އިސްލާމިކް ސޮވެރިން ބޮންޑް ނުވަތަ ސުކޫކް ގަތުމަށް ހައުސިންގް ޑިވެލޮޕްމެންޓް އެންޑް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އިން ދެވަނަ ފަހަރަށް ފުރުސަތު ހުޅުވާލައިފި އެވެ.
ސުކޫކަކީ ބޮންޑު ވިއްކާ އުސޫލަށް ވިއްކާ ފައިނޭންޝަލް ޕްރޮޑަކްޓެކެވެ. އެޗްޑީއެފްސީއަކީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ފައިނޭންސް ދޫކުރާ ކުންފުންޏަކަށް ވާ އިރު، އެ ކުންފުނިން ސުކޫކު ވިއްކުމުގެ މަގުސަދަކީ އެޗްޑީއެފްސީ އަމްނާގެ ދަށުން ހިންގޭ ހައުސިންގް ފައިނޭންސް މަސައްކަތްތަކައް ފައިސާ ހޯދުމެވެ.
އެޗްޑީއެފްސީން އެންމެ ފުރަތަމަ މުޟާރަބާ ސުކޫކު ވިއްކީ 2013 ވަނަ އަހަރު އެވެ.
އެމްއެމްއޭ އިން ދަރުބާރުގޭގައި ބާއްވަމުންދާ ފައިނޭންޝަލް އެކްސްޕޯގައި މިއަދު ވަނީ، އެޗްޑީއެފްސީ މުޟާރަބާ ސުކޫކު ދެވަނަ ފަހަރަށް ވިއްކުމަށް ޓަކައި އޭގެ ޕްރޮސްޕެކްޓަސް އިއުލާންކޮށްފަ އެވެ.

ސުކޫކް ގަތުމަށް ހައުސިންގް ޑިވެލޮޕްމެންޓް އެންޑް ފައިނޭންސް ކޯޕަރޭޝަނުން ދެވަނަ ފަހަރަށް ފުރުސަތު ހުޅުވާލުން -- ސަން ފޮޓޯ: މާހިލް މުހައްމަދު
ޕްރޮސްޕެކްޓަސް ފޮތް ނެރެދެއްވީ އެޗްޑީއެފްސީގެ މެނޭޖިންގް ޑިރެކްޓަރު ރަހީމާ ސަލީމެވެ.
މި ޕްރޮސްޕެކްޓަސްގައިވާ ގޮތުން އެޗްޑީއެފްސީން މިފަހަރުގެ ސުކޫކު ވިއްކާނީ 1،000 ރުފިޔާއަށެވެ. އެއްލައްކަ ފަންސާސް ހާސް ސުކޫކު ވިއްކައިގެން 150 މިލިޔަން ރުފިޔާގެ ކެޕިޓަލް ހޯދުމަށް އެޗްޑީއެފްސީ އިން ވަނީ ޕްލޭންކޮށްފަ އެވެ.
ދިހަ އަހަރަށް ދެމިގެންދާ މި ސުކޫކުން ލިބޭ ފައިދާގެ 65 ޕަސަންޓު، ސުކޫކު ގަންނަ ފަރާތަކަށް ލިބޭ އިރު، ފައިދާ ބަހާނީ ކޮންމެ ހަ މަހަކުން އެއްފަހަރު ކަމަށް ވެސް އެޗުޑީސީ އިން ބުންޏެވެ.
ސުކޫކު ވިއްކަން ފަށާނީ އަންނަ އޯގަސްޓް މަހުގެ ހަވަނަ ދުވަހު އެވެ. ވިއްކުމުގެ މުއްދަތު ނިމޭނީ 7 ސެޕްޓެމްބަރު 2017ގަ އެވެ.