12 މެންބަރުންގެ މައްސަލާގައި މަދުވި ލިޔުންތައް ހަވާލު ކުރާނަން: ދައުލަތް

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރިއަތަށް ކޯޓަށް ހާޒިރުވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީ ގައި ނެރިފައިވާ އަމުރާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅިކަމުގެ ދައުވާގެ ބައެއް ލިއުންތައް މަދުކޮށް ދިފާއީ ވަކީލުންނަށް ދެވިފައިވާތީ އެ ލިޔުންތައް ހަވާލުކޮށްދޭނެ ކަމަށް ދައުލަތުން ބުނެފިއެވެ.

އެ 12 މެމްބަރުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ސަރަހައްދުން ފުލުހުންގެ ސަފުތައް ފޫއަޅުވާލި ކަމުގެ ތުހުމަތުގައެވެ.

މިއަދު 11:30 އެހައިކަންހާއިރު ފެށި އެ އަޑުއެހުމުގައި 12 މެންބަރުން ވެސް ވަނީ ދައުވާ ސާފު ނުވާކަމަށް ވިދާޅުވެފައެވެ. އަދި އިތުރު ތަފްސީލް ވަކީލުން ދެއްވާނެ ކަމަށް ވެސް މެމްބަރުން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރިއަތަށް ކޯޓަށް ހާޒިރުވުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝަރީއަތް ފެށުމުގެ ކުރިން ސިއްރު ނޫން ހުރިހާ ލިޔުންތަކެއް ދެ ފަރާތުން ބަދަލުކުރަން ޖެހޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވާކަން ފާހަގަކުރައްވައި 12 މެންބަރުންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލަކު ވިދާޅުވީ އެ ބޭފުޅުންނަށް ލިބިފައިވާ ފޯމް ސެޓްގައި އެއް ބައި މަދު ކަމަށެވެ.

ދައުލަތުން ހުށަހަޅާފައިވާ ދެ ހެއްކެއްގެ ތަހުގީގު ބަޔާން ނެތްކަން ދިފާއީ ވަކީލުންނަށް ފާހަގަވެފައިވަނީ ދައުލަތުގެ ވަކީލުން އެ ދެ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުންނެވެ.

ބައެއް ލިޔުންތައް މަދުވުމުން ދިފާއީ ވަކީލުން ވިދާޅުވީ ޝަރީއަތް ފެށުމުގެ ކުރިން ހެކީންގެ މައުލޫމާތު ދައުލަތުން ހުށަހަޅަން ޖެހޭނެ ކަމަށާއި ޝަރީއަތް ފެށުމަށްފަހު ދެން އެ ފުރުސަތު ދައުލަތަށް ނުދެވޭނެ ކަމަށެވެ. އަދި ބައެއް ލިޔުންތައް މަދުވުމުން ދައުވާ ފުރިހަމަ ނުވާ ކަމަށް ފާހަގަކުރައްވައި އެ ދައުވާ އަނބުރާ ފޮނުވާލުމަށް ވެސް ވަކީލަކު ވަނީ އެދިވަޑައިގެންފައެވެ.

އެކަމަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލާ އައިޝަތު އަޒްލީނާ ވިދާޅުވީ ބައެއް ލިޔުންތައް މަދުކޮށް ފޯމް ސެޓް ތައްޔާރުކޮށްފައި ވަނީ އިދާރީ ގޮތުން އެރި އޮޅުމެއްގެ ސަބަބުން ކަމަށާއި މަދުވި ލިޔުންތައް ދިިފާއީ ވަކީލުންނަށް ދެއްވާނެ ކަމަށެވެ.

އެގޮތުން އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ކުރިން ދައުލަތުން އެ ލިއެކިޔުންތައް ކޯޓަށް ހުށެހެޅުމަށް ގާޒީ އާދަމް އާރިފް ވަނީ ދައުލަަތުގެ ވަކީލުންނަށް އަންގަވާފައެވެ.

އެ މައްސަލާގައި ދެން އަޑުއެހުމެއް އޮންނާނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ކަމަށް ތިނެއް ޖެހިއިރު މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވިއެވެ.

އެ މައްސަލާގައި ދައުވާ ލިބޭ 12 މެމްބަރުންނަކީ:

  • ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު
  • ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް
  • މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު
  • ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ
  • ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
  • ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް
  • ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް
  • ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހް
  • ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން
  • ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް
  • ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން
  • މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު
comment ކޮމެންޓް