ދިހަ އަހަރު މެދު ނުކެނޑި ޕްރިމިއާ ލީގުގައި ކުޅުމަށްފަހު ސްޓޯކް ސިޓީ ރެލިގޭޓް ވެއްޖެއެވެ.
ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ސްޓޯކް ސިޓީން ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 2-1ގެ ނަތީޖާއަކުން ބަލިވުމާއެކު އެޓީމު ވެފައިވަނީ މި ސީޒަންގައި ރެލިގޭޓްވި ފުރަތަމަ ޓީމަށެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ސްޓޯކުން ލީޑު ނެގީ ޒެންޑަން ޝަކީރީގެ ރީތި ހިލޭ ޖެހުމަކުންނެވެ. އެހެން ނަމަވެސް ދެވަނަ ހާފްގައި ޖޭމްސް މެކާތާއާއި ޕެޓްރިކް ވޭން އަންހޯލްޓް ޖެހި ގޯލުން ކްރިސްޓަލް ޕެލެސް ވަނީ ފަހަތުން އަރައި ލީޑު ނަގައިފައެވެ.
ލީގުގައި މިހާތަނަށް ކުޅުނު 37 މެޗުން 30 ޕޮއިންޓް ލިބުނު ސްޓޯކް އޮތީ ތާވަލުގެ ފުލުގައެވެ. ބާކީ އެއް މެޗު ލީގުގައި އޮތް އިރު، ސްޓޯކަށް ރެލިގޭޝަނުން ސަލާމަތްވުމުގެ ފުރުސަތެއް ނެތެވެ.
މިދިޔަ ސީޒަންގައި ޕްރިމިއާ ލީގުގެ 13 ވަނައިގައި ނިންމާލި ސްޓޯކަށް މި ސީޒަން ވެފައިވަނީ އުނދަގޫ ސީޒަނަކަށެވެ. ރަނގަޅު ޓްރާންސްފާ ތަކަކާއެކު ސީޒަނަށް ނުކުތް ނަމަވެސް ޓީމުގައި އުމުރުގެ ގޮތުން ދޮށީ ގިނަ ކުޅުންތެރިންތަކެއް ތިބުން ވެގެންދިޔައީ ކޯޗު ރިކީ ލަމްބާޓަށްވެސް ކުރިމަތިވި ޗެލެންޖަކަށެވެ.
ސްޓޯކުން އެންމެފަހުން ކުޅުނު 13 މެޗުން އެޓީމަށް ލިބުނީ ހަތް ޕޮއިންޓެވެ. އަދި ގިނަ މެޗުތަކެއްގައި ސްޓޯކް ކައިރިން ފަހަތުން އަރައި ޓީމުތައް މޮޅުވެފައިވެއެވެ.
މިވަގުތު ސްޓޯކާއެކު ރެލިގޭޝަންގައި ދެން އޮތް ޓީމުތަކަކީ ވެސްޓް ބްރޮމްއާއި ސްވަންސީއެވެ. ސްޓޯކުން ދެން އޮތް މެޗުގައި ސްވަންސީއާ ދެކޮޅަށް ނުކުންނަ އިރު، ވެސްޓް ބްރޮމް ނުކުންނާނީ ކްރިސްޓަލް ޕެލެސްއާ ދެކޮޅަށެވެ. ވެސްޓް ބްރޮމްއިން ރޭ ޓޮޓެންހަމް ބަލިކުރުމާއެކު އެޓީމަށް އަދިވެސް އުންމީދު އެބައޮތެވެ. ސްވަންސީއަށްވެސް ސަލާމަތްވުމުގެ ފުރުސަތު އެބައޮތެވެ.