ރޯދަ މަސް ސީރިއާގައި: އާއިލާ އާއި އަވަށް ދޫކޮށް ނިކަމެތި ރެފިއުޖީ ކޭމްޕުތަކުގައި

ސީރިއާގެ އިދުލިބުގައި ހުންނަ ރެފިއުޖީ ކޭމްޕެއްގައި ކުޑަކުއްޖަކާއި އަންހެނަކު -- ފޮޓޯ: ރޮއިޓާސް

ސީރިއާގެ ހަނގުރާމަ ފެށި ފަހުން އެގައުމުގެ ރައްޔިތުން ރޯދަ މަހާ ކުރިމަތިލާ މިއީ އަށް ވަނަ ފަހަރެވެ. ބަރަކާތްތެރިވި މި މަހަކީ އެކުވެރިކަމާއި އިޖްތިމާއީ ގުޅުން ވަރުގަދަ ކޮށްދޭ މަހެއް ނަމަވެސް، ސީރިއާގެ އެތައް ބަޔަކު ރޯދަ މަސް ހޭދަ ކުރަން ޖެހިފައި ވަނީ އަމިއްލަ ގެ އާއި އާއިލާގެ މެމްބަރުންނާ ވަކިންނެވެ. އަމިއްލަ ގައުމުގައި ހާލުގައި ޖެހި، ރެފިއުޖީ ކޭމްޕުތަކުގަ އެވެ.

އަމިއްލަ ގައުމުގައި ގެދޮރު ދޫކޮށް ނިކަމެތި ހާލުގައި އުޅެން މަޖުބޫރުވެފައިވާ މީހުންނާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ އިންޓާނަލް ޑިސްޕްލޭސްމެންޓް މޮނިޓަރިން ސެންޓަރުން ބުނާގޮތުން، ސީރިއާގައި އެފަދަ ހާލުގައި ދިރިއުޅޭ މީހުންގެ އަދަދު މިހާރު 6.7 މިލިއަނަށް އަރަ އެވެ.

އޭގެ ތެރެއިން އެކަކީ ސީރިއާގެ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި އޮތް ދެކުނު ދިމިޝްގުން، ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ހަލަބަށް ބަދަލުވާން ޖެހުނު މާލިކް ބަރުދާން އެވެ. އަމިއްލަ ގެއާ އަވަށް ދޫކޮށް، ހަލަބަށް ބަރުދާން ބަދަލުވާން ޖެހުނީ، އޭނާގެ ބަލިވެއިން އަންހެނުންނާއި 18 މަހުގެ ދަރިފުޅު ދޫކޮށްފަ އެވެ. އެއީ އެފަދަ ދަތުރު ކުރުމަކީ ދެމައިންނަށް ނުރައްކާތެރި ކަމަކަށް ވެދާނެތީ އެވެ.

"ރޯދަ މަހާ މިކުރިމަތިލަނީ ހިތާމައިން ފުރިފައިވާ ހިތަކާއި ކަރުނައިން ފުރިފައިވާ ހާލުގައި. ގެއާ ދުރުގައި އުޅެން ޖެހިފައިވުމުން އަޅުގަނޑުގެ ހިތް ވަނީ ކުދިކުދިވެފައި،" 'ސީރިއާ ޑައިރެކްޓާ' ވާހަކަ ދައްކަމުން ބަރުދާން ބުންޏެވެ.

ސީރިއާ އާއި ތުރުކީ ގުޅޭ ބޯޑަރުގައި ހުންނަ އަތަމާ ކޭމްޕުގައި ކުޑަކުއްޖަކު -- ފޮޓޯ: އީޕީއޭ

އޭނާ ބުނީ، މީގެ ކުރިން ރޯދަ މަހަކީ އިޖުތިމާއީ ގުޅުންތައް ރަނގަޅު ކުރަން ލިބުނު ފުރުސަތެއް ނަމަވެސް މި އަހަރުގެ ރޯދަ މަހަކީ އާއިލާ އާއި އެކުވެރިންނާ އޮތް ދުރުމިން ހަނދާން ކޮށްދޭ މަހެކެވެ. ބަރުދާންގެ އިތުރުން އިދުލިބުގައި ހުންނަ ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅެމުންދާ ސަމީރު އަބޫ ހާލިދު ވެސް އޭނާގެ ދިރިއުޅުން ހިއްސާ ކުރީ ފުން ހިތާމައާއެކު އެވެ.

"މި ރޯދަ މަހަކީ ކެތްތެރިކަމުގެ އިމްތިހާނެއް. ގާތްތިމާގެ މީހުންނާ ވަކިވެފައި ވުމުންނާއި އަމިއްލަ ގެއާ ދުރުގައި އުޅެން ޖެހުމުންނާއި ކޭމްޕުތަކުގައި ތަހައްމަލު ކުރަން ޖެހޭ އުނދަގޫތަކަށް ކެތްތެރިވުމުގެ އިމްތިހާނެއް،" ސަމީރު އަބޫ ޚާލިދު ބުންޏެވެ.

މިއަހަރު ފެށުނު ފަހުން ސީރިއާ ސަރުކާރުން ހަނގުރާމައިގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިއިރު، އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި މީގެ ކުރިން އޮތް ސަރަހައްދުތަކުން ގިނަ އަދަދެއްގެ މީހުން ސަރުކާރުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ބަދަލުކުރި އެވެ. އަދި ހަނގުރާމައިގެ ސަބަބުން ކުރިން ދިރިއުޅެމުން އައި ގެ ސުންނާފަތި ވުމާ ގުޅިގެން އެތައް ހާސް މީހުން ރެފިއުޖީ ކޭމްޕުތަކަށް ދާން ޖެހުނެވެ.

އޭގެ ސަބަބުން ސަމީރާއި ބަރުދާން ފަދަ އެތައް މިލިއަން ސީރިއާގެ ރައްޔިތުން ދަނީ އާއިލާ އާއި އަވަށްޓެރިންނާ ދުރުގައި ރޯދަ މަސް ހޭދަ ކުރަން ޖެހޭތީ އެކަމުގެ ހިތާމަ ފާޅު ކުރަމުންނެވެ. އެފަރާތްތަކުން އެނބުރި އަމިއްލަ ގެ އަށް ދާން ބޭނުންވި ނަމަވެސް، އެގައުމު ހަމަޔަކަށް އެޅެން އަދި އަހަރުތަކެއް ނަގާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.

comment ކޮމެންޓް