ކުއާޓާގެ ފުރަތަމަ ޖާގަތައް ފްލެޓް 7، އެމްޒެޑްޖީ، ދާއެޅުން އަދި ގްރީނަށް

ޔޫތު ސިޓީ ފުޓްސަލް ކަޕްގައި ފްލެޓް 7 އާއި ނެމެސިސް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ފްލެޓް 7ގެ އަބްދުﷲ ޒިޔާން (ކ) ---

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ފިރިހެން ޑިވިޝަންގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ޖާގަތައް ފްލެޓް 7 އާއި މައްޗަންގޮޅި ޒުވާނުންގެ ގުޅުން (އެމްޒެޑްޖީ)އާއި އެފްސީ ދާއެޅުން އަދި ކްލަބު ގްރީން ސްޓްރީޓްސްއިން ހޯދައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ކުއާޓާގެ ފުރަތަމަ ޖާގަތައް އެ ހަތަރު ޓީމުން ކަށަވަރުކުރީ ރޭ ކުޅުނު ގަދަ 16ގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ.

ރޭގެ މެޗުގައި ފްލެޓް 7 އިން ނެމެސިސްގެ މައްޗަށް ކުރި ހޯދީ 5- 3ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ފްލެޓް 7 އިން ޖެހި ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބުކޮށްދިނީ މިވަގުތު ރާއްޖޭގެ ހިމެނޭ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަބްދުﷲ ޒިޔާން (ޗަންކީ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނީ އޭނާ އެވެ. އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ނާބިތެވެ. ނެމެސިސްގެ ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން އަފާޝްއެވެ.

ރޭ ކުޅުނު މެޗުގައި އެފްސީ ވަކަރުގެ އަތުން އެމްޒެޑްޖީ މޮޅުވީ 8-3ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އެމްޒެޑްޖީ އިން ޖެހި އަށް ލަނޑުގެ ތެރެއިން ތިން ލަނޑު މުހައްމަދު ޔަފާއު ކާމިޔާބުކޮށްދިން އިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ހަސަން ނިމާލާއި ހުސައިން ސުހައިލް، ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އެޓީމަށް މުހައްމަދު އަނަސް ވެސް ލަނޑެއް ކާމިޔާބުކޮށްދިނެވެ. އެ މެޗުގައި އެފްސީ ވަކަރުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހްމަދު ސުހައިލާއި އާދަމް ނިފާޒް އަދި އިސްމާއިލް ނަޖާހު އެވެ.

ރޮކް ސްޓްރީޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުން އެފްސީ ދާއެޅުން މޮޅުވީ 6-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ދާއެޅުން ޓީމުން ޖެހި ހަ ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަލީ ހާފިޒެވެ. އެޓީމުގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހިމް ސިނާހާއި މުހައްމަދު އަޔާޒާއި މުހައްމަދު އިމްރާން އަދި މުހައްމަދު ލިޔާހު އެވެ.

ރޭ ކުޅުނު މެޗުގައި ތިމަރަފުށި ފްރެންޑްލީ ޕްލޭޔާސް އެސްސީ އަތުން ގްރީން މޮޅުވީ 3-2ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ގްރީންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ބާސިލް މުހައްމަދާއި އަބްދުﷲ ސިނާން އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އިސްމާއިލް ނަސީމެވެ. މެޗުގައި ތިމަރަފުށި ފްރެންޑްލީ ޕްލޭޔާސްގެ ދެ ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ޝަމަކް ޝަރީފެވެ.

އެ މުބާރާތުގެ ކުއާޓާގެ ފަހު ޖާގަތައް ހޯދާ ހަތަރު ޓީމު މިރޭ ކަށަވަރުވާނެ އެވެ. މިރޭ ވެސް ގަދަ 16ގެ ހަތަރު މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ.

ޖުމްލަ 136 ޓީމާ އެކު މުބާރާތް ކުރިއަށްދާ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރާނެ އެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ނޮކްއައުޓް އުސޫލުން ކުރިއަށްދާ އިރު، އަންހެން ޑިވިޝަންގައި ފުރަތަމަ ކުރިއަށްދިޔައީ ގްރޫޕް ސްޓޭޖެވެ.

މިއަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މިއަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެ އެވެ. ފިރިހެން އަދި އަންހެން ޑިވިޝަންގައި އެ އަދަދު ހުށަހެޅުމުން، މި އަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 350,000 ރުފިޔާ އެވެ.

މިރޭ ކުޅޭ ފިރިހެން ޑިވިޝަންގެ ގަދަ 16ގެ މެޗުތައް:

20:00 ނޮއޭނާ – ދަނޑު ގޯޅި އެސްސީ

20:00 ޓީމް ކޮޅުފުށި – ލ. ގަން ފުޓްސަލް ކްލަބު

21:00 ޑީ ސީ ޖޭ – ބަޖިޔޭ

21:00 ތިމަރަފުށި ޔޫތު ޕްލޭޔާސް – ޕާކް

comment ކޮމެންޓް