ދިރާގާ ގުޅިގެން ބައިކް މޯލްޑިވްސް އިން "ބައިކް ޓު ވޯކް ޑޭ" ފާހަގަ ކޮށްފިއެވެ.
މިއަދު ދިރާގު ހެޑް އޮފީހުގައި ވަނީ އެކަމަށްޓަކާ ކުޑަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި ދިރާގުގެ ވެރިންނާއި ބައިކް މޯލްދިވްސް ޖަމްއިއްޔާގެ މެންބަރުން ބައިވެރިވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބައިކް މޯލްޑިވްސްގެ ފައުންޑަރު އަހުމަދު ހަސަން ދީދީ ވިދާޅުވީ ބައިނަލް އަގުވާމީ ބައިސްކަލް ދުއްވުމުގެ ދުވަސް ދިރާގާއެކު ފާހަގަ ކުރަން ނިންމީ އެ ކުންފުންޏަކީ ތިމާވެއްޓާ ރައްޓެހި ގޮތްތައް ޕްރޮމޯޓު ކުރުމަށް މަސައްކަތް ކުރާ ކުންފުންޏަކަށް ވާތީ ކަމަށެވެ.
ބައިކް މޯލްޑިވްސްގެ މައިގަނޑު ތިން އަމާޒަކީ ތިމާވެށި ރައްކާތެރިކޮށްް އިންޖީނު ލީ އުޅަނދުތައް މަދުކޮށް ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓު ކުރުން ކަމަށް އަހުމަދު ހަސަން ދީދީ ވިދާޅުވިއެވެ.
"ބައިސްކަލުގެ އާދަ އަށަގެންނެވުމަކީ އިންޖީނުލީ އެއްޗެހިން ތިމާވެއްޓަށް މިކުރާ ނޭދެވޭ އަސަރު މަދުކުރުމާއި އޭގެން އެ ބޭރުކުރާ ގޭސްތައް މަދުކުރުމާއި މީހުން ހޭލުންތެރި ކުރުމާއެކު މަގުތަކަކީ އަމާންތަނަކަށް ހެދުން،"
ބައިކް މޯލްޑިވްސްގެ ހަރަކާތްތަކަށް ދިރާގުން ދޭ އެއްބާރުލުން އޭނާ ފާހަގަ ކުރެއްވިއެވެ. އެގޮތުން ބައިކް މޯލްޑިވްސް އިން އިންތިޒާމު ކުރި ފުރަތަމަ އިންޓަ ސްކޫލު ބައިކް ޓޯނަމެންޓުގެ މެއިން ސްޕޮންސަރަކީ ދިރާގު ކަމަށް އަހުމަދު ހަސަން ދީދީ ވިދާޅުވިއެވެ.
ދިރާގުގެ ސީއެސްއާރުގެ ދަށުން އެކުންފުނީގެ މުވައްޒަފުން މިހާރު ކޮންމެ ބުރާސްފަތި ދުވަހަކު އޮފީހަށް ދަނީ ބައިސްކަލުގައެވެ.
ދިރާގުން ވަނީ ބައިކް މޯލްޑިވްސް އިން ތިމާވެށި ރައްކާތެރިކޮށް ދުޅަހެޔޮ ސިއްހަތު ޕްރޮމޯޓު ކުރަން ކުރާ މަސައްކަތް ފާހަގަކޮށް އެ ޖަމްއިއްޔާ އަށް ހަނދާނީ ފިލައެއް ދީފައެވެ.
ދިރާގިގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިސްމާއިލް މުހައްމަދު ވިދާޅުވީ ބައިކް މޯލްޑިވްސގެ ކުރު ހަޔާރުގައި ކާމިޔާބީތައް ހޯދައިފި ކަމަށެވެ.
"ބައިސްކަލް ދުއްވުން ޓްރެންޑަކަށް ހަދައިފި. މިއީ ތިމާވެއްޓަށް ފައިދާހުރި، ރާއްޖެ ކަހަލަ އެކަށީގެންވާކަމެއް،" އިސްމާއިލް ވިދާޅުވިއެވެ.
ބައިކް މޯލްޑިވްސް އިން އަންނަނީ ރާއޖްޭގައި ފާހަގަ ކުރާ އެކި މުނާސަބަތުތަކާ ގުޅިގެން އެ ޖަމްއިއްޔާގެ ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން މި ހަފްތާގެ ހޮނިހިރު ދުވަހު ތެލެސީމިއާ ސޮސައިޓީ އާ ގުޅިގެން މާލޭގައި ތެލެސީމިއާ ދުވަސް ފަހަގަ ކުރުމަށް ބައިސްކަލް ބުރެއް ބާއްވަން ވަނީ ނިންމައިފައެވެ.