އަންހެން ޑިވިޝަންގެ ސެމީގެ ފުރަތަމަ ޖާގަތައް ޓީމް ފްރެންޑްސްއާއި އުރީދޫއަށް

ޔޫތު ސިޓީ ފުޓްސަލް ކަޕްގެ ކުއާޓާގައި ޓީމް ފްރެންޑްސްއާއި ޒެނިތު ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ޓީމް ފްރެންޑްސްގެ ސަފިއްޔާ ރަފާ(ކ) ---

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ޔޫތު ސިޓީ ފުޓްސަލް ކަޕްގެ އަންހެން ޑިވިޝަންގެ ސެމީ ފައިނަލުގެ ފުރަތަމަ ޖާގަތައް ޓީމް ފްރެންޑްސްއާއި އުރީދޫ ޓީމުން ހޯދައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ކުރިއަށްގެންދާ އެ މުބާރާތުގެ އަންހެން ޑިވިޝަންގެ ސެމީގެ ފުރަތަމަ ޖާގަތައް ޓީމް ފްރެންޑްސްއާއި އުރީދޫން ކަށަވަރުކުރީ ރޭ ކުޅުނު ކުއާޓާ ފައިނަލުގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ.

ކުއާޓާގައި ރޭ ގްރޫޕް އޭގެ އެއްވަނަ ހޯދި ޒެނިތުގެ މައްޗަށް ގްރޫޕް ސީގެ ދެވަނަ ހޯދި ޓީމް ފްރެންޑްސްއިން ކުރި ހޯދީ 4-3ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރިހަމަ ވަގުތުގެ ތެރޭގައި ދެ ޓީމުން ވެސް ވަނީ ލަނޑެއް ކާމިޔާބުކޮށްފަ އެވެ. ޒެނިތަށް ޝަހުލާ ތައުފީގު ލީޑު ހޯދައިދިން ނަމަވެސް، ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ސަފިއްޔާ ރަފާ ވަނީ ޓީމް ފްރެންޑްސްއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ޓީމް ފްރެންޑްސްގެ ތިން ޕެނަލްޓީ ކާމިޔާބުކޮށްދިނީ ސަފިއްޔާ ރަފާއާއި އަޒީނާ އަބްދުލް މަތީން އަދި އައިޝަތު މާޝާއެވެ. ޒެނިތުގެ ދެ ޕެނަލްޓީ، އެޓީމަށް ކާމިޔާބުކޮށްދިނީ ޝަހުލާ ތައުފީގާއި އައިޝަތު ސަމާއެވެ. ޒެނިތުގެ މަރިޔަމް މިރުފަތާއި ހައްވާ ހަނީފާގެ ޕެނަލްޓީ ނާކާމިޔާބުވި އިރު، ޓީމް ފްރެންޑްސްއަށް ނާކާމިޔާބުވީ ހަމައެކަނި ހައްވާ ޝަމާ އަހްމަދު ފޮނުވާލި ޕެނަލްޓީއެވެ.

ކުއާޓާގައި ރޭ ގްރޫޕް ޑީގެ ދެވަނަ ހޯދި ޓީމް ފިސާރި އެފްސީ އަތުން ގްރޫޕް ބީގެ އެއްވަނަ ހޯދި އުރީދޫ މޮޅުވީ 8-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އުރީދޫން ޖެހި އަށް ލަނޑުގެ ތެރެއިން މަރިޔަމް ޒުހުދާއާއި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަރުޝީ މުހައްމަދު، އެއިން ކޮންމެ ކުޅުންތެރިޔަކު ތިން ލަނޑު ކާމިޔާބުކޮށްދިނެވެ. އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އައިޝަތި އީމާން ޒައީމާއި މަރިޔަމް ޝަފާ ޝަފީގެވެ.

އަންހެން ޑިވިޝަންގެ ކުއާޓާގެ ފަހު ދެ މެޗު މިރޭ ކުޅުމަށް ހަމަޖެހިފައިވެ އެވެ. ކުއާޓާގައި ގްރޫޕް ސީގެ އެއް ވަނަ ހޯދި ވިމެންސް ފުޓްބޯލް ކްލަބާ ދެކޮޅަށް ގްރޫޕް އޭގެ ދެވަނަ ހޯދި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) ނުކުންނަ އިރު، ގްރޫޕް ޑީގެ އެއްވަނަ ހޯދި ކަނބަލުންނާ ދެކޮޅަށް ގްރޫޕް ބީގެ ދެވަނަ ހޯދި ލޭޑީ ލަކް ނުކުންނާނެ އެވެ. އެ ދެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ 8:00 ގައެވެ.

ޖުމްލަ 136 ޓީމާ އެކު މުބާރާތް ކުރިއަށްދާ އިރު، ފިރިހެން 120 ޓީމު، އަންހެން 16 ޓީމު މުބާރާތުގައި ވާދަކުރާނެ އެވެ. މުބާރާތުގެ ފިރިހެން ޑިވިޝަން މެޗުތައް ނޮކްއައުޓް އުސޫލުން ކުރިއަށްދާ އިރު، އަންހެން ޑިވިޝަންގައި ފުރަތަމަ ކުރިއަށްދިޔައީ ގްރޫޕް ސްޓޭޖެވެ.

މި އަހަރުގެ މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަންގައި ވެސް ފައިސާގެ އިނާމުތައް އެއްވަރެވެ. މިއަހަރު ޗެމްޕިއަން ޓީމަށް 100,000 ރުފިޔާ، ރަނަރަޕް ޓީމަށް 50,000 ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 25,000 ރުފިޔާ ހުށަހަޅާފައިވެ އެވެ. ފިރިހެން އަދި އަންހެން ޑިވިޝަންގައި އެ އަދަދު ހުށަހެޅުމުން، މިއަހަރު ފައިސާގެ އިނާމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 350,000 ރުފިޔާ އެވެ.

comment ކޮމެންޓް