ޗެލްސީއާ އެއްވަރުކޮށް، ހަޑަލްސްފީލްޑުން ސަލާމަތް ވެއްޖެ

ޗެލްސީއާއި ހަޑަލްސްފީލްޑް ރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

އިނގިރޭސި ޕްރިމިއާލީގުގައި ރޭ ޗެލްސީއާ ދެކޮޅަށް ހަޑަލްސްފީލްޑުން ކުޅުނު މެޗު އެއްވަރުކޮށް، އެޓީމު ޕްރިމިއާލީގުން ރެލިގޭޓް ނުވެ ސަލާމަތް ވެއްޖެ އެވެ.

ރޭގެ މެޗުން އެއްވަރުވެ ޗެލްސީއަށް ވަނީ އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ. ލީގުގައި ބާކީ އެއް މެޗު އޮތް އިރު، ޗެލްސީއަށް ގަދަ ހަތަރެއްގެ ތެރެއަށް ވަދެވެން އޮތީ ލިވަޕޫލުން ދެން ކުޅޭ މެޗުން ބަލިވެ، ޗެލްސީން ފަހު މެޗު ކާމިޔާބުކޮށްގެންނެވެ. ލީގުގައި ފަހު މެޗުގައި ލިވަޕޫލުން އަމިއްލަ ދަނޑުގައި ބްރައިޓަންއާ ދެކޮޅަށް ނުކުންނަ އިރު، ޗެލްސީން ނުކުންނާނީ ރަށުން ބޭރުގައި ނިއުކާސަލްއާ ދެކޮޅަށެވެ.

މިދިޔަ ސީޒަންގައި ޕްރިމިއާ ލީގަށް ކޮލިފައިވި ހަޑަލްސްފީލްޑް ރެލިގޭޓްވާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދިޔައީ އެޓީމަށް ލީގުގެ ފަހު ތިން މެޗުގައި ޗެމްޕިއަން މެންޗެސްޓާ ސިޓީގެ އިތުރުން ޗެލްސީ އަދި އާސެނަލްއާ ދެކޮޅަށް ނުކުންނަން ޖެހުމުންނެވެ. އެ ތިން މެޗުން ހަޑަލްސްފީލްޑަށް ދެ ޕޮއިންޓް ބޭނުންވެފައި އޮތް އިރު، އެޓީމު ވަނީ ސިޓީއާ އެއްވަރުކޮށް، ރޭ ޗެލްސީ އަތުންވެސް ޕޮއިންޓެއް ހޯދައިފަ އެވެ.

ރޭގެ މެޗު 1-1ގެ ނަތީޖާއަކުން އެއްވަރުވެފައިވާ އިރު، ޗެލްސީން މެޗަށް ނުކުތީ އާއްމުކޮށް ފުރަތަމަ 11ގައި ހިމެނޭ އެޑިން ހަޒާޑާއި ކީޕަރު ތިބޯ ކޯޓުއާވެސް ފުރަތަމަ 11ގައި ނުހިމަނަ އެވެ. ޗެލްސީ ކީޕަރު އަނިޔާގައި ހުރި އިރު، ހަޒާޑު ވަނީ މެޗުގެ ފަހު ހާފްގައި ފެނިފަ އެވެ.

ފުރަތަމަ ހާފްގައި ހަޑަލްސްފީލްޑަށް ޗެލްސީގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާލައިފައިނުވާ އިރު، ޗެލްސީން ވަނީ ހަމަލާތައް އުފައްދައިފަ އެވެ. އެހެން ނަމަވެސް އެ ހަމަލާތައް ޗެލްސީއަށް ކާމިޔާބުކުރެވިފައެއް ނުވެ އެވެ.

ޗެލްސީއާއި ހަޑަލްސްފީލްޑް ރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ފުރަތަމަ ހާފް 0-0ގެ ނަތީޖާއަކުން ނިންމާލި އިރު، ދެވަނަ ހާފް ފެށިގެން 50 ވަނަ މިނެޓުގައި ހަޑަލްސްފީލްޑްގެ ޑެޕޮޓިއާ ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. ޗެލްސީން މެޗުގެ ނަތީޖާ ހަމަމަހަ ކުރީ 62 ވަނަ މިނެޓުގަ އެވެ.

ޗެލްސީގެ ގޯލް ކާމިޔާބުކޮށްދިނީ މާކަސް އެލޯންސޯ އެވެ. މާކަސް އެލޯންސޯގެ ގޯލަށްފަހު ވެސް ޗެލްސީން ވަނީ ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ. އެހެން ނަމަވެސް ހަމަލާތަކުގެ ހުރަހަކަސްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ހަޑަލްސްފީލްޑްގެ ކީޕަރު ޖޯނަސް ލޮސުލް އެވެ.

މިހާތަނަށް މި ސީޒަންގައި ޕްރިމިއާ ލީގުން ރެލިގޭޓް ވެފައިވާ ޓީމުތަކަކީ ވެސްޓް ބްރޮމްއާ ސްޓޯކް ސިޓީ އެވެ. ސަވަންސީ އަދި ރެލިގޭޓް ނުވެ އޮތް ނަމަވެސް، އެޓީމަށް ލީގުގައި ދެމިއޮތުމުގެ ފުރުސަތު ކުޑަ އެވެ.

comment ކޮމެންޓް