މާމެންދޫގައި ރޭޕްކުރި އަންހެންމީހާ ނަފްސާނީ ބިރުވެރިކަމެއްގައި، މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ގއ. މާމެންދޫ --- ފައިލް ފޮޓޯ

ގއ. މާމެންދޫގައި ރޭ އަންހެނަކު މަގުމަތިން ހުއްޓުވައި، ރޭޕްކުރި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ރޭ 23:30 އެހާކަންހާއިރު މާމެންދޫ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަމުންދާ ކަމަށެވެ.

އަދި އެ މައްސަލާގައި ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން މީހަކު ވެސް ހައްޔަރު ކޮށްފައިވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ. ނަމަވެސް އިތުރު ތަފްސީލެއް އަދި ނުދެއްވައެވެ.

https://sun.mv/105088

އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް، މާމެންދޫ ކައުންސިލުންނާއި އަންހެން މީހާގެ އާއިލާގެ ފަރާތުން ވެސް ބުނާގޮތުން އެ ހާދިސާގައި އަނިޔާ ލިބުނު ކަމަށް ބުނާ އަންހެން މީހާ ވަނީ ރޭޕް ކޮށްފައެވެ.

މާމެންދޫ މީހަކާ އިނދެގެން އުޅޭ އައްޑޫ ސިޓީއަށް ނިސްބަތްވާ 18 އަހަރުގެ އަންހެން މީހާގެ ބޭބެއަކު މިއަދު ބުނީ، އޭނާގެ ކޮއްކޮ ރޭޕް ކޮށްފައިވަނީ ރޭ 9:00 ޖަހައިކަންހާއިރު ފިހާރަކުން ގެއަށްދިޔަ މަގުމަތީގައި ހުއްޓުވައި، ދަމާފައި ގެންގޮސް އަތިރިމަތީގައި ކަމަށެވެ.

އަދި ރޭޕްކުރީ ހަތަރު މީހުންގެ ގުރޫޕަކުން ކަމަށް ވެސް އަންހެން މީހާއާ ހަވާލާދީ އޭނާގެ ބޭބެ ބުނެއެވެ.

އާއިލާއިން ބުނީ، އަންހެން މީހާއާ ބަޔަކު ބެހިފައިވާކަމަށް އެރަށު ސިއްހީ މަރުކަޒުން ވެސް ޔަގީން ކޮށްދޭ ކަމަށާއި އޭނާއަށް މިހާރު ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވެސް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.

"ހަށިގަނޑުގެ ބައެއްތަންތަނުގައި ވިކާފައި ރަތް އަރާފައި އެބަހުރި. އެއަށްވުރެ ބޮޑަށް ނަފްސާނީ ގޮތުން ބިރުގަނެފައި އެކުއްޖާ ހުރީ. ކޮންމެ މީހަކު ވެސް ފެނިފައި ތުރުތުރާ އަޅާ. ހާދިސާއަށްފަހު އަދި ކޮޓަރިން ބޭރަކަށް ނުނިކުމޭ،" އަންހެން މީހާގެ ބޭބެ ކިޔައިދިނެވެ.

comment ކޮމެންޓް