ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަން އަދި އަންހެން ޑިވިޝަންގެ ފައިނަލް މެޗު އަންނަ އަންގާރަ ދުވަހުގެ ރެއަށް ފަސްކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގެ ފައިނަލް މެޗުތައް ކުރިން ތާވަލުކޮށްފައި އޮތީ މާދަމާ ރޭ ކުޅޭ ގޮތަށެވެ.
އެ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުގައި ވާދަކުރާނީ ޓީމް ފްރެންޑްސްއާއި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)އެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ރޭ 7:00 ގައެވެ. ފިރިހެން ޑިވިޝަންގެ ފައިނަލުގައި ވާދަކުރާނީ އެފްސީ ދާއެޅުމާއި ލ. ގަން ފުޓްސަލް ކްލަބެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ރޭ 8:15 ގައެވެ.
އެ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލަށް ޓީމް ފްރެންޑްސް ދަތުރުކުރީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އުރީދޫ ޓީމް އަތުން 19-0ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެގެންނެވެ. އަދި ސިފައިން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގެ ދެވަނަ މެޗުގައި ކަނބަލުން އަތުން 31-0ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެގެންނެވެ.
ފިރިހެން ޑިވިޝަންގެ ފައިނަލަށް ދާއެޅުން ދަތުރުކުރީ ސެމީގެ ފުރަތަމަ މެޗުގައި ފްލެޓް 7 އަތުން 5-2ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. އަދި ލ. ގަން ފުޓްސަލް ކްލަބުން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގެ ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޖިޔޭ އަތުން 4-3ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
ޖުމްލަ 136 ޓީމާއެކު މުބާރާތް ކުރިއަށްދާ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރާނެއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ނޮކްއައުޓް އުސޫލުން ކުރިއަށްދާ އިރު، އަންހެން ޑިވިޝަންގައި ފުރަތަމަ ކުރިއަށްދިޔައީ ގްރޫޕް ސްޓޭޖެވެ.
މިއަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މިއަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެއެވެ. ފިރިހެން އަދި އަންހެން ޑިވިޝަންގައި އެ އަދަދު ހުށަހެޅުމުން، މިއަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 350,000 ރުފިޔާއެވެ.