އުނގޫފާރު ރައްޔިތުންނަށް މިއަހަރުގެ ރޯދަމަހު ވެސް ކަރަންޓް ހިލޭ!

ރ. އުނގުފާރު: މިއަހަރުގެ ރޯދަމަހު ވެސް އުނގޫފާރު ރައްޔިތުންނަށް ހިލޭ ކަރަންޓު ފޯރުކޮށްދިނުމަށް އެ ރަށު ކައުންސިލުން ވަނީ ނިންމާފައި -- ސަން ފައިލް ފޮޓޯ

ކުރިއަށްއޮތް ރޯދަމަހު ރ. އުނގޫފާރު ކައުންސިލުން އެރަށުގެ ރައްޔިތުންގެ ގޭގޭގެ ކަރަންޓް ބިލް ދައްކައިދޭގޮތަށް ހަމަޖައްސައިފިއެވެ.

އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުއް ނާސިރު އަލީ "ސަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެހެން އަހަރެކޭވެސް އެއްފަދައިން މިއަހަރުގެ ރަމަޟާން މަހު ވެސް އެރަށުގެ ރައްޔިތުންގެ ގޭގޭގެ ކަރަންޓް ބިލް، އެ ކައުންސިލުން ދައްކައިދޭނެ ކަަމަށެވެ.

"ކަރަންޓް ބިލް މިފަހަރު ދައްކައި މިދެނީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް. އެކަމަށް 500،000 ރުފިޔާއަށް ވުރެ ބޮޑު އަަދަދެއް ހޭދަވާނެ ކަމަށް ބެލެވޭ،" ނާސިރު ވިދާޅުވިއެވެ.

ނާސިރު ވިދާޅުވީ އެހެން އަހަރެކޭވެސް އެއްފަދައިން މިއަހަރުވެސް ކަރަންޓު ބިލު ދައްކައިދޭގޮތަށް ހަަމަޖެއްސީ ރަށުގެ ރައްޔިތުންނަށް ރަމަޟާން މަހު ރަނގަޅު ހަދިޔާއެއް ދިނުމުގެ ގޮތުން ކަމަށެވެ. އަދި ވިދާޅުވީ ރޯދަމަހަކީ ގިނަ ވަގުތު ކަރަންޓު ބޭނުންކުރާ މަހަކަށް ވުމުން ރައްޔިތުންގެ ޖީބުން ބޮޑު އެއްޗެއް ހޭދަކުރަން ޖެހޭ ކަމަށެވެ.

"އެހެން އަހަރުތަކުގައި ކަރަންޓު ބިލް ދައްކައިދިން ނަމަވެސް މިފަހަރު ބިލް ދައްކައިދޭ ދުވަސް ގިނަވާނެ. މިފަަހަރު ބިލް މި ދައްކައިދެނީ 46 ދުވަހަށް. މީގެ ކުރީގެ ބިލްތަކަށް 40 ދުވަސްވެސް ނުވާނެ." ނާސިރު ވިދާޅުވިއެވެ.

މިއީ އުނގޫފާރު ރައްޔިތުންނަށް އެ ރަށު ކައުންސިލުން ހިލޭ ކަރަންޓު ފޯރުކޮށްދޭ ތިންވަނަ އަހަރެވެ. އުނގޫފާރުގެ ގޭގޭގެ ކަރަންޓު ބިލު 2016 އަދި 2017ގައި ވެސް އެ ކައުންސިލުން ވަނީ ދައްކައިދީފައެވެ.

comment ކޮމެންޓް