މާބައިދޫ ފެނަކަ އޮފީސް ފަޅާލައި އެއްލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި

ލ. މާބައިދޫ ---

ލ. މާބައިދޫ ފެނަކަ ބުރާންޗް ފަޅާލައި ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.

މާބައިދޫ ފެނަކަ ބުރާންޗުގެ އެސިސްޓަންޓް މެނޭޖަރު ހަސަން އާދިލް މިއަދު ސަން އަށް ވިދާޅުވީ، އެތަން ފަޅާލައިގެން ވައްކަން ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި އެ ވައްކަމުގައި ތިޖޫރީގައި ހުރި 125800 ރުފިޔާ ވަގަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

ވަގަށް ގެންދިޔަ ފައިސާގެ ތެރޭގައި ރަށު ގެ ތަކުން ދައްކާފައި ހުރި ކަރަންޓް ފީ ތަކާއި ޕެޓީ ކޭޝްގެ އިތުރުން ކަރަންޓް ބިލުން ކަނޑާ ގޮތަށް ގޭގައިން ދީފައި ހުރި ފައިސާ ހިމެނޭނެ ކަމަށް އާދިލް ވިދާޅުވި އެވެ.

"އޮފީހުގެ ދޮރު ހަލާކު ކޮށްލައިގެން ވަދެފައި ހުރީ. ދެން މީގެ ކުރިން ގެންގުޅުނު ތިޖޫރީގައި ކޯޑް ނުޖެހޭތީ ފައިސާ ބަހައްޓަމުން އަންނަނީ އޮފީސް ވަތްގަނޑެއްގެ ތެރޭގައި. ވަތްގަނޑުން ފައިސާ ގެންގޮސްފައި ހުރީ. އެކަން އެނގުނީ މިއަދު ހެނދުނު އޮފީހަށް އައުމުން،" މާބައިދޫ ބުރާންޗުގެ އެސިސްޓަންޓް މެނޭޖަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުރިން އެ ބްރާންޗުގެ ފައިސާ ބަހައްޓަމުން އައީ ތިޖޫރީއެއްގައި ކަމަށެވެ. ނަމަވެސް އޭގައި ކޯޑު ނުޖެހޭތީވެ، ފައިސާ ބަހައްޓަމުން އައީ އޮފީސް މޭޒެއްގައި ވަތްގަނޑުގައި ކަމަށެވެ.

"އަޅުގަނޑު މަގާމާއި ހަވާލުވި ފަހުން ފައިސާ ބޭންކަށް ޖަމާ ކުރަމުންދަނީ 25،000 އިން. ދެން މޫސުން ގޯސްވުމުގެ ސަބަބުން ބޭންކުތަކާ އެއްޗެހި ނުހުޅުވާ ހުރުމުން ޖަމާ ނުކުރެވި ހުރީ،" އޭނާ ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ، އެ އޮފީހަކީ ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުންނަ އިމާރާތެއް ނޫނެވެ. ނަމަވެސް މިހާރު ފުލުހުންގެ ފޮރެންސިކް ޓީމުން ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށް ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީވެ، މީހަކު ހައްޔަރުކުރިކަމެއް އަދި ނޭނގެ އެވެ.

comment ކޮމެންޓް