އަހަރަކަށްވުރެ ދުވަސްވީ ފަހުން ރަބަރޭ މަރާލި މައްސަލައިގެ އަޑުއެހުމެއް ބާއްވަނީ

ރަބަރޭ މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވާ އިބްރާހިމް އަބްދުއްރަހުމާނު ކޯޓަށް ވައްދަނީ --- ސަންފައިލް ފޮޓޯ

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހ. ހަންޑްރެޑް ފްލާވާސް ހުސައިން ރަޒީން (ރަބަރޭ) މަރާލި މައްސަލައާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ ރ. ކަދޮޅުދޫ (މިހާރު ދުވާފަރު)، ފީރޯޒުގެ، އިބްރާހިމް އަބްދުއްރަހްމާންގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލައިގެ އަޑުއެހުމެއް، އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން އަންނަ އާދިއްތަ ދުވަހު ބާއްވަން ތާވަލު ކޮށްފިއެވެ.

އެންމެ ފަހުން އެމައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ވަނީ މިދިއަ އަހަރު ޖެނުއަރީ 24 ވަނަ ދުވަހު އެވެ. އެދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ވަކީލަކު އައްޔަން ކުރަން އިބްރާހިމަށް 10 ދުވަސް ވަނީ ދީފައެވެ.

ރަބަރޭގެ މަރާ ގުޅިގެން އިބްރާހިމް އަބްދުއްރަހްމާންގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލާފައެވެ. އެއީ އެނގިހުރެ މަރެއް ފޮރުވުމާއި، ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރި ކަމުގެ ދައުވާއެވެ.

މަރެއް ފޮރުވުމުގެ ދައުވާ ދައުލަތުން އިބްރާހިމްގެ މައްޗަށް އުފުލީ ނޮވެމްބަރު 5، 2015، ގައި ރަބަރޭ މަރާލިކަން އެނގިހުރެ އެކަން ސިއްރު ކުރުމުން ކަމަށް ދައުލަތުން ބުންޏެވެ.

ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރި ކަމުގެ ދައުވާ އިބްރާހިމްގެ މައްޗަށް އުފުލީ 2015 އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އޭނާ ލަންކާއަށް ގޮސް ބިލާލަށް ފައިސާދީ ރަބަރޭ މަރާލަން ރޭވުމާއި، އޭގެ ފަހުން ރަބަރޭ މަރާލުމަށް ފަހު އިބްރާހިމްގެ ފޯނަށް ފޮޓޯ ފޮނުވުމުން އިތުރު ފައިސާ ބިލާލުގެ އެކައުންޓަށް ފޮނުވާފައި ވާތީ ކަމަށް ދައުލަތުން ބުންޏެވެ.

ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރި ކަމުގެ ދައުވާ އިބްރާހިމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާ ތޫނު އެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ) އަދި (ބ) އާ ހަވާލީ އެމާއްދާގެ (ޅ) ގެ ދަށުންނެވެ.

އެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ހައްގަކާ ނުލައި މީހަކު މަރައިފިނަމަ ގަސްތުގައި މީހަކު މެރުމުގެ ކުށުން އެމީހަކު ކުށްވެރިވާނެ ކަމަށެވެ. އެ މާއްދާގެ (ބ) ގައި ބުނެފައިވަނީ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން މީހަކު މެރުމުގަައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ.

އެފަދަ ކުށެއް ކޮށްފި މީހަކަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ 15 އަހަރާއި 25 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުން ކަމަށް އެ މާއްދާގެ (ޅ) ގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް