ދިރާގުން ރަމަޟާން މަހަށް ހާއްސަ ޕްރޮމޯޝަންތަކެއް

ރަމަޟާން މަހަށް ހާއްސަ ޕްރޮމޯޝަންތައް ތައާރަފް ކުރުމަށް ބޭއްވި ދިރާގުން ޕްރެސް ކޮންފަރެންސް -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

ދިވެހިރާއްޖޭގެ މުއާސަލާތީ ގުޅުން "ދިރާގު"އިން ރަމަޟާން މަހަށް ހާއްސަކޮށްގެން ގިނަ ޕްރޮމޯޝަންތަކެއް ފަށައިފިއެވެ.

ޕްރޮމޯޝަންތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ އެސިސްޓެންޓް މެނޭޖަރު، އެޑްވަޓައިޒިން އެންޑް އިވެންޓް ހަސަން ސާރިހް އާދަމް ވިދާޅުވީ، ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ދިމާކޮށް ހާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށްގެންދާ ކަމަށާއި އެގޮތުން މިއަހަރުގެ ޕްރޮމޯޝަންތައްވެސް ވަރަށް ހާއްސަ ވާނެ ކަމަށެވެ.

ސާރިހް ވިދާޅުވީ، ޕްރޮމޯޝަންތަކުގެ އިތުރުން ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ހަދިޔާއެއް ކަނޑައެޅިފައިވާ ކަމަށެވެ. އެެގޮތުން ދިރާގުގެ ހުރިހާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފްތާއަކުވެސް ގުރުއަތުނަގައި ކޮންމެވެސް އެއް ކަސްޓަމަރަކަށް ދެ މީހެއްގެ އުމްރާ ދަތުރެއް ދޭން ހަމަޖެހިފައިވާ ކަމަށް ސާރިހް ވިދާޅުވިއެވެ.

ދިރާގުން ރަމަޟާން މަހަށް ހާއްސަކޮށްގެން ހިންގާ ޕްރޮމޯޝަންތައް:

  • ރޯދަ ޕެކް ޑޭޓާ ބަންޑަލް

ރޯދަ މަހަށް ހާއްސަކޮށްގެން ދިރާގުން ވަނީ ރޯދަ ޕެކްގެ ނަމުގައި ދެ ޑޭޓާ ޕެކްއެއް މިއަދު ތައާރަފް ކޮށްފައެވެ. އެއީ 1.5 ޖީބީ (120 ރުފިޔާ) އަދި 4 ޖީބީ (250 ރުފިޔާ)ގެ ޑޭޓާ ޕެކެވެ. ދިރާގުން ބުނީ އޭގެ ކޮންމެ ޑޭޓާ ޕެކަކާއެކު ސޯޝަލް މީޑިއާ ބޭނުން ކުރުމަށް އިތުރު އެއް ޖީބީ ލިބިގެންދާނެ ކަމަށެވެ.

ދިރާގުން ބުނީ، ރޯދަމަހުގެ ތެރޭގައި އެއިން ކޮންމެ ޑޭޓާ ޕެކްއެއް ނެގި ކަމުގައި ވިޔަސް އޭގެ 10 ޕަސެންޓް ޓައިނީ ހާޓްސް އޮފް މޯލްޑިވްސްއަށް ހަދިޔާ ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ކަސްޓަމަރަކަށްވެސް އެ ޕްކެތައް ނަގައިގެން ޓައިނީ ހާޓްސް އޮފް މޯލްޑިވްސްއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

  • "ރޯދަ މޫމަންޓްސް" އިންސްޓާގްރާމް ފޮޓޯ މުބާރާތް

އިންސްޓާގްރާމް މެދުވެރިކޮށް ދިރާގުން ތައާރަފްކުރި "ރޯދަ މޫމަންޓްސް" ފޮޓޯ މުބާރާތުން ކޮންމެ ހަފްތާއަކު ނަސީބުވެރިއެއް ހޮވައި "ގޯ ޕްރޯ ހީރޯ ސިކްސް"އެއް ދޭން ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުނެއެވެ. އެ މުބާރާތުގައި ބައިވެރިވުމަށް roadhamoments# ޖަހާފައި އިންސްޓާގްރާމަށް އަޕްލޯޑް ކުރުމުން މުބާރާތުގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

މުބާރާތުގެ ނަސީބުވެރިޔާ ހޮވަން ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއަކުވެސް އަޕްލޯޑްކުރާ ފޮޓޯތަކުގެ މެދުގައި ގުރުއަތު ނަގައިގެންނެވެ.

  • "މީ ކޯއްޗެއް" ޓްވިޓާ މުބާރާތް

ދިރާގުން ކޮންމެ ރެޔަކުވެސް 10:00 އިން 12:00 އަށް ދިރާގު ޓްވިޓާ އެކައުންޓަށް އަޕްލޯޑްކުރާ މެކްރޯ ފޮޓޯގައި ފެންނަ އެއްޗެއް ދިމާކުރާގޮތަށް ދިރާގުން ވަނީ ޓްވިޓާ ގެންގުޅޭ މީހުންގެ މެދުގައި މުބާރާތެއް ފަށައިފައެވެ. އެ މުބާރާތުގައި ކޮންމެ ހަފްތާއަކުވެސް އެންމެ ގިނަ ރަނގަޅު ޖަވާބު ދޭ މީހާއަށް ނުވަތަ ރަނގަޅު ޖަވާބު ދޭ މީހުންގެ މެދުގައި ގުރުއަތުން ހޮވޭ މީހަކަށް ސީހައުސްއިން ފަސް މީހުންގެ ރޯދަ ވީއްލުމެއް ދޭން ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ ނެޓްވާކް މެދުވެރިކޮށް ސައުދީއަށް 1.88 ލާރިއަށް ގުޅޭނެ ކަމަށް ދިރާގުން ބުންޏެވެ. އެ އަގުގައި ސައުދީއަށް ގުޅުމަށް 00ގެ ބަދަލުގައި 019 ޖެހުމަށް ފަހުގައި ގުޅުމުން އެ އަގުގައި ގުޅޭނެ ކަމަށް ދިރާގުން ބުނެއެވެ.

މިފަހަރުގެ ރަމަޟާން މަހުގައިވެސް ޒަކާތް ދެއްކުމުގެ ކަންކަންވެސް ދިރާގުގެ ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްފައިވާނެ ކަމަށް ދިރާގުން ބުންޏެވެ.

މިދިޔަ އަހަރުގައިވެސް ދިރާގުން ކުރިއަށްގެންދިޔަ ދިވެހި ކެއުން ތައްޔާރުކުރަން ދަސްކޮށްދޭ ދިވެހިންގެ ރަހަ ޕްރޮގްރާމް ސޯޝަލް މީޑިއާ މެދުވެރިކޮށް ގެނެސްދޭން ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުންޏެވެ. އަދި ޕްރޭޔާ އެލާޓްސްގެ ހިދުމަތްވެސް މުޅިން ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ރަމަޟާން މަހާއި ދިމާކޮށް ތައާރަފްކުރި ޕްރޮމޯޝަންތަކާއި ހިދުމަތްތައް ހޯދުމަށް #8*123* އަށް ޑައިލްކޮށްލުމުން ހުރިހާ ޕްރޮމޯޝަންތައް ހިމެނޭ މެނޫއިން ހިޔާރު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

comment ކޮމެންޓް