"ޓުގެދާ އޭސް ވަން"އިން މި ރޯދަމަހު އިންތިޒާމްކުރާ އިތުރު ދެ މުބާރާތެއް!

އޮރިކްސް ހޭންޑް ބޯލް ކްލަބާއި "ޓުގެދާ އޭސް ވަން"އާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން ---

މިއަހަރު ރަމަޟާން މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވުލްވްސް ބާސްކެޓްބޯލް ކްލަބުގެ "ވާނެތަ" 5އޮން5 ޗެލެންޖާއި އޮރިކްސް ބީޗް ހޭންޑްބޯލް މުބާރާތުގެ އޯގަނައިޒިން ޕާޓްނަރެއްގެ ގޮތުގައި "ޓުގެދާ އޭސް ވަން" ހަމަޖައްސައި އެކަމަކުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ވުލްވްސް ބީސީ "ވާނެތަ" 5އޮން5 ޗެލެންޖާއެކު "ޓުގެދާ އޭސް ވަން"އިން ވި އެއްބަސްވުމުގައި ވުލްވްސް ބީސީގެ ފަރާތުން ސޮއިކުރެއްވީ ކްލަބުގެ ރައީސް އަލީ ފަޒީލެވެ. "ޓުގެދާ އޭސް ވަން"ގެ ފަރާތުން ސޮއިކުރެއްވީ ފައުންޑަރު އަހުމަދު މާވިން ލަތީފެވެ.

އޮރިކްސް ބީޗް ހޭންޑްބޯލް މުބާރާތް އިންތިޒާމް ކުރުމަށް "ޓުގެދާ އޭސް ވަން"އާއެކު ވެވުނު އެއްބަސްވުމުގައި އޮރިކްސް ހޭންޑްބޯލް ކްލަބުގެ ފަރާތުން ސޮއިކުރެއްވީ ކްލަބުގެ ރައީސް ނަޝްފާ އާމިރާއެވެ. "ޓުގެދާ އޭސް ވަން"ގެ ފަރާތުން ސޮއިކުރެއްވީ ފައުންޑަރު ހުސައިން ޝިމާންއެވެ.

ވުލްވްސް ބީސީ 5އޮން5 "ވާނެތަ" ޗެލެންޖް ކުރިއަށްދާނީ މާފަންނު ސްޓޭޑިއަމް ބާސްކެޓްބޯލް ކޯޓުގައެވެ. މުބާރާތުގައި ހަތް ކުޅުންތެރިންގެ ޓީމުތަކަށްކުރެ ވާދަވޭ އިރު، މުބާރާތުގައި އެންމެ ބޮޑު ޗެލެންޖަކީ ބެކް ކޯޓުގައި ޑްރިބަލް ނުކުރެވެވުމެވެ. އޭގެ ބޭނުމެއް ކަމަށް ވުލްވްސް ބީސީން ބުނެފައި ވަނީ ޒުވާން ކުޅުންތެރިންނަށް ބާސްކެޓްގެ ތަފާތު ގޮތް ގޮތަށް ވިސްނުމުގެ ފުރުސަތު ހުޅުވާލުން ކަމަށެވެ.

ވުލްވްސް ބީސީގެ ފަރާތުން އެ މުބާރާތް އޯގަނައިޒް ކުރުމަށް "ޓުގެދާ އޭސް ވަން"އާ ހަވާލުކުރި ސަބަބަކަށް ބުނެފައި ވަނީ ސާބާ މުބާރާތުގައި ދިވެހި ޓީމަށް ކުރި ސަޕޯޓާއި މިދިޔަ އަހަރު ރަމަޟާން މަހު ބޭއްވި 3އޮން3 މުބާރާތަށްވެސް ލިބުނު ސަޕޯޓަށް ބެލުމަށްފަހުގައި ކަމަށެވެ. އަދި ވުލްވްސް ބީސީއަކީ މިއަހަރު އިފްތިތާހުކުރި ކްލަބަކަށް ވެފައި، އެފަދަ މުބާރާތެއް އެންމެ އެކަށޭނެ ގޮތެއްގައި އިންތިޒާމް ކުރެވޭ ފަރާތަކީ "ޓުގެދާ އޭސް ވަން"އަށް ކަމަށްވެސް ވުލްވްސް ބީސީން ބުންޏެވެ.

ވުލްވްސް ބީސީއާއި "ޓުގެދާ އޭސް ވަން"އާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން ---

އޮރިކްސް ބީޗް ހޭންޑްބޯލް މުބާރާތް ރާވާ އޮރިކްސް ހޭންޑްބޯލް ކްލަބުން ބުނީ، ބީޗް ހޭންޑްބޯލް މުބާރާތެއް ބޭއްވުމުގެ ބޭނުމަކީ ރާއްޖޭގެ ހޭންޑްބޯލް ކޮމިއުނިޓީއަށް ތަފާތު ތަޖުރިބާއެއް ގެނެސްދިނުން ކަމަށާއި، ބޭނުން ވަނީ އެކުވެރި މަޖާ މާހައުލެއްގައި އާއިލާތައް އެކުވެ، މުބާރާތް ނިންމާލުން ކަމަށެވެ. އަދި މުބާރާތް އިންތިޒާމް ކުރުމަށް "ޓުގެދާ އޭސް ވަން"އާ ހަވާލު ކުރި ސަބަބެއް ގޮތުގައި އޮރިކްސް ހޭންޑްބޯލް ކްލަބުން ބުނީ "ޓުގެދާ އޭސް ވަން"އަކީ ހީވާގި، ޒުވާން، އަދި ވަރަށް އުފެއްދިންތެރި ޓީމަކަށް ވާތީ ކަމަށެވެ. އަދި "ޓުގެދާ އޭސް ވަން"އާއެކު މުބާރާތް ފުރިހަމައަށް އާއްމުންނާ ހަމައަށް ގެނެސްދެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އޮރިކްސް އިން ބުންޏެވެ.

''ޓުގެދާ އޭސް ވަން"ގެ ފަރާތުން މިދިޔަ އަހަރުވެސް ރަމަޟާން މަހު ބޭއްވި 3އޮން3 ބާސްކެޓް ޗެލެންޖު މިއަހަރުވެސް ތަފާތުތަކަކާއެކު އިއުލާން ކޮށްފައިވާ އިރު، އެ މުބާރާއެކު "ވާނެތަ" ޗެލެންޖާއި ބީޗް ހޭންޑްބޯލް މުބާރާތްވެސް މިއަހަރުގެ ރަމަޟާން މަހު ކުރިއަށްދާނެއެވެ.

"ޓުގެދާ އޭސް ވަން"ގެ 3އޮން3 ބާސްކެޓް ޗެލެންޖާއި ވުލްވްސް ބީސީ 5އޮން5 "ވާނެތަ" ޗެލެންޖެ އަދި އޮރިކްސް ބީޗް ހޭންޑްބޯލް މުބާރާތުގެވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އެވެ.

comment ކޮމެންޓް