އިންޑޮނޭޝިއާގެ ފައްޅިތަކަށް ހަމަލާ ދިނީ އެއް އާއިލާއަކަށް ނިސްބަތްވާ މީހުން

އިންޑޮނޭޝިއާގެ ފައްޅިތަކަށް ދިން ހަމަލާތަކުގެ ފަހަތުގައި ވަނީ އެއް އާއިލާއެއް ކަމަށް ފުލުހުން ބުނޭ -- ފޮޓޯ: ރޮއިޓާސް

ޖަކާޓާ (މޭ 13): އިންޑޮނޭޝިއާގެ ސުރަބަޔާގައި މިއަދު ތިން ފައްޅިއަކަށް ދިން ހަމަލާތަކުގެ ފަހަތުގައި ވަނީ އެއް އާއިލާއެއްގެ މީހުން ކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.

ޕޮލިސް ޗީފް ޓިޓޯ ކަރުނާވިއަން ވިދާޅުވި ގޮތުގައި އެހަމަލާތަކުގައި އެއް އާއިލާއަކަށް ނިސްބަތްވާ ހަތް މީހަކު ބައިވެރިވިއެވެ. އެގޮތުން އާއިލާގެ މަންމައާއި ބައްޕަގެ އިތުރުން އެމީހުން ފަސް ދަރިން ވަނީ އަމިއްލައަށް މަރުވެގެން ހަމަލާ ދީފައި ކަމަށް ކަރުނާވިއަން ވިދާޅުވި އެވެ.

އެހަމަލާތަކުގައި 11 މީހަކު މަރުވެ 41 މީހަކަށް އަނިޔާވިއެވެ. އަދި އެއީ 2005 ވަނަ އަހަރުގެ ފަހުން އިންޑޮނޭޝިއާގައި ދިން އެންމެ ނުރައްކާތެރި ހަމަލާ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

މީގެ ކުރިން އިންޑޮނޭޝިއާގެ ޖާސޫސީ އިދާރާއިން ވަނީ އެހަމަލާތަކުގެ ފަހަތުގައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން ހުރި ޖަމާއަތެއް ކަމަށްވާ އަންޝަރުތް ދައުލަތް (ޖޭއޭޑީ) ކަމަށް ލަފާކޮށްފައި އެވެ. އޭގެ ފަހުން އައިއެސްއިން ވަނީ އެހަމަލާގެ ޒިންމާ ނަގައިފައެވެ. (ބީބީސީ)

comment ކޮމެންޓް