މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލްގައި ތ. ތިމަރަފުއްޓާއި ށ. ފޯކައިދޫ މިރޭ ނުކުންނާއެވެ.
މިހާތަނަށް މިނިވަން ޗެމްޕިއަންޝިޕް ބޭއްވި ހަތަރު އަހަރުގެ ތެރެއިން ތިމަރަފުށި ފައިނަލަށް މި ދަތުރުކުރީ ދެވަނަ ފަހަރަށެވެ. މީގެ ކުރިން 2016 ވަނަ އަހަރު ތިމަރަފުށިން މިނިވަން ޗެމްޕިއަންޝިޕް ފައިނަލްގައި ވާދަކުރީ ބ. އޭދަފުއްޓާ ދެކޮޅަށެވެ. އެ ފައިނަލްގައި ތިމަރަފުށި ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ.
މިފަހަރު ތިމަރަފުށިން ފައިނަލާ ހަމައަށް އައީ ރަށުގެ ޒުވާން ޖީލަކާ އެކީގައެވެ. އެ ޓީމަށް ދިރުން ގެނެސްދެނީ ޓީމުގެ ބައެއް ކުޅުންތެރިންގެ ތަޖުރިބާއެވެ. ހާއްސަކޮށް ކުރިން ފުރަތަމަ ޑިވިޝަންގައި ކުޅެފައިތިބި ބައެއް ކުޅުންތެރިން ޓީމުގައި ތިބުމަކީ، މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށް ތިމަރަފުއްޓަށް މުހިއްމު "މާއްދާ"އެކެވެ.
އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ ޓީމުގެ ކެޕްޓަން އަބްދުލް ނާސިރެވެ. ނާސިރަކީ ކުރިން ފުރަތަމަ ޑިވިޝަންގައި ވިޔަންސާއާއެކު ވެސް ކުޅުނު ކުޅުންތެރިއެކެވެ. އޭނާއަކީ މިހާރު އަމިއްލަ ރަށު ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ.
"އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑު ޓީމުގައި ހުރުމަކީ ޓީމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް. އަޅުގަނޑު ކުރިން ފުރަތަމަ ޑިވިޝަންގައި ވިޔަންސާއަށް ތިން އަހަރު ކުޅެފައިވާނެ. އެހެންވީމަ އަޅުގަނޑު ދެކެނީ ޒުވާން ކުޅުންތެރިންނަށް ނަމޫނާއެއް ކަމަށް، އަޅުގަނޑު ޓީމުގައި ހުރުމަކީ،" މިރޭގެ މެޗާ ގުޅޭގޮތުން ކެޕްޓަން ނާސިރު ބުންޏެވެ.
ނާސިރު ބުނީ 2016 ވަނަ އަހަރުގެ ފައިނަލަށް ނުކުތް ޓީމަށްވުރެ މިހާރުގެ ޓީމުގައި ހުނަރުވެރި ކުޅުންތެރިން ގިނަ ކަމަށާއި އެނބުރި ރަށަށް ދާނީ ތަށި ނަގައިގެން ކަމަށެވެ.
"ކުރީ ފަހަރު ފައިނަލަށް އައި ތިން ކުޅުންތެރިން މިހާރު ޓީމުގައި ތިބޭނީ. ކުރިން އަހަރު ފައިނަލްގައި ކުޅުނު ކުޅުންތެރިންނަށްވުރެ އުފެދުމުގައި ހުނަރު ހުރި ކުދިން މިހާރު ޓީމުގައި ތިބީ. އިރާދަކުރެއްވިއްޔާ މިފަހަރު ތަށި ނަގައިގެން ރަށަށް ދާނީ،" ނާސިރު ބުންޏެވެ.
ޓީމުގައި ކުރިން ފުރަތަމަ ޑިވިޝަނަށް ކުޅެފައި ތިބި ކުޅުންތެރިން ތިބި އިރު، ނާސިރު ބުނީ މިހާރު ޓީމު އެކުވުމުގައި އެ ކުޅުންތެރިންގެ ތަޖުރިބާ މުހިއްމު ކަމަށެވެ.
"ހަތަރު ކުޅުންތެރިން އެބަތިބި ފުރަތަމަ ޑިވިޝަނަށް ކުޅެފައި ތިބި. އެ ކުޅުންތެރިންގެ އެހީގައި ޓީމު ވަރަށް ބޮޑަށް އެކަތިގަނޑަކަށްވެފައި މިއޮތީ. 2016 ވަނަ އަހަރާ ވަރަށް ތަފާތު، ޓީމުގެ ކުޅުންތެރިންނާ، މެނޭޖުމަންޓާ، ރަށުގެ އަދި އަތޮޅުގެ ރައްޔިތުންނާއެކު ފައިނަލް މެޗުގައި ތަށި ނަގަން ތައްޔާރުވެފައި މިއޮތީ،" ނާސިރު ބުންޏެވެ.
މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލްގައި ތިމަރަފުއްޓާއި ފޯކައިދޫ ވާދަކުރާ މެޗު އޮންނާނީ މިރޭ 9:00ގައި ގަލޮޅު ދަނޑުގައެވެ.