"މިސްޓާ އިންޑިއާ"ގެ ސީކުއެލް ނުހަދަން ނިންމައިފި

"މިސްޓާ އިންޑިއާ"---

ބޮލީވުޑް ލެޖެންޑް، ސްރީދޭވީގެ ކުއްލި މަރާ ގުޅިގެން، "މިސްޓާ އިންޑިއާ"ގެ ސީކުއެލްގެ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓާލަން ނިންމައިފި އެވެ.

މީގެ 30 އަހަރު ކުރިން، 1987 ވަނަ އަހަރު ރިލީޒް ކުރި "މިސްޓާ އިންޑިއާ" ގެ ދެވަނަ ބައެއް ހަދަން ނިންމީ ސްރީދޭވީގެ ފިރިމީހާ ބޯނީ ކަޕޫރު އަދި ފިލްމުގެ ލީޑު އެކްޓަރު އަނިލް ކަޕޫރު އެވެ.

ސީކުއެލްގެ ޚަބަރާ އެކު ސްރީދޭވީ އަދި އަނިލް ކަޕޫރުގެ ސަޕޯޓަރުން އުފަލުން ފޮޅުނެވެ. ގިނަ އަހަރުތަކަކަށް ފަހު އެ ޖޯޑު އެކުގައި ފެންނާނެތީ އެވެ.

ނަމަވެސް މިދިޔަ ފެބްރުއަރީ މަހު ސްރީދޭވީ ކުއްލި ގޮތަކަށް މަރުވުމުން، ބޯނީ އަދި އަނިލް ވަނީ ފިލްމުގެ މަސައްކަތް ކުރިއަށް ނުގެންދާން ނިންމައިފަ އެވެ.

އަނިލް އާއި ބޯނީ އާއި ގާތް ފަރާތަކާ ހަވާލާދީ ޚަބަރުތައް ބުނާ ގޮތުން، ފިލްމުގެ މަސައްކަތް ހުއްޓާލީ ސްރީދޭވީ އާއި ނުލައި ފިލްމު ހެދުމަކީ ނަރްގިސް އާއި ނުލައި "މަދާ އިންޑިއާ" ހެދުން ފަދަ ކަމަކަށް ވާނެތީ އެވެ.

ފިލްމުގައި ސްރީދޭވީ އާއި އަނިލްގެ އިތުރުން ދެން ފެނިގެން ދިޔައީ އަމްރީޝް ޕޫރީ އެވެ. އަމްރީޝް ޕޫރީ ވެސް މިހާރު ދުނިޔެ އަކު ނެތެވެ.

އެހެންކަމުން އަސްލު ފިލްމުގެ ޖާދޫ ދެން ދައްކާލެވޭނެ ކަމަށް ބޯނީ އަދި އަނިލް ވެސް ގަބޫލެއް ނުކުރެ އެވެ.

"މިސްޓާ އިންޑިއާ" ގެ ޑައިރެކްޓަރު ޝޭކަރް ކަޕޫރު ބުނީ ސީކުއެލްގެ އެއްވެސް ކަމެއްގައި އޭނާ ހިއްސާ ނުވާކަމަށާއި ނަމަވެސް ސްރީދޭވީ އާއި ނުލައި ފިލްމު ހެދުމުގެ ސުވާލު ވެސް ނުއުފެދޭ ކަމަށެވެ.

comment ކޮމެންޓް