ކުއާޓާގެ ފަހު ޖާގަތައް ނޮއޭނާ، ލ. ގަން އެފްސީ، ބަޖިޔޭ އަދި ތިމަރަފުށި ޔޫތު ޕްލޭޔާސްއަށް

ޔޫތު ސިޓީ ފުޓްސަލް ކަޕްގައި ބަޖިޔޭއާއި ޑީ ސީ ޖޭ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ބަޖިޔޭގެ މުއްކި(ކ) ---

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަންގެ ކުއާޓާ ފައިނަލުގެ ފަހު ޖާގަތައް ނޮއޭނާއާއި، ލ. ގަން އެފްސީއާއި، ބަޖިޔޭ އަދި ތިމަރަފުށި ޔޫތު ޕްލޭޔާސްއިން ހޯދައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގެ ކުއާޓާގެ ފަހު ޖާގަތައް އެ ހަތަރު ޓީމުން ހޯދީ ރޭ ކުޅުނު ގަދަ 16ގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ.

ރޭ ކުޅުނު މެޗުގައި ދަނޑު ގޯޅި އަތުން ނޮއޭނާ މޮޅުވީ 8-2ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ނޮއޭނާއިން ޖެހި އަށް ލަނޑުގެ ތެރެއިން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަލީ ޝިފާއު ހަތަރު ލަނޑު ކާމިޔާބުކޮށްދިން އިރު، އަޔާޒް އަހްމަދު ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އަލީ ހައިސަމާއި ހުސައިން ޒާހިރު ވެސް އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ. ދަނޑު ގޯޅީގެ ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ޝިފާޒް އާދިލެވެ.

ރޭ ކުޅުނު މެޗުގައި ޓީމް ކޮޅުފުށި އަތުން ލ. ގަން އެފްސީ މޮޅުވީ 3-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ގަން އެފްސީން ޖެހި ތިން ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަހްމަދު ހަލީމެވެ. ކޮޅުފުށީގެ ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ތަހުޝީނެވެ.

ޑީ ސީ ޖޭއާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ބަޖިޔޭ މޮޅުވީ 6-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ބަޖިޔޭއިން ޖެހި ހަ ލަނޑުގެ ތެރެއިން ތިން ލަނޑު އަބްދުﷲ ޝާފިއު ކާމިޔާބުކޮށްދިން އިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އިބްރާހިމް މުބީން އަހްމަދު ރަޝީދު (މުއްކި)އާއި، އަސަދުﷲ އަހްމަދު އަދި ޔާމީން މުހައްމަދު ވެސް އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ. ޑީ ސީ ޖޭގެ ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ މާޖިދެވެ.

ރޭ ކުޅުނު މެޗުގައި ޕާކްގެ މައްޗަށް ތިމަރަފުށި ޔޫތު ޕްލޭޔާސްއިން ކުރި ހޯދީ 9-3ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ތިމަރަފުށި ޔޫތު ޕްލޭޔާސްއިން ޖެހި ނުވަ ލަނޑުގެ ތެރެއިން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަލީ މާނިހު ހަތަރު ލަނޑު ކާމިޔާބުކޮށްދިން އިރު، އަލީ ސިނާހު ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އެޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހިމް ހުޝާމާއި ޝުޖާއުއެވެ. ޕާކްއިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ހުސައިން ރައުޝަން ކާމިޔާބުކޮށްދިން އިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ފާތިހު ރަޝީދެވެ.

އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ކުއާޓާ ފައިނަލުގެ ހުރިހާ މެޗެއް މިރޭ ކުޅުމަށް ހަމަޖެހިފައިވެއެވެ. ކުއާޓާގައި ވާދަކުރާނީ މައްޗަންގޮޅި ޒުވާނުންގެ ގުޅުން (އެމްޒެޑްޖީ)، އެފްސީ ދާއެޅުން، ފްލެޓް 7، ކްލަބު ގްރީން ސްޓްރީޓްސް، ނޮއޭނާ، ލ. ގަން އެފްސީ، ބަޖިޔޭ އަދި ތިމަރަފުށި ޔޫތު ޕްލޭޔާސްއެވެ.

ޖުމްލަ 136 ޓީމާއެކު މުބާރާތް ކުރިއަށްދާ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރާނެއެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ނޮކްއައުޓް އުސޫލުން ކުރިއަށްދާ އިރު، އަންހެން ޑިވިޝަންގައި ފުރަތަމަ ކުރިއަށްދިޔައީ ގްރޫޕް ސްޓޭޖެވެ.

މިއަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މިއަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެއެވެ. ފިރިހެން އަދި އަންހެން ޑިވިޝަންގައި އެ އަދަދު ހުށަހެޅުމުން، މިއަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 350,000 ރުފިޔާއެވެ.

މިރޭ ކުޅޭ ކުއާޓާގެ މެޗުތައް:

20:00 މައްޗަންގޮޅި ޒުވާނުންގެ ގުޅުން (އެމްޒެޑްޖީ) – އެފްސީ ދާއެޅުން

20:00 ފްލެޓް 7 – ކްލަބު ގްރީން ސްޓްރީޓްސް

21:00 ނޮއޭނާ – ލ. ގަން އެފްސީ

21:00 ބަޖިޔޭ – ތިމަރަފުށި ޔޫތު ޕްލޭޔާސް

comment ކޮމެންޓް