ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދުމަށް އިސްރާއީލުން ކުރި ހުރިހާ މަސައްކަތްތަކެއް ނާމިޔާބުވެއްޖެ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންހާޔޫ

ނިއުޔޯކް (މޭ 5): އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދުމަށް އިސްރާއީލުން ކުރި ހުރިހާ މަސައްކަތްތަކެއް ނާކާމިބުވުމުން އެކަން ހުއްޓާލަން އެގައުމުން ނިންމައިފިއެވެ.

ނިޔޯކްގައި ހުންނަ އދއަށް ކަނޑައަޅާފައިވާ އިސްރާއީލުގެ ދާއިމީ މިޝަނުން ބުނީ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދުމަށް އިސްރާއީލުން ކުރި މަސައްކަތްތަކަށް ކުރިއެރުން ނުލިބުމުން އިސްރާއީލުގެ ރަހްމަތްތެރިންނާ މަޝްވަރާ ކުރުމަށްފަހު އެކަން ހުއްޓާލުމަށް އިސްރާއީލު ސަރުކާރުން ނިންމައިފި ކަމުގައެވެ. ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދުމަށް އިސްރާއީލުން ކުރި މަސައްކަތްތަކަށް ދުނިޔޭގެ ގައުމުތަކުގެ ތާއީދު ނުލިބުމަކީ ދެރަކަމެއް ކަމަށްވެސް ނިއުޔޯކްގައި ހުންނަ އިސްރާއީލުގެ ދާއިމީ މިޝަނުން ނެރުނު ބަޔާނެއް ބުނެއެވެ.

އިސްރާއީލަކީ އދގެ ގަރާރުތަކަށް ބޯނުލަނބާ އަދި ބައިނަލްއަގްވާމީ ނިޒާމަށްވެސް ނުކިޔަމަންތެރި ގައުމެއްކަން ދުނިޔޭގެ ގިނަ ގައުމުތަކުން ގަބޫލުކުރެއެވެ. މީގެއިތުރުން އިސްރާއީލުން ފަލަސްތީނުގެ ބިންތައް ގަދަބާރުން ހިފައި އެބިންތަކަށް ވެރިވެގަނެ އަދި އަވަށްޓެރި އަރަބި ގައުމުތަކަށް ބިރުދައްކައި އެގައުމުތަކަށް އުދުވާނީ ހަމަލާތައް ދެމުން ގެންދާތީ އިސްރާއީލަކީ އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ އިސްތިއުމާރީ ވިސްނުމުގެ ހަރުކަށި ގައުމެއްކަންވެސް ދުނިޔޭގެ ގިނަ ގައުމުތަކުން ގަބޫލުކުރެއެވެ. މިއާއެކު އިސްރާއީލު ވަނީ ބައިނަލްއަގްވާމީ ދުނިޔޭގައި ވަރަށް ބޮޑަށް އެކަހެރިވެފައެވެ.

ޔޫރަޕްގެ ގައުމުތައް ފިޔަވައި އެހެން ގައުމުތަކުން އިސްރާއީލާ ގުޅުންތައް ބާއްވަނީ އެމެރިކާގެ ބާރުއެޅުންތަކުގެ ސަބަބުންނާއި އެމެރިކާގެ ބާރާއި ނުފޫޒުގެ ސަބަބުންނެވެ. އިސްރާއީލާ ދެކޮޅަށް އދގެ އާންމު މަޖިލީހުގައި ވޯޓެއް ނަގާ ކޮންމެ ފަހަރަކު ދުނިޔޭގެ ތިން ބައިކުޅަ ހަތަރުބައި ގައުމުން އިސްރާއީލާ ދެކޮޅަށް ވޯޓު ދިނުމަކީ އިސްރާއީލާމެދު ދުނިޔޭގެ ގައުމުތައް ނުރުހޭ މިންވަރު ހާމަވެގެންދާ ކަމެކެވެ.

ސަލާމަތީ މަޖިލީހުގެ މެންބަރު ކަމަކީ އދގެ އާންމު މަޖިލީހުގެ ވޯޓަކުން ލިބޭ ކަމަކަށްވާތީ މިއީ އިސްރާއީލަށް ކުރެވޭނެ ކަމެއްނޫންކަމަށް ޚުދު އެގައުމުވެސް ގަބޫލުކުރެއެވެ. އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދުމަށް މީގެކުރިންވެސް އެތަށްފަހަރަކު އިސްރާއީލު މަސައްކަތްކޮށްފައި ވެއެވެ. ނަމަވެސް އެކަން އިސްރާއީލަށް އެއްވެސް ފަހަރަކު އިސްރާއީލަށް ކާމިޔާބުވެފައެއް ނުވެއެވެ.

އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންގެ ގޮތުގައި ތިބެނީ ދުނިޔޭގެ ބޮޑެތި ބާރުތަކެވެ. އެއީ އެމެރިކާ، ރަޝިއާ، ޗައިނާ، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތެވެ. މި ފަސް ގައުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފަށް ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ދެކޮޅަށް ވީޓޯ ކުރުމުގެ ބާރުތަކެއް އދގެ ޗާޓަރުގައި ދީފައިވާ ގައުމުތަކެކެވެ. މިއާއެކު އެ ފަސް ބާރުން ގެންދަނީ ވީޓޯގެ ބާރު ނަހަމަގޮތުގައި ބޭނުންކޮށް އޭގެ ސިޔާސީ ނާޖާއިޒު ފައިދާ ނަގަމުންނެވެ.

ސަލާމަތީ މަޖިލީހުގައި 15 ގޮނޑި ހުންނައިރު ބާކީ އަނެއް ދިހަ ގޮނޑިއަށް ގައުމުތައް ހޮވަނީ އދގެ އާންމު މަޖިލީހުގައި ވޯޓެއް ނަގައިގެންނެވެ. މި ދިހަ ގޮނޑިއަށް ގައުމުތަށް އިންތިޚާބު ކުރަނީ ދެއަހަރުގެ މުއްދަތަށެވެ. މިދިހަ ގޮނޑި ބަހާލާފައިވަނީ ސަރަހައްދުތަކާއި ބައްރުތަކުގެ މައްޗަށެވެ. މިގޮތުން އޭޝިއާ، އޭޝިއާ ޕެސިފިކް، ހުޅަނގު ޔޫރަޕު، އިރުމަތީ ޔޫރަޕު، އެފްރިކާ، ކެރީބިއަން އަދި ލެޓިން އެމެރިކާ ފަދަ ސަރަހައްދުތަކަށް ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން ދިހަ ގޮނޑި ބަހާލާފައި ވެއެވެ.

ސަލާމަތީ މަޖިލީހުގައި އޭޝިއާއަށް ޚާއްސަކޮށްފައިވާ ގޮނޑީތަކުގެ ތެރެއިން ގޮނޑިއެއް ހޯދުމަށް އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ވަނީ އެމެރިކާއާއި ޔޫރަޕްގެ އެހީގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް މިކަމަށްޓަކައި އދގެ އާންމު މަޖިލީހުގައި އިސްރާއީލަށް ވޯޓު ދޭނެކަމުގެ ޔަގީންކަން ދީފައި ވަނީ މަދުގައުމަކުންނެވެ.

އިސްރާއީލުން ވަނީ ފަލަސްތީނުގެ ބިންތަކުން ފޭބުމަށާއި ފަލަސްތީނުގެ ހައްގުތައް ދިނުމަށް ގޮވާލާ އދގެ ހުރިހާ ގަރާރުތަކަށް ގޮންޖަހައި އެގަރާރުތަކަށް އަމަލުކުރުމަށް ފާޅުގައި ދެކޮޅު ހަދާފައެވެ. މީގެ އިތުރުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ލާއިންސާނީ ޖަރީމާތަކާއި ގަތްލުއާންމުތައް ބަލައި ތަހުގީގުކުރުމަށް އދން މަސައްކަތްކުރާ ކޮންމެ ފަހަރަކުވެސް އިސްރާއީލު ވަނީ އެއްބާރުލުން ނުދީ އެކަމަށް ހުރަސްއަޅާފައެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް