ސެމީގެ ފަހު ޖާގަތައް ސިފައިންނާއި ކަނބަލުންނަށް

ޔޫތު ސިޓީ ފުޓްސަލް ކަޕްގައި ޑީއެސްސީއާއި ވިމެންސް ފުޓްބޯލް ކްލަބު ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ޑީއެސްސީގެ މަރިޔަމް ރިފާ ---

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގެ އަންހެން ޑިވިޝަންގެ ފަހު ޖާގަތައް ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ)އާއި ކަނބަލުން ހޯދައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގެ އަންހެން ޑިވިޝަންގެ ސެމީގެ ޖާގަތައް ސިފައިންނާއި ކަނބަލުން ހޯދީ ރޭ ކުޅުނު ކުއާޓާ ފައިނަލުގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ.

ރޭ ކުޅުނު މެޗުގައި ގްރޫޕް އެކެއްގެ ދެވަނަ ހޯދި ސިފައިން ވަނީ ގްރޫޕް ސީގެ އެއްވަނަ ހޯދި ވިމެންސް ފުޓްބޯލް ކްލަބު އަތުން 1-0ގެ ނަތީޖާއަކުން މޮޅުވެފަ އެވެ. އެ މެޗުގައި ސިފައިން ކާމިޔާބުކުރި ލަނޑު، އެޓީމަށް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު މަރިޔަމް ރިފާ އެވެ.

ރޭ ކުޅުނު ކުއާޓާގެ އަނެއް މެޗުގައި ގްރޫޕް ޑީގެ އެއްވަނަ ހޯދި ކަނބަލުން ވަނީ ގްރޫޕް ބީގެ ދެވަނަ ހޯދި ލޭޑީ ލަކް އަތުން 4-1ގެ ނަތީޖާއަކުން މޮޅުވެފަ އެވެ. އެ މެޗުގައި ކަނބަލުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ސަނާ އަބްދުލް ރަހީމް ކާމިޔާބުކޮށްދިން އިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ސުހާ އަބްދުލް ރަހީމެވެ. ލޭޑީ ލަކްގެ ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ ފާތިމަތު ނިޝްފާ އަލީ އެވެ.

އަންހެން ޑިވިޝަންގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:00ގައި ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި ޓީމް ފްރެންޑްސްއާއި އުރީދޫ ޓީމު ބައްދަލުކުރާ އިރު، ހޮނިހިރު ދުވަހުގެ ރޭ 9:30ގައި ކުޅޭ ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ސިފައިންނާއި ކަނބަލުންނެވެ.

ޖުމްލަ 136 ޓީމާ އެކު މުބާރާތް ކުރިއަށްދާ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރާނެ އެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ނޮކްއައުޓް އުސޫލުން ކުރިއަށްދާ އިރު، އަންހެން ޑިވިޝަންގައި ފުރަތަމަ ކުރިއަށްދިޔައީ ގްރޫޕް ސްޓޭޖެވެ.

މި އަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މިއަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެ އެވެ. ފިރިހެން އަދި އަންހެން ޑިވިޝަންގައި އެ އަދަދު ހުށަހެޅުމުން، މިއަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 350,000 ރުފިޔާ އެވެ.

comment ކޮމެންޓް