ލޯމްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ދެވަނަ ރަނަރަޕް އަކަށް ހޮވުނު މަރިޔަމް މައީޝާ (ރާޅުމަރިޔަނބު) އަކީ ހަމައެކަނި މޮޅު ލަވަކިޔުންތެރިއެއް ނޫން ކަމަށާއި އޭނާގެ ގައިގައި އެކްޓް ކުރުުމުގެ ހުނަރު ވެސް އެބަހުރި ކަމަށް ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާ ބުނެފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ ދެއްކި އައިޑަލްގެ ފިނާލޭ ޝޯ އަށް ފަހު ނަހުލާ އޭނާގެ ފޭސްބުކްގައި ބުނީ މައީޝާ އަށް މޮޅު ފިލްމީ ތަރިއަކަށް ވެސް ވެވޭނެ ކަމަށާއި އޭނާ އާ އެކު ފިލްމެއްގެ މަސައްކަތް ކުރަން ބޭނުން ކަމަށެވެ.
މައީޝާ އަކީ އައިޑަލްއިން މަޝްހޫރުކަން ލިބުމުގެ ކުރިން ވެސް އާންމުންނަށް ކޮންމެ ވެސް ވަރަކަށް ފަރިތަ މޫނެކެވެ. ބައެއް އިޝްތިހާރުތަކުންނާއި ފެޝަން ރަންވޭތަކުން މައީޝާ ވަނީ ގިނަ ބައެއްގެ ލޮލުގައި އަޅައިގެންފަ އެވެ.
މައީޝާ އަށް ފިލްމަކުން ފުރުސަތު ދޭން ބޭނުން ކަމަށް ނަހުލާ ބުނެފައިވާ އިރު މަައިޝާ އަކީ މޫނުމަތީގެ އެކްސްޕްރެޝަންތައް ދެއްކުމަށް ކުޅަދާނަ ފަންނާނެކެވެ. އައިޑަލްގެ ސްޓޭޖުމަތިންނާއި ފޮޓޯތަކުން އެކަން ހާމަވެ އެވެ.
މޯލްޑިވިއަން އައިޑަލްގެ ސީޒަން އެކަކުން ވިދާލި އިބްރާހިމް އަމާން ވެސް ވަނީ ޑާކްރެއިން އެންޓަޓެއިންމެންޓުގެ ފިލްމަކުން ފެނިފަ އެވެ. މީގެ އިތުރުން ނަހުލާ ވަނީ އޭނާގެ އެންމެ ފަހުގެ ފިލްމް ބޮސްގައި މޯލްޑިިވިއަން އައިޑަލްގެ ދެވަނަ ސީޒަނުގައި ދެވަނަ ހޯދި ހަމޫދުގެ ލަވައެއް ވެސް ހިމަނައިފަ އެވެ.