އިދިކޮޅުން ކުރަން އުޅުނު މުޒާހަރާތައް ނާކާމިޔާބުވީ ރައްޔިތުންގެ ހިތްތަކުގައި ގައުމީ ރޫހު އާލާވަމުންދާތީ: އަދުރޭ

"ހޭވައްލާ" ގެ ނަމުގައި ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި އަދުރޭ ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކެއް ފެބްރުއަރީގެ އަމުރަށް ފަހު އިދިކޮޅު ފަރާތްތަކުން ރާއްޖޭގެ މަގުތައްމައްޗަށް ރައްޔިތުން ނެރެގެން ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދަން އުޅުނު އެކިއެކި ހަރަކާތްތައް ނާކާމިޔާބުވީ ރައްޔިތުންގެ ހިތްތަކުގައި ގައުމީ ރޫހު އަލާވަމުންދާތީ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

"ހެސްކިޔާފަ" ގެނަމުގައި ޕީޕީއެމްއިން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުރަހީމް ވިދާޅުވީ ގައުމެއް އެގައުމެއްގެ ގޮތުގައި ކުރިއަރައި ދާނީ ގައުމިއްޔަތު ދިރުވައި އާލާކޮށްގެން ކަމަށެވެ.

"ގައުމިއްޔަތު ނެތް ތަނެއްގައި ދިރުމެއް، ރޫހެއް ނޯންނާނެ. މިއަދު މި ފެންނަނީ ރައީސްގެ ހިތްޕުޅުގައި ދިވެހި ގައުމިއްޔަތަށް އޮންނަ ލޯތްބެއްގެ ސަބަބުން،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ ހިތްތަކުގައި ގައުމީރޫހު އަލާވީ މި ސަރުކާރުން ފެށި ތަރިކަ މަޝްރޫއުގެ ސަބަބުން ކަމަށެވެ.

"ހޭވައްލާ" ގެ ނަމުގައި ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ދިވެހި ރައްޔިތުން ބޭނުންވަނީ އަމާންކަން. ދިވެހި ރައްޔިތުން ބޭނުންވަނީ ސުލްހަވެރިކަން. ދިވެހި ރައްޔިތުން ބޭނުންވަނީ ތަރައްގީ. ދިވެހި ރައްޔިތުން ބޭނުންވަނީ ކުރިއެރުން. ދިވެހި ރައްޔިތުން ބޭނުންވަނީ ފުދުން ތެރިކަން. ހަރުދަނާ ތައުލީމީ ނިޒާމެއް. މިކަންކަން މި ސަރުކާރުން ފެންނާތީ ރައްޔިތުން މަގުތައް މައްޗަށް ނުނިކުތީ،"

އަދުރޭ ވިދާޅުވީ، ސްކޫލުތަކުގެ ރަސްމީ ތައުލީމީ ނިޒާމުގެ ތެރެއިން ގައުމިއްޔަތާ ގުޅޭ މައުލޫމާތު ދަރިވަރުންގެ ހިތްތަކަށް ފޯރުކޮށްދިނުމަށް މިހާރު މަސައްކަތް ކުރެވޭ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މާދަމާ ގައުމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވާ ޒުވާނުންގެ ހިތްތަކުގައި ޖަހާނީ ދިވެހި ގައުމިއްޔަތުގެ ވިންދު ކަމަށް އޭނާ ވިދާޅުވިއެވެ.

"މިގައުމަށް ބޭރުގެ ނުފޫޒެއް އައުމަށް ގޮވާލީމާ އެބައިމީހުންނަށް މަޑަކުން ނުތިބެވޭނެ. މި ރާއްޖޭގަ އިސްލާމްދީން ނޫން ދީންތަކަށް ޖާގަދޭން ގޮވާލީމާ އެކަމަށް އެއްބަހެއް ނުވެވޭނެ. ބޭރުގެ ބާރުތަކުން އަރައި ރާއްޖެ އަޅުވެތިކުރަން ދިމާ ކުރީމާ އެކަމަށް ދެކޮޅަށް ނުނިކުމެ ނުތިބޭނެ،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގައުމިއްޔަތު ދިރުވުމުގެ އެންމެ މުހިއްމު މަސައްކަތުގެ ބިންގާ ރައީސް އަޅުއްވައިފި ކަމަށެވެ. އެ ބިންގަލުގެ މައްޗަށް ގައުމެއް އާރާސްތު ކުރުމަކީ މިއަދު މަސައްކަތުގައި ތިބި މީހުންނާއި މާދަމާ މަސައްކަތަށް އަންނަން ތިބި މީހުންގެ ޒިންމާއެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި އަދުރޭގެ ވާހަކަފުޅު މުޅިންވެސް އަމާޒުކުރެއްވީ ގައުމިއްޔަތުގެ މައްޗަށެވެ. ގައުމީ ވިންދު ހިތްތަކުގައި ޖަހާ ޖީލެއް ބިނާ ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުންގެ ހިތްތަކުގައި ދައުރުވާން ޖެހޭނީ ގައުމީ ލޭ ކަމަށާއި ކާބަފައިން ގައުމަށްޓަކައި ވީ ގުރުބާނީގެ ހަނދާން އާކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ހޭވައްލާ" ގެ ނަމުގައި ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްލާމްދީނަކީ ގައުމިއްޔަތުގެ ބިންގާ ކަމަށާއި، ގައުމިއްޔަތު ވަރުގަދަވާނީ އިސްލާމްދީނުގެ އުސޫލުތަކުގައި ހިފަހައްޓައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްލާމްދީނާ ދެކޮޅު ޚިޔާލު ގެންގުޅޭ އަދި އެފަދަ ވާހަކަ ދައްކާ މީހުންނަށް އަދުރޭ ރޭ ރައްދު ދެއްވިއެވެ.

އަދުރޭ ވިދާޅުވީ ދިވެހި ގައުމީ ސަލާމުގައި އާންމުކޮށް ކިޔާ ކަޑިތަކުގެ އިތުރުން އިތުރު ކަޑިތަކެއް އެބަހުރި ކަމަށާއި އެ ކަޑިތަކުގައި ގައުމިއްޔަތާ ގުޅޭ މުހިއްމު ވާހަކަ ތަކެއް އެބަހުރި ކަމަށެވެ.

"ދައުލަތާ ރައްޔިތުންނަށް މާ މުހިއްމު ބައިތުތަކެއް އެބަހުރި. ކޮންމެވެސް ޒަމާނަކުން އަޅުގަނޑު އެދެން މި ކަމާ ބެހޭގޮތުން ވިސްނަން ޖެހިވަޑައިގަންނަވާ ބޭފުޅުން ވިސްނާ ވަޑައިގެން ގައުމީ ސަލާމަށް މި ބައިތުތައް އިތުރުކޮށްގެން ޖެހޭނެ ދުވަހެއް ގެންނަން. އެއީ ވަރަށް މުހިއްމު ކަމެއް،"

ރަސްމީ ތައުލީމުގެ ވަކި މާއްދާއެއްގެ ގޮތުގައި ގައުމިއްޔަތު ކިޔަވައިދިނުން މުހިއްމު ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

comment ކޮމެންޓް