ބާސާ ރެކޯޑާ ދިމާއަށް، ރެއާލް އަނެއްކާވެސް ބަލިވެއްޖެ

ބާސެލޯނާއާ މިސީޒަންގައި ގުޅުނު ކުޓީނިއޯއާއި ޑެމްބޭލޭ ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކާފައި --- ފޮޓޯ/ އޭޕީ

ސްޕެނިޝް ލަލީގާގައި ރޭ ވިލަރެއާލްއާ ދެކޮޅަށް ކުޅުނު މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށް، ބާސެލޯނާއިން ބަލިނުވެ ލީގު ނިންމާލުމާ ގާތަށް ޖެހިލައިފިއެވެ.

މިހާތަނަށް ލީގުގައި ކުޅުނު 36 މެޗުންވެސް ބާސާ ބަލިވެފައިނުވާ އިރު، އެޓީމަށް ބާކީ ލީގުގައި އޮތީ ދެ މެޗެވެ. އެ ދެ މެޗުން ބަލިނުވެ ލީގު ނިންމާލައިފި ނަމަ، ބާސާ ވެގެންދާނީ ބަލިނުވެ ސްޕެނިޝް ލީގު އުފުލާލި ހަމައެކަނި ޓީމަށެވެ.

މީގެ ކުރިން ބަލިނުވެ ސްޕެއިންގެ ޓޮޕް ފްލައިޓް ލީގެއް ނެގީ 1931-32 ވަނަ އަހަރު ރެއާލް މެޑްރިޑުންނެވެ. އޭރު ލީގު ސީޒަނެއްގައި ކުޅެން ޖެހެނީ 18 މެޗެވެ.

ވިލަރެއާލްއާ ދެކޮޅަށް ރޭ ބާސާއިން ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި އެޓީމު ވަނީ ތިން ގޯލްގެ ލީޑެއް ނަގައިފައެވެ. ފުރަތަމަ ހާފްގައި ބާސާގެ ގޯލްތައް ކާމިޔާބުކޮށްދިނީ ފިލިޕް ކުޓީނިއޯގެ އިތުރުން ޕައުލީނިއޯ އަދި ލިއޮނަލް މެސީއެވެ.

ދެވަނަ ހާފް ފެށިގެން ވިލަރެއާލްގެ ސަންސޯނޭ ގޯލެއް ޖެހި ނަމަވެސް، މެޗުގެ ފަހު ފަސް މިނެޓުގައި ބާސާގެ އޮސްމާނޭ ޑެމްބޭލޭ ވަނީ ދެ ގޯލް ޖަހައި ބާސާއަށް ލީޑު ފުޅާކޮށްދީފައެވެ. މިސީޒަންގައި ބާސާއަށް ބަދަލުވި ފަހުން ދެ ފަހަރެއްގެ މަތިން އަނިޔާވެ، ސީޒަންގެ ގިނަ މެޗުތަކެއް ގެއްލުނު ޑެމްބޭލޭ ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައިފައެވެ.

ރެއާލްއާއި ސެވިއްޔާ ރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ރެއާލްއިން ރަށުން ބޭރުގައި ރޭ ކުޅުނު މެޗުގައި ސެވިއްޔާ އަތްދަށުވީ 3-2ގެ ނަތީޖާއަކުންނެވެ.

މިހާތަނަށް ލީގުގައި ކުޅުނު 36 މެޗުގެ ތެރެއިން ރެއާލް ވަނީ ހަ މެޗުން ބަލިވެފައެވެ. ލީގުގެ ތިންވަނަ މަގާމުގައި ރެއާލް އޮތް އިރު، އެ ޓީމުގެ ފޯކަސް މިހާރު ހުރީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި ނެގުމާ ދިމާލަށެވެ.

މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ރެއާލްއިން ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ލިވަޕޫލާ ދެކޮޅަށް ރެއާލްއިން ނުކުންނަ އިރު، ރޭގެ މެޗަށް އެޓީމު ނުކުތީ އާއްމުކޮށް ފުރަތަމަ 11ގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ނުލައެވެ. އެގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯއާއި އިސްކޯގެ އިތުރުން ރަފޭލް ވަރާނާއި ޓޯނީ ކުރޫސް އަދި ލޫކާ މޮޑރިޗްވެސް ސްކޮޑުގައި ހިމެނިފައެއް ނުވެއެވެ. އަދި ރެއާލްގެ ގޯލްވެސް ރޭގެ މެޗުގައި ބެލެހެއްޓީ ބަދަލު ކީޕަރު ކީކޯ ކަސީޔާއެވެ.

ރޭގެ މެޗުގެ 26 ވަނަ މިނެޓުގައި ލީޑު ނެގީ ސެވިއްޔާއިންނެވެ. ބެން ޔެދާގެ ގޯލުން ލީޑު ނަގައިގެން ކުޅެމުންދިޔަ ސެވިއްޔާއިން ހާފް ނިމެން ދަނިކޮށް އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކުރިއެވެ. އެޓީމުގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ މިގުއެލް ލަޔޫނެވެ.

މެޗުގެ 84 ވަނަ މިނެޓުގައި ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އަތުން ބައިކޮޅަށް ގޯލެއް ވަދެ ނަތީޖާ 3-0އަށް ބަދަލުވެފައިވާ އިރު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބޯޔާ މޮޔަރަލް ވަނީ ރެއާލްއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އަދި މެޗު ނިމެން ދަނިކޮށް ރެއާލްގެ ދެވަނަ ގޯލް، ރާމޯސް ކާމިޔާބުކުރީ ލިބުނު ޕެނެލްޓީއަކުންނެވެ.

comment ކޮމެންޓް