެ. އޭނަ މެއިލް ނުކޮށްގެން މެނޭޖްމެންޓް އިންތިޒާރުގައި އޮތްފަދައެވެ. އެހާ އަވަހަށް ޖަވާބު ފޮނުވައިފިއެވެ. ވަޒީފާއިން ވަކިކޮށްފައެވެ. އުފާކުރަންވީކަމެއް ނޫނީ ރޯންވީކަމެއް ނޭގުނެވެ. ދެތިންފަހަރު ކިޔާލުމުން މޮޅިވެރިކަން އޭނަ ވަށައިލިއެވެ. މަންމަ ބުނާހެން މޮޔަކަމެއް ކުރެވުނީހެއްޔެވެ. ޕްރައިވެޓް ހޮސްޕިޓަލަކަށް ވުމުން މުސާރަ ބޮޑުވެފައި ޑިއުޓީ ލުއިވެސް މެއެވެ.

ނާޔަލްގެ ބާރު ހިނގާތަނަކީ ކަން ނޭގެއެވެ. ނާޔަލް އޭނަގެ އަތަށް ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން ދޭނީ އޭނައަށް ބާރާއި ނުފޫޒުއޮތް ވަރުންނެވެ.

"މާތް ﷲ ހުރިހާކަމެއް ދެނެވޮޑިގެންވޭ. މިއަށްވުރެ ރަގަޅު ގޮތެއް މިންވަރުކުރައްވާފައި އޮތީމަކަމަށް ވާނީ. އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ. މާރަގަޅު އެހެން ވަޒީފާއެއް ލިބިދާނެ........" ކެމީލާ ލުއިކޮށް ހީލިއެވެ.

ކެމީލާ ބެލްކަނިން ތިރިއަށް ބަލަން ހުރިއިރު ކައިޒާންގެ ސޫރަ ހިތަށް ގޯނާކޮށްލިއެވެ. އަލުން ފެންނާނެނަމައޭ ހިތަށް އެރުމުން ކެމީލާ ތުންފަތުގައި ދަތްއަޅާ ބާރުކޮށްލީ ހިތަށް ވިސްނާދެމުންނެވެ. ނޯޔާ ފޯނުކުރުމުން އެޚިޔާލުތަކާއި ވަގުތީގޮތުން ވަކިވާނެކަން އެނގުނެވެ. ނަމަވެސް ކުއްލިއަކަށް ސިހުނީ ކައިޒާންގެ ހިތްގައިމު ސޫރަ ލޮލަށް ފެނިފައެވެ. ހޭލާހުއްޓާ ހުވަފެނެއް ފެނުނީބާވައޭ ހިތަށް އެރިއެވެ. ނަމަވެސް ދެލޯ ބޮޑުކޮށްލާފައި ބެލުމުން ހަގީގަތެއް ކަން އެނގުނެވެ. ކައިޒާން އާއި އެހެން ފިރިހެނަކު ކޮންމެވެސް ވާހާކަތަކެއް ދައްކަމުން މަޑުމަޑުން ހިނގާލާފައި ދިޔައިރު ކައިޒާންގެ ކޮނޑުމަތީގައި އޮތީ ކުޑަ އަންހެންކުއްޖެކެވެ. އަނގައިގާ އިނގިލި ޖަހާލައިގެން އޮތްއިރުވެސް ރީތިކަމުން ކެމީލާ ގޮސް ޗަސްކޮށްލާހިތްވިއެވެ. ވީއިރު ކައިޒާންގެ ދަރިއަކުވެސް އެބަހުއްޓެވެ. އެމީހުން ގޯޅި އަޅަންދެން އެސްފިޔަޖަހައިލަން ނޭގި ބަލަން ހުރިއިރު ނޯޔާ ދެއްކި އެއްވެސް ވާހަކައެއް ކަންފަތަކަށް ނުވަނެވެ. އޭނަ ކިޔައިދިނީ ރޭ ބެލި ފިލްމެއްގެ ޚުލާސާއެކެވެ.

"ކައްމި.......އެބަހުރިންތަ....." ނޯޔާ ތަންކޮޅެއް ބާރަށް ބުނުމުން ކެމީލާ ހޭވެރިކަންވިއެވެ. ކެމީލާ ވާހަކަދައްކަން ފެށިއެވެ.

"އަދި އެއް ވަހަކަ. އެނގޭތަ ދޮންބެ ގާލްފްރެންޑަށް ގިފްޓަކަށް ދޭން ގެނެސްފާހުރި ޑިއޯ ޕްރެސްޓީޖްގެ ފޭސްކްރީމެއް. މެންދުރު ބޭރަށް ދިޔައީ އެ މޫނުގައި ލައިގެން. ގެއަށް އައިސް މޫނުދޮވުނު ގަޑީގައި ހީވަނީ މަޑުކަމުން........ނޭގޭ ބުނާކަށްވެސް. ހާދަ އަރާމޭ. ފުރަތަމަ ހިތަށް އެރީ މީ ހަމަ މަގޭ ފޭސް ބާވައޭ. އަދި އެނގޭތަ. އޭގައި ހުންނަނީ ރޯޒްގައި ހުންނަ ލުއި ވަހެއް. އިންގްރީޑިއެންޓް ތެރޭ ރޯޒް ހިމެނޭނެކަން ޔަގީން...........ކައްމި ޓްރައިކޮށްލަންވާނެ އިނގޭ. ތި މޫނު ކޮޅު ވިދާނީ ތަރިއެއްހެން.........." ނޯޔާގެ އެ ޖުމްލައާއިއެކު ކެމީލާގެ ހިތަށް ލޮޅުމެއް އެރިއެވެ. ކުރީ ދުވަހެއްގައި އޭނަ ޝޮޕިން މޯލްގައި ހުރެފައި އެވައްތަރު ކްރީމްގެ އަގު އަހާލުމުން ސިއްސައިގެންދާ ވަރުގެ ބޮޑު އަގެއް ކިޔާލުމުން ދެލޯ ބޮޑުކޮށްލިއިރު ހަރުގަނޑުގެ އަނެއް ފަޅީގައި ނާޔަލް ހުއްޓެވެ. ކެމީލާ އަވަސްއަވަހަށް އެތަނުން ނުކުތީއެވެ. ނާޔަލްގެ "ގާލްފްރެންޑް" އަށް ދޭން އެ ކްރީމް ގަތަސް އޭނައަކާއި ކޮންކަމެއްހެއްޔެވެ. ނާޔަލް ލޯބިވެރިޔަކު ހުންނައިރު އޭނައާއި ސަމާސާ ކުރާތީ އިތުރަށް ފޫހިވާގޮތްވިއެވެ.

ނޯޔާ އޭނަގެ ސެލްފީއެއް ނަގާފައި ވަގުތުން ފޮނުވާލީ އޭނަ ބުނި ބަހުގެ ތެދުކަން ސާބިތުކޮށްދޭށެވެ. ތެދެކެވެ. އޮމާންކަމާއި ވިދުން ގަދަކަމުން ބިއްލޫރިކޮޅެއް ފަދައެވެ. ކެމީލާ ބުނީ ނޯޔާ ދުވަހަކު ކްރީމެއް ނުލިޔަސް އެމޫނު ރީތިކަމުގައެވެ. ފަހަތުގައި ޖައްސާލާފައި ހުރި އުލާ އަށް ނޯޔާ ފެނުމުން ހަސަދައިގެ ހުޅުކޮޅެއް ހިތުގައި ރޯކުރެވުނުފަދައެވެ. ކަނިކަނި އެކިދިމާލަށް ބުރައިގެން އިސާހިތަކު މުޅިހަށިގަނޑަށް ފޯރައިފިއެވެ. ކެމީލާއަށް ހުރިހާ ނަސީބެއް ލިބެންވީ ކީއްވެހެއްޔެވެ؟ ދޮންވެފައި ރީތީ އޭނައެވެ. މޮޅަށް ކިޔެވުނީ އޭނައަށެވެ. މުއްސަދި އެކުވެރިންވެސް ލިބެނީ އޭނައަށެވެ. ބޭނުން ކޮންމެ ވަޒީފާއަކަށް ދާން ހުރަހެއްނެތެވެ. ބުރުގާ އަޅާފައި ދޫހެދުން ލިޔަސް ރީތިކަން ފޮރުވޭގޮތެއްނުވެއެވެ. އުލާގެ ހިތުގައި އަބަދު ފޮރުވިފައިވާ އިހުސާސްތައް މަޑުމަޑުން ތޮށި ފަޅާލާފައި ބޭރަށް ނިކުންނަން ފެށުމުން ކެމީލާއަށް ބަހުގެ ހަމަލާތައް އަމާޒުވާންފެށިއެވެ. ނޭގި ޖެއްސުންކުރެވެއެވެ. ކެމީލާއަށް އުދަގޫކުރާނެ ވަގުތަކަށް އޭނަ ހުންނަނީ ބަލަބަލައެވެ. ނޯޔާގެ ސްޓައިލިޝްކަން ފެނި އުލާގެ ރުޅިވެރިކަން އިތުރުވެ ކެތްނުވެވޭވަރުވެއްޖެއެވެ. ބެލްކަނީގެ ހިމަ ދަގަނޑު ރެއިލިން މައްޗަށް އަރާ ހުރިތަން ފެނި ކެމީލާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ނަމަވެސް އެހެން ބުނެފިއްޔާ އުލާ ހުއްޓާނުލާ އިތުރަށް ފޯރިގަދަކުރާނީއެވެ. އުލާ ތުއިކޮށް ސެލްފީނަގަންފެށިއެވެ. އެކިގޮގްތޮތަށް އަނގަޔަށް ހަދާފައެވެ.

"ކުދިން ބުނޭ އަހަންނާއި ކެންޑްލް ޖެނާ ވައްތަރޭ.........." އުލާ ވާހަކަ ދައްކަން އަނގަ ހުޅުވައިލިއިރަށް އަނގައިގާ ޖަހާފައި ހުރި ލޮލިޕޮޕް ކައްސާލައިގެން ތިރިއަށް ވެއްޓުނެވެ. ހިރަފުހާއިއެކު ދެވަނަފަހަރަށް އަނގައިގާ ޖެހިތަން ފެނި ކެމީލާ މޭނުބައިކުރިއެވެ.

"ގްރޮސް........" ކެމީލާއަށް އެހެން ބުނެވުނީ ނޯޔާ ދެވަނަ ސެލްފީ ފޮނުވައިލި ވަގުތުއެވެ.

"ވަޓް؟ " ނޯޔާ ހައިރާންވިއެވެ.

"އެއީ މިހިރަ ކުއްޖަކު ހަޑި ހާވާތީ އޭނައާއި ދިމާލަށޭ..." ކެމީލާ އެހެން ބުނުމުން ނޯޔާ ވީޑިއޯ ކޯލް ޖެއްސިއެވެ. އެހޭވި ހަޑިއެއް ބަލާހިތުން ކަމަށް ބުނެ ހިނިގަނޑެއް ޖަހާލާފައެވެ. ނޯޔާގެ ރީތިކަން ފެނުމުން އުލާ ވަކިން ފޫހިވިއެވެ.

"ހާމުންޑިއެއްހެން ހީވާ އަންހެނެއް. ބުޅި އިސްތަށިގަނޑު އޮތީމަ ހާދަ ހުތުރޭ. އުކުނު ހާއްޔަކާއި އަޅެ ވައްތަރެއް ނޫންތަ. ޔަގީންތަ އުކުނު އަޅާފައި ނެތްކަން................." އުލާ ހޭންފެށިއެވެ. އެ ޖެހިލުންކުޑަ ޖުމްލަ އިވިފައި ލަދުގަތީ ކެމީލާއެވެ.

"ޑޯންޓް މައިންޑް ހާ ނޯ........އުލާއަށް ރީތިވިޔަސް ބުނާނީ އޭގެ ދިމާ އިދިކޮޅަށް. އުލާ ގެ ބޯ ފަންވީމަ އޭނަ ކުޑައިރުއްސުރެން ބުޅި އިސްތަށިގަނޑަށް ވަރު ހުރޭ......" ކެމީލާ ފޯނު ކަނޑައިލީ އުލާގެ ގޮތް އެނގޭތީއެވެ.

"އުލާ ކޮން ވައްތަރަކަށް ތިއުޅެނީ؟ ޝީޒް މައި ފްރެންޑް. އޭނަ ހީކުރާނީ ކީކޭ........"

"އޭނަ ފާޑުފާޑު ކްރީމްލާ ދޮންވެގެން ސެލްފީ ނެގިޔަސް އޯކޭ. އަހަރެން ސެލްފީ ނަގައިގެނެއްވެސް ނުވޭ. ހިޕޮކްރައިޓް. އަހަންނާއި ޖައްސާލަފައި ދޮންތަ ހުންނަކަން ދަންނަމޭ. ނަމާދުކުރާގޮތް ރަގަޅެއްނުވޭ. ކާ ގޮތްވެސް ކަމަކުނުދޭ. ނޭވާލާގޮތްވެސް މައްސަލައަކަށް ހަދާނެ. އަހަރެންކުރާ އެއްވެސް ކަމެއް ދުވަހަކު ރަގަޅުވެފައި އޮތްތޯ އަމިއްލަ ނަފުސާއި ސުވާލުކޮށްބަލަ. ޔޫ އާ ޑިސްގަސްޓިން....." އުލާ ހިތަށް އައިހާ އެއްޗެއް ކިޔަމުން ގޮސް ކޮޓަރިއަށް ވަދެ ބަންލާފައި ދޮރުޖެހިއެވެ. ކެމީލާގެ ހިތް ނުތަނަވަސްވިއެވެ. ހުރި އެންމެ ކޮއްކޮގެ ހިތަށް ނޭގި ނަމަވެސް އަނިޔާއެއް ދެވުނީބާވައެވެ. އޭނަ މާފަށް އެދޭނީއެވެ. ނޯޔާއަށްވުރެ އުލާ މުހިއްމުކަން އަންގާދޭނީއެވެ.

މައިންބަފައިންނަށް ހެޔޮކޮށް ހިތަން ދީނުގައި އޮވެއެވެ. އެމީހުންގެ އަމުރަށް ކިޔަމަންވާން އޮވެއެވެ. ނަމަވެސް ކެމީލާގެ ހިތް މިއީ މަންމަ ކަމުގައި ގަބޫލުކުރަން ދެކޮޅު ހަދަނީ ކީއްވެހެއްޔެވެ. ކުޑައިރުއްސުރެ މަންމަގެ ފަރާތުން ލިބުނީ ގޯނާތަކެވެ. އަނިޔާތަކެވެ. އުމުރުން ނުވަ އަހަރުންފެށިގެން ޖިސްމާނީ އަދި ނަފްސާނީގޮތުން މަންމަ ކޮށްފައިވާ އަނިޔާތައް ގުނާ އަދަދު ނުކުރެވޭނެއެވެ. އޭނަގެ ފައިގާ ވާ ލަކުނުތައް އެކަމަށް ހެކިދޭނެއެވެ. ހިތުގައިވާ ޒަޚަމްތައް ބޭރުފުށަކަށް ނުފެންނާނެއެވެ. ނަމަވެސް އެހިތަށް ލިބިފައިވާ އަނިޔާތައް ދުވަހަކު ނުފޮހޮވޭނެއެވެ. ރޭގަނޑު ބިރުވެރި ހުވަފެންތައް ފެނިގެން ހަޅޭއްލަވައިގެންފާ ހޭލެވުމުން އޭނަގެ ގައިގާ ފިރުމައިދޭން އިންނަނީ ހަމައެކަނި މާމައެވެ.

ކެމީލާ މާމަގެ މަގަތުގައި އޮށޯވެލައިގެން އޮތްއިރު މާމަ ކެމީލާގެ ބޮލުގައި ފިރުމާލަދިނެވެ. އެއަތުގެ ބީހިލުމުންވެސް އޯގާތެރިކަން އިހުސާސްވިއެވެ. ލޯ މަރައިލެވޭގޮތްވިއެވެ.

"މާމާ. ކީއްވެ މަންމަ އެހާ ރުޅިއަންނަނީ؟" ކެމީލާ ކުއްލިއަކަށް ސުވާލުކޮށްލައިފިއެވެ.

"މާމައަށް ތި ސުވާލުގެ ޖަވާބު އެނގޭނެނަމަ............." އަނގައިގެ އެއް ފަޅީގައި ވާގި ނެތުމުން މާމަ ވާހަކަދައްކަނީ ނިކަން އުދަގުލުންނެވެ.

"މަންމަ ރުއްސަން ހަދާނެގޮތެއްވެސް ނޭގޭ. މަންމަ ބުނާގޮތަށް އުޅެން މަސައްކަތްކުރަން. އެއްވެސް ކަމެއް މަންމަ ހިތްހަމަޖެހޭގޮތަކަށް ކުރެވޭކަމަކަށް ނުވާނެ. އަދި ހޮސްޕިޓަލް ވަޒީފާއިން ކެނޑިގެން ނޫހަކަށް ވަނީމަ މަންމަ ވަރަށް މައްސަލް ޖައްސާނެކަން ޔަގީން. އެކަމަކު ކިހިނެއް އެތާ އުޅޭނީ. އެތާ ހުންނަ ޑޮކްޓަރަކު ވަރަށް އުދަގޫކުރޭ. މާމަ ބުނެބަލަ އެއީ ކީއްވެތަ. އެހާ ގޯނާކުރަންޏާ އޭނައާއިއެކު ވޯކްކުރަން ހުއްދަވާނެތަ. އެކަން އޭނައަށް އަންގާކަށް ނުކެރޭ. ބޮޑު މީހަކަށްވީމަ އިހިތިރާމް ކުރަން ޖެހޭ. އަނެއްކޮޅުން އެކުވެރިއެއްގެ ދޮންބެ. އެކަމަކު ހާދަ ފޫހިވެއޭ އެފާޑަށް އުޅޭތީ. މަންމަ ކައިރީ ބުންޏަސް މަންމަ އެކަމާ އަޅައެއްނުލާނެ. އެހެންވެ ވަޒީފާއިން ވަކިވާން ސިޓީ ލީ......................" ކެމީލާ ތުންފިތާލަމުން ވާހަކަދެއްކިއެވެ.

އެވާހަކަތައް އަހަން ދޮރުފަތުގެ ނިވަލުގާ ހުރެފާ ތަމަންނާ އެތެރެއަށް ވަދެގެން އައިގޮތަށް ކެމީލާގެ އަތުގައި ހިފާ ދަމައިގަތެވެ. ވިސްނާނުލާ އޮތުމުންނާއި ހިކިކަމުން ރައްކާތެރިކަމަށްޓަކާ ކުރެވުނު އެއްވެސްކަމެއްނެތި ގުޅައަކަށް ބިންމައްޗަށް ޖެހި ތަދެއް އެރިއެވެ.

"މަންމާ. ތަދުވެއޭ......."

"ތަދުވިވަރު ކުޑައެއްނު. ކަލޭ ފާޑުފާޑަށް މަންމަ ކައިރީ ކުޓުވިޔަސް އަދި ވާނެ މޮޅެއް ނޯންނާނެ. މަންމަ ދައްކާ ވާހަކަ އަޑުއަހާނެ މީހެއް މިގޭ ތެރެއަކު ނެތް. އެނަގެ ދަރިވެސް ހުންނަނީ އޭނަ ބަލާނެ މީހެއްނެތިގެން އުދަގޫވެފައި. ދެރައީ ރާއްޖޭގައި މުސްކުޅިން ލާނެ ތަނެއް ހަދާފައި ނެތީމަ. ހާދަ ނުބައި ނުލަފާ ދަރިއެކޭ މަށަށް ދެއްވާފައި މިހިރީ. ކަލެއަށް ލާހިކެއްނޫން ދެން މިގޭތެރޭ ތިވައްތަރަށް އުޅޭކަށް. ދަމާ ނެރޭނީ. ފިރިހެނަކު އަނގައިން ބުނެލިޔަސް ތިމާ މީހާއާއި ހިތާވީކަމަށް ދޯ ހީކުރީ. މީހަކު ބަލައިލާއިރަށް ވަޒީފާ ދޫކޮށްލަން ޖެހޭތަ. އަހަރެންގެ ކިޔައްވަން ޖެހޭ އެހެން ދަރިއަކުވެސް އެބަހުރި. ކަލެއަށް ކިޔަވައިދިނީމަ އެކަމުގެ ބަދަލުދޭން އެނގުނީ މިހެންތަ. ނުކެރޭނެ މަގޭ ހުއްދަނެތި ނޭވައެއް ލާކަށްވެސް.. ކުޅިދައްކާލާނަން............." ރުޅިއައިސް ފަޅަފަޅައިގެން ދާވަރުވެފައި ހުރި ތަމަންނާގެ މޫނު ފެނިފައި ކެމީލާގެ ހިތް ރޫ ރޫ އަޅައިގަތެވެ.

"ކުރިން ހުރި ވަޒީފާ އަލުން ހޯދަންދެން މިގެއަށް ވަންނާކަށް ލާހިކެއްނޫން...."

ތަމަންނާ ކެމީލާގެ އިސްތަށިގަނޑު އަތަށް އޮޅައިގަތެވެ. އެއާއިއެކު ދަމާ ކޫއްތަމުންގޮސް ދޮރުން ބޭރަށް ހޫރުވާލައިފިއެވެ. ސިޑި ގޮޅިމަތީގައި ހުރި ކެމީލާގެ ހިތް ފިނިވިއެވެ. މީހަކަށް ފެނިދާނެތީ ހާސްވެގެންގޮސް ކުރާނެކަމެއް ނޭގިގެން ބައްޕައަށް ގުޅިއެވެ. އޭނައަށް ކުރެވުނު ކުށަކުން މަންމަ ގެއިން ބޭރަށް ލީ ބުރުގާ ނާޅާ ހުއްޓާކަމުގައި ބުނެފައި ކެމީލާ ފޯނު ބޭއްވިއެވެ. މާގިނައިރެއް ނުވެ ދޮރު ހުޅުވާލައިފިއެވެ.

"ހޫމް ވަލީވެރި ކަމަނާ. އަވަހަށް ވަންނަވާ. ތިމާވަރުގެ އަންހެނަކު ނެތްކަމަށް ހެދިގެން އުޅޭއިރު ފިރިހެނަކު އަނގައިން ނުބުނެފައި ހުންނާނީ. ޑޮކްޓަރ ނާޔަލްގެ ފެންވަރެއްވެސް ނޫނޭ ތީ. އޭނަ ނޫޅޭ ކަލެއާއިހެދި. އެކުއްޖާ ސަމާސާއެއްކޮށްލީމަ ހެއްދިފައި ތިހިރީ. ބަލަ ތިކަހަލަ ކިތަން އަންހެނުން އެކުއްޖާއަށްވާނެ. ވަދޭ ވަދޭ. ވަޒީފާއަށް ނުގޮސް ހުރިއްޔާ ކައްކައި ހުރިހާކަމެއް ކުރަން ޖެހޭނީ..ވަރަށް ދުވަހަށް ކެތްކުރެވިއްޖެ....." ތަމަންނާ އަނެއްކާވެސް ކެމީލާގެ ގައިގާ ބޮނޑިއެއް އެޅިއެވެ. ކޮށްޕާލިއެވެ. ދެވަނަފަހަރަށްވެސް އަތްދަމާފައި އެތިފަހަރެއް ޖެހިއެވެ. އެތެރެހަށްޓަށްވެސް އެނގުންވިއެވެ. ދޮރުކަނީގައި ލެނގިލައިގެން ހުރި މާމަގެ ދެލޯ ކަރުނުން ފުރުނެވެ. ތިމާގެ ޟައީފުކަމުން އެކުއްޖާއަށް އެހީއެއް ފޯރުކޮށްދެވެން ނެތްކަމާއިމެދު ހިތާމަކުރިއެވެ.

ކެމީލާ އަށް ފަރުވާލެއްނެތެވެ. ގޭގެ ހުރިހާ މަސައްކަތެއްކުރަން ޖެހުނަސް ފަހެއްނުޖެހޭނެއެވެ.

އެރޭ ކެމީލާއަށް މަންމަގެ އަނދިރި ފަރާތެއް ފެނުނެވެ. އެކޮޓަރިއަށް ހިލޭ ފިރިހެނެއް ވައްދައިގެން ދޮރު ތަޅުލިތަން ފެނިފާ ހިތަށް ނުބައިގޮތެއްވިއެވެ. މަންމަ އެހާ ބޮޑު ފާފަތަކަށް އަރައިގަންނަން ބިރެއްނުގަނޭހެއްޔެވެ. މަންމަ ކޮންމެ ގޮތެއް އުޅުނަސް އެއީ މައިމީހާއެވެ. މައިމީހާއަށް ހެޔޮކޮށް ހިތަން ދީނުގައި އަންގަވާފައިވެއެވެ. ނަމަވެސް އެގޮތަށް ހިލޭ ފިރިހެނުން ގެއަށް ވަންނަން ފެށުމުން ރައްކާތެރިކަމެއް އިހުސާސެއް ނުކުރެވެއެވެ. އަންހެންދަރިން ރައްކާތެރިކަމާއިއެކު ބޮޑުކުރުމަކީ މަންމަގެ ޒިންމާއެއް ނޫންހެއްޔެވެ. ނަމަވެސް މިހުރިހާ ދުވަހު ދައްކަމުން އައި ކުލަވަރު ބަދަލުވެ މަންމަގެ އަނދިރި ފަރާތް ހާމަވުމުން އެގޭގައި ހުންނަން ކެމީލާ ޖެހިލުންވިއެވެ. ކޮންމެގޮތެއް ހަދާފައިވެސް އޭނަ އެހެން ތަނަކަށް ބަދަލުވާންޖެހެއެވެ. އަމިއްލަ ދިރިއުޅުމެއް ފެށުމަށްފަހު ނޫނީ ހަމަޖެހިލައިގެން އުޅެވެން ނެތްކަން މަންމަ ހާމަކޮށްދީފިއެވެ.

ކެމީލާ އިޝާކޮށްލުމަށްފަހު އެނދުގައި އޮށޯތްތަނާ ފުލުފުލުގައި ވައިބާ މެސެޖް އަންނާންފެށިއެވެ. ނާޔަލް ފޫހިވެގެން ކުރާނެކަމެއް ނެތިގެން ކެމީލާއާއި ވާހަކަދައްކަން ބޭނުންވީއެވެ.

"ޑޮކްޓަރ ނާޔަލް. އައި ކާންޓް ޑޫ ދިސް......"

"ވައިބާއިން ވާހަކަދެއްކީމަ ވެސް މައްސަލައަކަށް ވަނީތަ....." ނާޔަލް ސުވާލުކުރިއެވެ.

"ފިރިހެންކުއްޖަކާއި ފްރެންޑެއްނުވެވޭނެ. އެހެންވެ. އައިމް ސޮރީ....." ކެމީލާ ހިތާހިތުން އަޒުމް ކަނޑައެޅީ މިހިސާބުންފެށިގެން ނާޔަލް އާއި އެއްވެސް ކަހަލަ ގުޅުމެއް ނުބޭއްވުމަށެވެ. ރޭގަނޑު ނިދާގަޑިއަށް މެސެޖްކުރާން ފެށުމުން އެއަށް އެކުވެރިކަމެއް ނުކިޔާނެއެވެ.

"މެރީ މީ......."ނާޔަލް ހަމަޖެހިލާފައި ޕްރޮޕޯސްކޮށްލުމުން ކެމީލާގެ ހިތް ހުއްޓުނުހެން ހީވިއެވެ.

(ނުނިމޭ)

comment ކޮމެންޓް