ގްރީން ކަޓުވާލުމަށްފަހު، ފްލެޓް 7 ސެމީއަށް

ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ކުއާޓާގައި ފްލެޓް 7 އާއި ގްރީން ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ފްލެޓް 7ގެ ކީޕަރު އުސައިދު(ކ) ---

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަންގައި ކްލަބު ގްރީން ސްޓްރީޓްސް ކަޓުވާލުމަށްފަހު، ހުޅުމާލެއަށް ނިސްބަތްވާ ފްލެޓް 7 އިން ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގެ ކުއާޓާ ފައިނަލުގެ މެޗުތައް ކާމިޔާބުކޮށް، ފްލެޓް 7 އާއެކު އެންމެ ފަހުގެ ޗެމްޕިއަން ބަޖިޔޭއާއި އެފްސީ ދާއެޅުން އަދި ލ. ގަން އެފްސީ ވެސް ވަނީ ސެމީން ޖާގަ ހޯދައިފައެވެ.

ރޭ ކުޅުނު ކުއާޓާގެ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު، ގްރީންގެ މައްޗަށް ފްލެޓް 7 އިން ކުރި ހޯދީ 4-3ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރިހަމަ ވަގުތުގެ ތެރޭގައި ދެ ޓީމުން ވެސް ލަނޑެއް ކާމިޔާބުކުރިއެވެ. ފްލެޓް 7 އަށް އިބްރާހިމް ސަނޫން ލީޑު ހޯދައިދިން ނަމަވެސް، ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން މުހައްމަދު އިޝާމް ވަނީ ގްރީނަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ފްލެޓް 7ގެ އަބްދުﷲ ޒިޔާނާއި އާސިފް އަލީއާއި އާފިގް ރަޝީދު ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުކުރި އިރު، އެޓީމުގެ އާދަމް ލަޔާލް އަލީ ޝަރީފް ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.

ގްރީންގެ އިސްމާއިލް ނަސީމާއި ޖުނާން އަބްދުލް މަޖީދު ފޮނުވާލި ޕެނަލްޓީތައް ކާމިޔާބުކުރި އިރު، އެޓީމުގެ އަބްދުﷲ ސިނާނާއި މުހައްމަދު މިމްސާހު ފޮނުވާލި ޕެނަލްޓީތަކުގެ ހުރަހަކަށްވީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ފްލެޓް 7ގެ ކީޕަރު އަބްދުﷲ އުސައިދު އަބްދުލް ހަމީދެވެ.

ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ގޯލްކީޕަރުންގެ ތެރޭގައި ވެސް ހިމެނޭ އުސައިދު ދަނީ ޔޫތު ސިޓީ ފުޓްސަލް ކަޕްގައި ވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ރޭ ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޖިޔޭ ވަނީ 8-1ގެ ނަތީޖާއަކުން ތިމަރަފުށި ޔޫތު ޕްލޭޔާސް ބަލިކޮށްފައެވެ. ބަޖިޔޭ އިން ޖެހި އަށް ލަނޑުގެ ތެރެއިން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ޔާމީން މުހައްމަދާއި އަބްދުﷲ ޝާފިއު، އެއިން ކޮންމެ ކުޅުންތެރިޔަކު ތިން ލަނޑު ކާމިޔާބުކޮށްދިނެވެ.

އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް މުބީން އަހްމަދު ރަޝީދު (މުއްކި) އާއި މުހައްމަދު ސުޖާން އަހްމަދެވެ. ތިމަރަފުށި ޔޫތު ޕްލޭޔާސްގެ ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ މާނިހެވެ.

ރޭ ކުޅުނު ކުއާޓާގެ މެޗުގައި މައްޗަންގޮޅި ޒުވާނުންގެ ގުޅުން (އެމްޒެޑްޖީ) އަތުން އެފްސީ ދާއެޅުން މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އެފްސީ ދާއެޅުމުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަލީ ހާފިޒް ކާމިޔާބުކޮށްދިން އިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އިމްރާނެވެ.

ރޭ ނޮއޭނާއާ ދެކޮޅަށް ކުޅުނު ކުއާޓާގެ މެޗުން ލ. ގަން އެފްސީ މޮޅުވީ 3-2ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ލ. ގަން އެފްސީން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަހްމަދު ހަލީމް ކާމިޔާބުކޮށްދިން އިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ޖުނައިދެވެ. އެ މެޗުގައި ނޮއޭނާއިން ޖެހި ދެ ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ޝިފާއުއާއި އަލީ ހައިސަމެވެ.

އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ސެމީގެ މެޗުތައް މިރޭ ކުރިއަށްދާނެއެވެ. މިރޭ 8:00ގައި ކުޅޭ ސެމީގެ މެޗުގައި އެފްސީ ދާއެޅުމާއި ފްލެޓް 7 ބައްދަލުކުރާ އިރު، މިރޭ 9:30ގައި ކުޅޭ ސެމީގެ މެޗުގައި ބައްދަލުކުރާނީ ލ. ގަން އެފްސީއާއި ބަޖިޔޭއެވެ.

ޖުމްލަ 136 ޓީމާއެކު މުބާރާތް ކުރިއަށްދާ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރާނެއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ނޮކްއައުޓް އުސޫލުން ކުރިއަށްދާ އިރު، އަންހެން ޑިވިޝަންގައި ފުރަތަމަ ކުރިއަށްދިޔައީ ގްރޫޕް ސްޓޭޖެވެ.

މިއަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މިއަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެއެވެ. ފިރިހެން އަދި އަންހެން ޑިވިޝަންގައި އެ އަދަދު ހުށަހެޅުމުން، މިއަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 350,000 ރުފިޔާއެވެ.

comment ކޮމެންޓް