އެޗްޑީއެފްސީއިން 10،000 ބޮންޑު ވިއްކަން އިއުލާނުކޮށްފި

އެޗްޑީއެފްސީގެ ދެވަނަ ކޮންވެންޝަނަލް ބޮންޑުގެ ޕްރޮސްޕެކްޓަސް އިފްތިތަހުކުރުން -- ފޮޓޯ/ އެޗްޑީއެފްސީ

ހައުސިންގް ޑިވެލޮޕްމެންޓް އެންޑް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އިން ފިކްސްޑް އިންކަމް ބޮންޑު ވިއްކަން ނިންމައި، އެ ބޮންޑުގެ ޕްރޮސްޕެކްޓަސް އާންމުކޮށްފި އެވެ.

އެޗްޑީއެފްސީ އިން ވިއްކާ މި ބޮންޑަކީ ކޮންވެންޝަނަލް އުސޫލުން އެކުންފުނިން ބޮންޑު ވިއްކާ ދެވަނަ ފަހަރެވެ.

އެޗްޑީއެފްސީގެ ޕްރޮސްޕެކްޓަސްގައި ވާގޮތުން، އެކުންފުނިން ވިއްކަނީ 10،000 ރުފިޔާއަށް ބޮންޑެއްގެ މަގުން، 10،000 ބޮންޑެވެ. އެކުންފުނިން އަމާޒުކުރަނީ ބޮންޑު ވިއްކައިގެން 100 މިލިޔަން ރުފިޔާ ހޯދުމަށެވެ.

މޯގޭޖު ހައުސިންގް ފައިނޭންސިންގް މަޝްރޫއުތަކަށް ފަންޑުކުރުމުގެ ގޮތުން ފައިސާ ހޯދުމަށް ވިއްކާ މި ބޮންޑުތަކުގެ މުއްދަތަކީ 10 އަހަރު ދުވަހެވެ. އަދި ބޮންޑުގެ ކޫޕަން ރޭޓަކީ އަހަރަކަށް ހަތް ޕަސަންޓެވެ. އަދި ބޮންޑު ގަތް ފަރާތަކަށް އެ ފައިސާ، ކޮންމެ ހަ މަހަކުން އެއްފަހަރު ބަހުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހު ޕްރޮސްޕެކްޓަސް އިއުލާނުކުރި އިރު، ބޮންޑު ސަބްސްކްރިޕްޝަން ފަށާނީ ޖޫން މަހުގެ ތިން ވަނަ ދުވަހު އެވެ. އަދި ސަބްސްކްރިޕްޝަން ބަންދު ވާނީ ޖޫން 24 ވަނަ ދުވަހު އެވެ.

ބޮންޑު ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް ވެސް ސަބްސްކްރައިބް ކުރެވޭނެ އެވެ.

https://sun.mv/91851

އެޗުޑީއެފްސީ އިން މިދިޔަ އަހަރު ވަނީ އިސްލާމީ އުސޫލުން ވެސް ބޮންޑު (ސުކޫކު) ވިއްކައިފަ އެވެ.

އެ ސުކޫކު ވިއްކީ 1،000 ރުފިޔާ އަށެވެ. އަދި ސުކޫކު 10 އަހަރު ދުވަހަށް ދެމިގެންދާ އިރު، ސުކޫކުން ލިބޭ ފައިދާގެ 65 ޕަސަންޓް އިންވެސްޓަރަށް ލިބެ އެވެ. ފައިދާ ބަހަނީ ކޮންމެ ހަ މަހަކުން އެއްފަހަރު އެވެ.

comment ކޮމެންޓް