400 މީޓަރު ދުވުމުގެ ފައިނަލަށް ނާއިލް ދަތުރުކޮށްފި

ނާއިލް މިއަދު ރޭހުގައި ވާދަކުރަނީ ---

ސްރީލަންކާގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް މުބާރާތުގެ 400 މީޓަރު ދުވުމުގެ ފައިނަލް ބުރަށް ރާއްޖޭގެ ޒުވާން ދުވުންތެރިޔާ މުހައްމަދު ނާއިލް ދަތުރުކޮށްފި އެވެ.

ނާއިލް ފައިނަލް ބުރުން ޖާގަ ހޯދީ އޭނާ ދުވި ކޮލިފިކޭޝަން ހީޓް ދޭއްގެ ދެވަނަ ހޯދައިގެންނެވެ.

ހީޓްގެ އެއްވަނައަށް ސްރީލަންކާގެ އަރޫނާ ދަރްޝަނާ ދިޔަ އިރު، އޭނާ ރޭސް ނިންމީ 48.21 ސިކުންތުންނެވެ. ނާއިލް ދެވަނައިން ރޭސް ނިންމީ 49.62 ސިކުންތުންނެވެ.

ނާއިލްއަކީ މިހާރު ރާއްޖޭގައި ހުރި އެންމެ އުންމީދީ އެއް އެތުލީޓެވެ. އޮލިމްޕިކް ކޮމިޓީގެ ސްކޯލާޝިޕްގެ ދަށުން ބޮސްޓޯވާގައި ތަމްރީން ހާސިލްކުރަމުންދާ ނާއިލްއަކީ ގައުމީ ޖޫނިއާ ގިނަ ރެކޯޑުތަކެއް ވެސް އޮންނަ އެތުލީޓެކެވެ.

އެގޮތުން ނާއިލް ވަނީ މި އަހަރު ލަންޑަންގައި ބޭއްވި އައިއޭއޭއެފް ވޯލްޑް އިންޑޯ ޗެމްޕިއަންޝިޕްގައި 400 މީޓަރު ދުވުމުގެ ރެކޯޑު މުގުރާލައިފަ އެވެ. އަދި އޭނާ ވަނީ ގައުމީ ޖޫނިއާ 400 މީޓަރުގެ ރެކޯޑު ތިން ފަހަރެއްގެ މަތިން އާކޮށްފަ އެވެ.

އެ ރެކޯޑު ކުރިން ވެސް އޮންނަ ނާއިލް ވަނީ 2016 ވަނަ އަހަރު ބޮޓްސްވާނާ ނޭޝަނަލް ޗެމްޕިއަންޝިޕްގައި އޭނާގެ ރެކޯޑު އައުކޮށްފަ އެވެ. ނާއިލް އެންމެ ފަހުން ރެކޯޑު އައުކުރީ މި އަހަރު ބޮޓްސްވާނާގެ ފްރެންސިސް ޓައުންގައި ކުރިއަށްދާ ބޮޓްސްވާނާ އެތުލެޓިކްސް އެސޯސިއޭޝަން ސީރީސްގަ އެވެ.

ލަންކާގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަށް އެތުލީޓަކު ވާދަކުރާނެ އެވެ.

ނާއިލްގެ އިތުރުން އަހުމަދު އަލީވެސް ވަނީ 400 މީޓަރު ހީޓް އެކެއްގައި ވާދަކޮށްފަ އެވެ. އޭނާ ފައިނަލް ބުރަށް ކޮލިފައިވެފައެއް ނުވެ އެވެ. ރާއްޖޭގެ ވިޝާން އަބްރާހީމް ވެސް މިއަދު ވަނީ 100 މީޓަރު ދުވުގެ ހީޓް ދޭއްގައި ވާދަކޮށްފަ އެވެ. އޭނާ ވެސް ފައިނަލް ބުރަށް ގޮސްފައެއް ނުވެ އެވެ.

ނާއިލް ވާދަކުރާ 400 މީޓަރު ފައިނަލް ބުރު މިއަދު އޮންނާނެ އެވެ.

comment ކޮމެންޓް