އައިލެންޑާސް އެޑިއުކޭޝަނުން ހިންގަމުން އަންނަ ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލް ޑްރީމް ކެމްޕަސްގެ ބައެއް ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކޮށް، މަހު ފީ އެއްގެ ގޮތުގައި 5950 ރުފިޔާ ނަގަން އެ ސްކޫލުގެ ބެލެނިވެރިންގެ ހިޔާލު ހޯދަން ފަށައިފިއެވެ.
ބިލަބޮންގ ޑްރީމް ކެމްޕަސް ފިންލޭންޑް ސްކޫލަކަށް ބަދަލުކުރުމަކީ، ފިންލޭންޑުގެ ތައުލީމު ފުޅާކުރުމަށް މަސައްކަތްކުރާ އެޑިއުކުލަސްޓާ ފިންލޭންޑާއި އައިލެންޑާސް އެޑިއުކޭޝަންގެ ދަށުން ހިންގާ އެޑިއުކަނެކްޓްއިން ރާއްޖޭގައި ގާއިމްކުރަން ނިންމާފައިވާ ފިންލޭންޑުގެ ދެ ސްކޫލުގެ ތެރެއިން މާލޭގައި ހިންގާނެ ސްކޫލެވެ.
އެ ސްކޫލް އަންނަ އަހަރުގެ ތެރޭގައި ހުޅުވަން ނިންމާފައިވާއިރު، ދެ ވަނަ ސްކޫލް ގާއިމްކޮށް ހުޅުވާނީ 2020 ވަނަ އަހަރު ހުޅުމާލޭގައެވެ. ރާއްޖޭގައި ހުޅުވާ އެ ދެ ސްކޫލް ވެގެންދާނީ އޭޝިއާ ސަރަހައްދުގައި ހުޅުވާ ފިންލޭންޑުގެ ފުރަތަމަ އިންޓަނޭޝަނަަލް ސްކޫލަށެވެ.
ބިލަބޮންގ ޑްރީމް ކެމްޕަސްގެ ޕްރައިމަރީ ގްރޭޑް 5-1ގެ ކުލާސްތައް ފިންލޭންޑް ސްކޫލަކަށް ބަދަލުކުރުމާއި އެކަމުގެ ފީގެ މައުލޫމާތު ހާމަކޮށްފައި މިވަނީ، އެ ސްކޫލުގެ ބެލެނިވެރިންނަށް އަމާޒު ކޮށްގެން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުންތަކެއްގައެވެ.
ބައްދަލުވުމުގައި އެޑިއުކަނެކްޓުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަދްލީ ރަޝީދު ވިދާޅުވީ، ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ކުރީގައި އުޅޭ ފިންލޭންޑް ފަދަ ގައުމެއްގެ ތައުލީމީ ނިޒާމެއް ރާއްޖެއަށް ތަރާއަފްކުރުމަކީ ބޮޑު ހަރަދެއް ކަމަށެވެ.
ނަމަވެސް ރާއްޖޭގައި ހުޅުވޭ ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ފަރާތުން ނެގުމަށް ހުށަހަޅާފައިވާ ފީއަކީ ދުނިޔޭގެ އެހެނިހެން ކަންކޮޅުތަކުގައި އެޑިޔުކުލަސްޓާއިން ހިންގާ ފިންލޭންޑު ސްކޫލްތަކުގެ ފީގެ ނިސްބަތުން ވަރަށް ކުޑަ ފީއެއް ކަމަށް އަދްލީ ފާހަގަކުރެއްވި އެވެ.
އެގޮތުން މިހާރު ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައި ގްރޭޑް 4-1 އަކަށް ނަގަމުން އަންނަ ފީ އަކީ 3750 ރުފިޔާ އެވެ. އަދި ގްރޭޑް 5ގައި ނަގަނީ ކޮންމެ ދަރިވަރެއްގެ އަތުން މަހަކު 4550 ރުފިޔާއެވެ.
އަލަށް ހުޅުވޭ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލުގެ ފީގެ ގޮތުގައި ނެގުމަށް ހުށަހަޅައިފައިވަނީ މަހަކު 5950 ރުފިޔާއެވެ. އެއީ ކުރިން ނަގަމުންދިޔަ ފީއާ އަޅާބަލާއިރު ގާތްގަނޑަކަށް 1400 އާއި 2200 ރުފިޔާގެ އިތުރު ވުމެކެވެ.
އެޑިއުކަނެކްޓުން ބުނާ ގޮތުން މިއީ، ގަތަރާއި އޮމާންގައި އެޑިއުކްލަސްޓާއިން ހިންގަމުން އަންނަ ފިންލަންޑު އިންޓަނޭޝަނަލް ސްކޫލުތަކާއި އަޅާބަލާއިރު 50 ޕަސެންޓް އަށްވުރެ ވެސް ކުޑަ ފީއެކެވެ.
އަދްލީ ވިދާޅުވީ، މިހާރު ބެލެނިވެރިން ދައްކަމުން އަންނަ ފީއާ އަޅާބަލާއިރު ފިންލޭންޑު ސްކޫލުގެ ފީ ނިސްބަތުން ބޮޑުވިކަމުގައި ވިޔަސް، ބަދަލުގައި އެ ސްކޫލުން ދަރިވަރުންގެ އުނގެނުމަށް ލިބޭ ފައިދާތައް އަގު ނުކުރެވޭހާ ބޮޑު ކަމަށެވެ.
އެއީ ދުނިޔޭގައި މިވަގުތު އެންމެ ކުރީގައިވާ ތައުލީމީ ނިޒާމު ރާއްޖޭގައި ހުރެގެން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ލިބިގެންދާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ވިދާޅުވީ، ރާއްޖޭގައި ފިންލޭންޑް ސްކޫލެއް ގާއިމްކުރަން ނިންމުމަކީ ހަމައެކަނި އެޑިޔުކަނެކްޓްގެ ނިންމުމެއް ނޫން ކަމަށެވެ. ފިންލޭންޑް ސްކޫލަކަށް ބަދަލުކުރާ ބިލަބޮންގ ޑްރީމް ކެމްޕަސްގެ ފީއެއް ކަނޑައެޅި ނަމަވެސް އެ އިހްތިޔާރު މިވަގުތު އޮތީ ބެލެނިވެރިންގެ އަތްމަތީގައި ކަމަށް އަދްލީ ވިދާޅުވިއެވެ.
އެގޮތުން ޑްރީމް ކެމްޕަސްގެ ބެލެނިވެރިންނަށް އަންނަ ހުކުރު ދުވަހުން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފިންލޭންޑު ސްކޫލަށް ޕްރީ ރެޖިސްޓާކުރުމުގެ ފުރުސަތު ހުޅުވާލާނެއެވެ.
އަދި ބިލަބޮންގ ޑްރީމް ކެމްޕަސް ފިންލޭންޑް ސްކޫލަކަށް ބަދަލުކުރާނީ ޕްރީ ރެޖިސްޓްރޭޝަނަށް ބެލެނިވެރިންގެ ފަރާތުން ލިބޭ ތަރުހީބަށް ބެލުމަށްފަހު ކަމަށް އެޑިއުކަނެކްޓުން ބުނެއެވެ.